ގާހިރާ (25 އޮކްޓޯބަރު) - ޔޫގަންޑާގެ ވެރިރަށް ކަމްޕާލާގައި އިއްޔެ ދިން ނުރައްކާތެރި ބޮމުގެ ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓް އިން އިރާގް އެންޑް ސީރިއާ (އައިސިސް)އިން ނަގައިފި އެވެ.

އެ ޖަމާއަތުގެ ޓެލެގްރާމް އެކައުންޓް މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ބުނީ ޔޫގަންޑާގެ ސަރުކާރުގެ އިސް ބޭފުޅުން އެއްވާ ކްލަބެއްގައި އެ ޖަމާއަތުގެ ބައެއް މެމްބަރުން ބޮމެއް ހަރުކޮށްފައިވާނެ ކަމަށެވެ.

ކަމްޕާލާގެ ރަށްބޭރުގައި ހުރި އޫރު ރެސްޓޯރެންޓަކަށް އަމާޒުކޮށް ދިން މި ހަމަލާގައި އެ ރެސްޓޯރެންޓުގައި މަސައްކަތްކުރާ މުވައްޒަފަކު މަރުވެފައިވާއިރު އިތުރު ތިން މީހަކު ވަނީ ޒަހަމްވެފަ އެވެ. އޭގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސް ކަމަށް ހަބަރުތައް ބުނެ އެވެ.

މިހާތަނަށް އެއްކުރެވިފައިވާ މައުލޫމާތުން ދައްކާ ގޮތުގައި އެ ރެސްޓޯރެންޓުގެ މޭޒެއްގެ ދަށުގައި ބޮން ލާފައި އޮތް ދަބަސް ބޭއްވީ ކަސްޓަމަރުންގެ ގޮތުގައި އެތަނަށް ވަތް ތިން މީހުންނެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން އެ މީހުން ވަނީ އެތަނުން ނުކުމެފަ އެވެ.

ޔޫގަންޑާގެ ރައީސް ޔޮވެރީ މުސެވޭނީ ވަނީ މިއީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ބުނެ މި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. އެއާއެކު މިކަމުގައި ޒިންމާވާ މީހުން ހޯދައި ހައްގުވާ އަދަބު ދިނުމަށް ވެސް އެމަނިކުފާނު ވަނީ ތަހުގީގީ އިދާރާތަކަށް ގޮވާލައިފަ އެވެ.

މީގެ ކުރިން ޔޫގަންޑާގައި މިފަދަ ހަމަލާއެއް އެންމެ ފަހުން ދިނީ 2010 ވަނަ އަހަރު އެގައުމުގެ ސިފައިން ސޯމާލިއާގައި ތިބި ކަމަށް ބުނެ ސޯމާލިއާގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އަލްޝަބާބު ޖަމާއަތުންނެވެ. އެ ހަމަލާގައި ވެސް ގިނަ ބަޔަކު ވަނީ މަރުވެފަ އެވެ. – ދަ ސްޓްރެއިޓް ޓައިމްސް