އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ސަރަހައްދުގައި ފެންބޮޑުވާ މައްސަލައަށް ހައްލެއް ގެނެސްދިނުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މިގޮތުން އައިޖީއެމްއެޗްގެ ހުޅަނގު ފަރާތުގެ ފާރު ކައިރީ ފެންބޮޑުވާ މައްސަލައަށް ހައްލެއް ގެނެސްދޭނެ ކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.

މިކަމާ ގުޅޭގޮތުން މާލޭ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ އެގޮތަށް އެ ސަރަހައްދުގައި ފެންގަނޑެއް އޮންނާތީ އާންމުންގެ ވަރަށް ގިނަ ޝަކުވާތައް އެ ކައުންސިލަށް ލިބިފައިވާ ކަން ފާހަގަކޮށްފަ އެވެ.

މި މައްސަލައަށް ހައްލެއް ގެނެސްދިނުމަށް ސިޓީ ކައުންސިލުން އެ ސަރަހައްދުގައި ފެންގަނޑު ހެދޭ ސަބަބު ބަލައި ހޯދާފައިވާ ކަމަށް އެ ކައުންސިލުން ވަނީ ބުނެފަ އެވެ. އަދި އެ ސަރަހައްދުގައި ފެންގަނޑު ހެދެނީ އައިޖީއެމްއެޗްގެ ކޫލިން ޓަވަރުތަކަކުން ބޭރުކުރާ ފެންތަކެއްގެ ސަބަބުން ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.

ހަމައެހެންމެ މިކަމަކީ މީގެ ކުރިން ސިޓީ ކައުންސިލަށް އެނގިފައި ނުވާ ކަމެއް ކަމަށް ސިޓީ ކައުންސިލުން ބުނެފައިވާއިރު، އެފަދައިން މަގުމައްޗަށް އެ ފެން ދޫކުރަނީ ސިޓީ ކައުންސިލްގެ ހުއްދައެއް ނެތިކަމަށް އެކައުންސިލުން ފާހަގަކޮށްފައިވެ އެވެ.

މި މައްސަލަ ހައްލުކޮށްދިނުމަށް އެހޮސްޕިޓަލުން މީގެ ކުރިން ވަނީ އެމްޑަބްލިޔުއެސްސީ ގައި އެދިފަ އެވެ. ނަމަވެސް އެކަމަށް ހައްލެއް ނުލިބުމާއި ގުޅިގެން އެ ހޮސްޕިޓަލުން މިހާރު ވަނީ އެކަމަށް ހައްލެއް ހޯދައިދިނުމަށް އެދި ސިޓީ ކައުންސިލަށް އެކަން ހުށަހަޅާފަ އެވެ.