އދ. ދަނގެތީގައި އަނިޔާވެރި ގޮތަކަށް މަހްމޫދު އަބޫބަކުރު މަރައިލި ކަމުގެ ތުހުމަތުކުރެވޭ ބަންގްލަދޭޝްގެ ޝާ އަލޮމް މިއާ (ސާލިމް)ގެ މައްޗަށް އެ ރަށުގެ ފިހާރައެއް މީގެ ކުރިން ފަޅައިލިކަމުގެ ތުހުމަތު ވެސް ކޮށްފި އެވެ.

ދަންގެތީގައި ހުރި ފިހާރައަކަށް ދަންވަރުގެ ވަގުތެއްގައި ސިއްރުން ވަދެގެން އުޅޭ މަންޒަރު ފެންނަ ސީސީޓީ ފުޓޭޖް ބައެއް މީޑިއާތަކަށް ލިބިފައިވާ ކަމަށް ނޫސްތަކުން ބުނެފައިވެ އެވެ. އަދި އެ ފުޓޭޖުގައި އޭނާ ހުރީ ދިގު ކޯޓެއް ލައިގެން ކަމަށާއި، މިހާދިސާ ހިނގާފައިވަނީ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ކަމަށް ނޫސްތަކުގައި ބުނެފައިވެ އެވެ.

މި މައްސަލައާ ގުޅިގެން ރަށުގެ ރައްޔިތުން ޝައްކުކުރަނީ ސާލިމްއަށް ކަމަށް އެރަށު ކައުންސިލްގެ ނައިބު ރައީސް އިމްރާން އަަހްމަދު ވަނީ ވިދާޅުވެފަ އެވެ. އަދި މަހުމޫދު މަރައިލި މައްސަލައިގެ މައުލޫމާތު ހިއްސާކުރުމަށް ޕޮލިހުންގެ ޓީމެއް ދަނގެއްޗަށް ދިއުމުން، އެ ޓީމާއެކު އެ ރަށަށް ސީޕީ ހަމީދު ވަޑައިގެންކަން ފާހަގަކުރައްވައި އޭނާ ވަނީ ސީޕީ މުހައްމަދު ހަމީދަށް ވެސް އެކަން އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި މައްސަލައާއި ގުޅިގެން ސާލިމްގެ މައްޗަށް ޝައްކު އުފެދެނީ ފިހާރަ ފަޅާލި ރޭ، ވީޑިއޯއިން ފެންނަ މީހާ ލައިގެން ހުރި ވިއްސާރަ ކޯޓު ސާލިމްގެގެ ފާސްކުރުމުގައި ފެނިފައިވާތީ ކަމަށް އިމްރާން ބުނެފައިވެ އެވެ.

އޭނާ ފިހާރައަށް ވަދެފައިވަނީ ބިއްލޫރިގަނޑު ކަފައިގެން ދޮރު ހުޅުވައިގެން ކަމަށާއި ފިހާރައަށް ވަދެ ގެންދިޔައީ ކޮން އެއްޗެއް ކަމެއް މިހާތަނަށް ސާފުވެފައެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ބަލައި ތަހުގީގުކުރަމުން ކަމަށްވެސް އިމްރާން ވިދާޅުވި އެވެ.