ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރުމަށްޓަކައި ބަޖެޓްގައި ފައިސާ ހިމެނުމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ގޮވާލައްވައިފި އެވެ. ސަލީމް މިކަމަށް ގޮވާލެއްވީ މިއަދު ކުރިއަށްދާ ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

ސަލީމް ވިދާޅުވީ ހިޔާ ފްލެޓްތަކުގައި ރައްޔިތުން ދިރުއުޅެނީ ވަރަށް ދަތި ހާލުގައި ކަމަށާއި އެތަން މިސަރުކާރުން ނުނިންމާ ހަވާލުކުރުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑު ތަކުލީފަކަށް ވެފައިވާ ކަމަށެވެ. ރައްޔިތުންނާ ދޭތެރޭގައި މިގޮތަށް ކަންތައް ކުރުމަކީ ރައީސް ޔާމީނަށް ކުރެވޭ ޖެއްސުމެއް ނޫންކަމަށާއި އެއީ ސީދާ ރައްޔިތުންނަށް ކުރެވޭ ޖެއްސުމެއް ކަމަށްވެސް ސަލީމް ވިދާޅުވި އެވެ. މުނިފޫހިފިލުވުމަށާއި ސަރުކާރުގެ އިސްވެރިންގެ ކަންކަމަށް ބޮޑެތި އަދަދުތަކުން ފައިސާ ހަމަޖައްސާފައިވާއިރު ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ކުލި ކުޑަކުރުމަށް ފައިސާ ހަމަޖައްސަން ޖެހޭނެ ކަމަށެވެ. އަދި ރައީސުލް ޖުމްހޫރިއްޔާއާއި ސަރުކާރުގެ އިސްވެރިން ވިހި ތިރީސް މީހުންގެ ވަފްދުތަކާއެކު ދުނިޔޭގެ ކަންކޮޅުތަކަށް ދަތުރު ކުރައްވަން ގިނަ އަދަދެއްގެ ފައިސާ ބަޖެޓްގައި ހިމަނާފައިވާތީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ސަލީމްވަނީ މިފަދަ ކަންކަމުގައި އިސްލާމީ ތާރީޚުން މިސާލު ނެންގެވުމަށް ގޮވާލާފަ އެވެ.

" މަސްޖިދުލް އަގްސާގެ ތަޅުދަނޑިއާ ހަވާލުވުމަށްޓަކައި އުމަރުގެފާނު ދަތުރުފުޅު ކުރެއްވީ އެންމެ އެހީތެރިޔަކު ގޮވައިގެން. އެމަނިކުފާނަށް ހުރިހާ އަސްހާބު ބޭކަލުން ގޮވައިގެންވެސް ދަތުރުކުރެވިދާނެ ނޫންތޯ؟ އެކަމަކު ދައުލަތުގެ ހަރަދު ކުޑަކުރެއްވުމަށްޓަކައި ވަޑައިގެންނެވީ އެންމެ އެހީތެރިޔަކު ގޮވައިގެން. މިހިރީ އިސްލާމީ ތާރީހުގައި ވެރިން ކަންކުރަންވީ ގޮތް." ސަލީމް ވިދާޅުވި އެވެ.

ސަލީމްވަނީ ބަޖެޓުގައި ހުރި މިފަދަ ކަންކަމުގެ ތެރެއިން ފައިސާ ސަލާމަތްކޮށް ހިޔާ ފެލްޓްގައި ދިރިއުޅޭ ކޮންމެ އާއިލާއަކަށް އެއްލައްކަ ރުފިޔާ ކަނޑައެޅުމަށް ގޮވާލާފަ އެވެ. ހިޔާ ފުލެޓުގެ ކުލި ކުޑަކުރުމަށް ބޭނުންވަނީ 160 ވަރަކަށް މިލިއަން ރުފިޔާ ކަމަށާއި، އެކަން ނުކުރަންވީ ސަބަބަކީ ކޮބައިތޯ ސަލީމު ސުވާލު ކުރެއްވި އެވެ.

މިހާރުވެސް ކޮންމެ ދުވަހަކު ރައީސުލްޖުމްހޫރިއްޔާގެ ގެކޮޅުގެ ޚަރަދަށް 75،000 ރުފިޔާ ޚަރަދު ކުރަމުންދާއިރު މިއީ ވިސްނަން ވެއްޖެ ކަމެއްކަމަށާއި ރާއްޖޭގައި ނިކަމެތި ހާލުގައި ކާނޭ ގޮތެއްވެސް ނެތި އެތައް ބަޔަކު ތިބިއިރު މިފަދަ ބޮޑެތި ޚަރަދުތަކެއް ދައުލަތުގެ ވެރިންނަށް ކުރާކަމީ ކަންބޮޑުވުމެއްކަމަށް ސަލީމް ވިދާޅުވި އެވެ. ބަޖެޓުން ފެންނަން ހުރި އަދަދުތަކުން ފެނިގެންދަނީ މާޔޫސްކަން ކަމަށާއި، ދަރަނިން ސަލާމަތް ކުރުމަށްޓަކައި ބަޖެޓް 25 ބިލިޔަނަށް ކުޑަ ކުރަންޖެހޭކަމަށް ސަލީމް ވިދާޅުވި އެވެ.