އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި އައްޑޫ ރައްޔިތުންގެ އެދޭ ބްރިޖް ހިމަނާފައި ނުވާތީ އެ ސިޓީގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

އައްޑޫ ސިޓީގެ ހުޅުދޫ މީދު އާއި އެ ސިޓީގެ ދެން ގުޅިފައިވާ ރަށްތަކާ ގުޅާލުމަށްޓަކައި ބްރިޖެއް އަޅާދިނުމަށް އައްޑޫ ސިޓީގެ ރައްޔިތުން ދިޔައީ ވަރަށް ބޮޑަށް ވަކާލާތު ކުރަމުންނެވެ. އަދި އެކަމަށްޓަކައި ސޯޝަލް މީޑިއާގެ ޕްލެޓްފޯމެއް ކަމަށްވާ ކްލަބްހައުސްގައި ވެރިކަން ކުރާ ޕާޓީގެ އިސް ބޭފުޅުންނާއި އިދިކޮޅު ޕާޓީއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި މިފަދަ ބޭބޭފުޅުންނާއެކު ބްރިޖް ހަގީގަތަކަށް ހެދުމަށްޓަކައި ސެޝަންތައް ބާއްވާ އައްޑޫ ރައްޔިތުންގެ ޚިޔާލުތައް ވެސް ހިއްސާކޮށްފައިވެ އެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ ބްރިޖް ބަޖެޓްގައި ހިމެނުއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ. އަދި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވެސް ވިދާޅުވެފައިވަނީ ބަޖެޓްގައި ބްރިޖް މަޝްރޫއު ހިމެނުމަށް ސަރުކާރުގައި އެދޭނެ ކަމަށެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީން ބުނެފައިވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި އައްޑޫގެ ދެފަރު ގުޅުވާލާނެ ބްރިޖެއް އަޅުއްވައިދެއްވާނެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވާނެ ކަމަށާއި އަދި ޕީޕީއެމުން އޭރު ނެރުނު މެނިފެސްޓޯގައި ވެސް އެ ވާހަކަ ބަޔާންކޮށްފައިވާނެ ކަމަށެވެ. އަދި ދެން ވެސް އެ ވައުދުފުއްދޭނީ ރައީސް ޔާމީނަށް ކަމަށެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި އައްޑޫސިޓީގެ ބްރިޖް ނުހިމެނުމަކީ އައްޑޫ ރައްޔިތުންގެ ކަންބޮޑުވުމެކެވެ، ބަޖެޓްގައި ގއ. ވިލިނގިއްޔާއި ގއ. ކޫއްޑޫ ބްރިޖު އެޅުމަށް ދިރާސާކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި 450،000 ރުފިޔާ ހިމަނާފައިވެ އެވެ. އަދި ބ. ފެހެންދޫއާއި ބ. ގޮއިދޫއާއި، މ. މުއްޔާއި މ. ނާލާފުށްޓާއި، ތ. ވޭމަންޑޫއާއި ތ. ކިނބިދޫއާއި، ލ. ކަލައިދޫ އާއި ލ. ދަނބިދޫއާއި، ލ. ކުނަހަންދޫ އާއި ލ. މެންދޫގެ އިތުރުން ލ. ހިތަދޫ އާއި ލ. މެންދޫ ކޯޒްވޭއަކުން ގުޅާލަން ވެސް އަންނަ އަހަރުގެ ބަޖެޓުގައި ފައިސާ ހިމަނާފައިވެ އެވެ.

މިކަމާ ގުޅިގެން ހުރިހާ އާ ވާހަކަދެއްކި އައްޑޫ ސިޓީގެ ހުޅުދޫ ރައްޔިތަކު ބުނީ މިސަރުކާރުން ދައްކަނީ ހުސް ވާހަކަތަކެއް ކަމަށާއި ސަރުކާރުން ވެފައިވާ ވައުދު ނުފުއްދޭ ކަމަށެވެ. ކެމްޕެއިންގެ ތެރޭގައި އައްޑޫ ސިޓީގެ މޭޔަރވެސް ބްރިޖް އެޅޭނެ ކަމުގެ ހުވަފެން ދައްކާފައިވާ ކަމަށާއި އަދި ބްރިޖް އެޅުމަށްޓަކައި ކޮށްދެވެން ހުރި ހުރިހާ މަަސައްކަތެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވި ކަމަށެވެ. އެހެންކަމުން އަންނަ އަހަރުގެ ބަޖެޓުގައި އައްޑޫ ބްރިޖް ހިމަނާފައިނެތުމަކީ ވަރަށް ހިތާމަކުރާ ކަމެއް ކަމަށް އޭނާ ބުންޏެވެ.

އަވަސް އޮންލައިންއަށް ދީފައިވާ އިންޓަރވިއު އެއްގައި ނިޒާރު ވިދާޅުވެފައިވަނީ ބްރިޖް މިފަހަރުގެ ބަޖެޓްގައި ހިމެނިފައި ނުވަނީ ބަޖެޓްގެ ތާށި ކަމުން ކަމަށެވެ. އަދި 2023 ވަނަ އަހަރުގެ ބަޖެޓްގައި ބްރިޖް ހިމެނުމަށް ބާރު އަޅުއްވާނެ ކަމަށެވެ.