ވޭތުވެދިިޔަ އަހަރު ދައުލަތުގެ ބަޖެޓަށް އާމްދަނީ ހޯދުމަށް ކަނޑައަޅާފައިވާ ކަންކަމުން އާމްދަނީ ނުލިބޭތީ އާއި ދަރަނި ބޮޑުވަމުން ދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ސަރުކާރުގެ ފިސްކަލް ޑިސިޕްލިން ހިފަހައްޓަން ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ގޮވާލައްވައިފި އެވެ.

ބަޖްޓް ބަހުސްގައި ވާހަކަދައްކަވަމުން ޣައްސާން ވިދާޅުވީ 2021 ވަނަ އަހަރުގެ ބަޖެޓް ހުށައެޅުއްވި އިރު ހިލޭއެހީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަނަދާޒާކުރައަވާފައި އޮތް ކަމަށާއި އެހެންނަމަވެސް، މިއަހަރުގެ އޮކްޓޫބަރ މަސް އައިއިރު މި ގިންތިން ލިބިފައި އޮތީއެންމެ 392 މިލިއަން ރުފިޔާ ކަމަށެވެ. އެހެން ކަމުން ދުނިޔޭގެ އިގްތިސާދީ ހާލަތަށާއި ހިލޭ އެހީ ދެއްވާ ގައުމުތަކުގެ އިގްތިސާދީ ހާލަތަށް ބަލައި މިއީ ނުލިބިދާނެ ފައިސާއެއް ކަމަށް ބެލުމުގެ ހާލަތެއް އެބައޮތް ކަމަށް ޣައްސާން ވިދާޅުވިއެވެ.

2021 ވަނަ އަހަރު ހުށައެޅުއްވި ބަޖެޓްގައިވެސް މިކަހަލަ އަންދާޒާ ތަކެއް އެބަހުރި ކަަމަށް ޣައްސާން ވިދާޅުވި އެވެ. ބިން ވިއްކައިގެން 300 މިލިއަން ރުފިޔާ ލިބޭނެކަމަށާއި ،ޓެލެކޮމިއުނިކޭޝަން އޮޕަރޭޓިން ލައިސަންސް ދޫކޮށްގެން އަދި ފްރިކުއެންސީ ސްޕެކްޓްރަމުން 300 މިލިއަން ރުފިޔާ ލިބޭނެ ކަމަށާއި ރިއަލްއެސްޓޭޓް ޓޫރިޒަމުން 154 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރައްވާފައި ވާކަމަށް ޣައްސާން ފާހަގަކުރެއްވި އެވެ.

"އެހެންނަމަވެސް، 2021ވަނަ އަހަރު، މިއަހަރު މިހާތަނަށް އައިއިރު މިގިންތިން އެންމެ ރުފިޔާއެއްވެސް ދައުލަތުގެ ބަޖެޓަށް ލިބިފައެއް ނުވޭ. މީގެ އިތުރުން ޓޫރިޒަމްގެ މަސައްކަތްތެރިކަމަށް ރިޒޯޓްތައް ކުއްޔަށް ދީގެން އިކުއިސިޝަން ކޮސްޓްގެ ތެރެއިން 154 މިލިއަން ރުފިޔާ މިއަހަރުގެ ތެރޭގައި ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިމިދިޔަ އަހަރުގެ ބަޖެޓް ގައަ އޮތް އިރު މިއަހަރުގެ މިހާތަނަށް އެންމެ ރަށެއް ވިއްކައިގެން ލިބިފައިވަނީ އެންމެ ހަތަރު ލައްކަ ޑޮލަރު." ޣައްސާން ވިދާޅުވި އެވެ.

ޣައްސާން ވިދާޅުވީ ދިވެހި އިގްތިސާދާ މެދު އިންވެސްޓަރ ކޮންފިޑެންސް ނުއުފެއްދިއްޖެ ނަމަ މިފަދަ ފައިސާތައް ނުލިބިދާނެ ކަމަށް ސަމާލުވާން ޖެހޭ ކަމަށެވެ. ބަޖެޓް ތަންފީޒު ކުރަން ހުށައަޅާފައިވަނީ 9.7 ބިލިއަން ރުފިޔާ ދަރަނިވެރިވެގެން ޑެފިސިޓް ވެގެން ކަމަށާއި ޑެފިސިޓުވާ ކޮންމެ ހާލަތަކީ ކަންބޮޑުވާންޖެހޭ ކަމެއް ނޫންކަން ތާރީޚުން އެނގޭ ކަމަށް ޣައްސާން ވިދާޅުވި އެވެ.

2013 އިން 2018 އަށް ބަޖެޓު ޑެފިސިޓުވީ ޖުމްލަ 22 ބިލިއަން ރުފިޔާއިންކަން ފާހަގަކުރައްވައި ޣައްސާން ވިދާޅުވީ އެ ޑެފިސިޓުން ތަރައްޤީގެ މަޝްރޫއުތަކަށް ހޭދަކޮށްފައިވަނީ ކުރިއަށް އޮތް ތަނުގައި ފައިސާ ދައްކާނެ ގޮތްތައް ރާވައިގެން ކަމަށެވެ. އަންނަ އަހަރު ހިމަނައިގެން ރައީސް ސާލިހުގެ 4 އަހަރުގައި 44 ބިލިއަން ރުފިޔާއިން ބަޖެޓު ޑެފިސިޓުވާނެކަން ޣައްސާން ފާހަގަކުރެއްވި އެވެ.

މިވަގުތު އެންމެ ބޭނުންވަނީ އިގްތިސާދީ ރިފޯމް ކަމަށް ޣައްސާން ވިދާޅުވި އެވެ.