ޚަރްތޫމް (11 ނޮވެމްބަރު) - ސޫދާނުގައި ހިންގި އަސްކަރީ ބަޣާވާތަށްފަހު އެގައުމުގައި ވެރިކަން ކުރާނެ އިންތިގާލީ ކައުންސިލެއް ހަދައި، އެކައުންސިލުގައި ހިމެނޭ ބޭފުޅުން އިއުލާންކޮށްފި އެވެ.
ބުރާސްފަތި ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބަޣާވާތުގެ ލީޑަރު އަދި އަސްކަރިއްޔާގެ ޗީފް އަބްދުލް ފައްތާހު އަލް ބުރުހާން ވިދާޅުވީ އޭނާއަށް ލިބިފައިވާ އަސްކަރީ އަދި ގާނޫނީ ބާރުތަކުގެ ދަށުން ގައުމުގެ ކަންކަން ހިންގުމަށް އިންތިގާލީ ކައުންސިލެއް އުފައްދަން ނިންމަވާފައިވާ ކަމަށެވެ.
ސޫދާނުގެ ރައީސް އުމަރު އަލް ބަޝީރުގެ ވެރިކަން ވެއްޓުމަށްފަހު އެ ގައުމުގެ އެންމެ މަތީ ވެރިއަކަށް މިހާރު ހުރީ ބުރްހާން އެވެ.
އަލަށް އިއުލާނުކުރި ކައުންސިލްގެ ރިޔާސަތުގައި ބުރުހާން އިންނަވާއިރު އޭނާގެ އިތުރުން އަސްކަރިއްޔާގެ އިސް ބައެއް ވެރިންނާއި އާއްމު ރައްޔިތުން ތަމްސީލުކުރާ މެމްބަރުންނާއެކު ސޫދާންގެ ކުރީގެ އެކްޓިވިސްޓުން ވެސް މި ކައުންސިލުގައި ހިމެނެ އެވެ.
ސޫދާންގެ އިންތިގާލީ ކައުންސިލް އިއުލާންކުރީ ބަޣާވާތުގެ ދެހަފްތާ ފަހުން ކަމަށް ވީއިރު މި ދެހަފްތާގައި އެގައުމުގެ ވެރިކަން ކުރާ ނިޒާމު އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ.
ބުރްހާންގެ ކައުންސިލް އިއުލާން ކުރެވުމާއެކު ގިނަ އަދަދެއްގެ ބަޔަކު ވަނީ ވެރިކަން ކުރާ ޚަރުތޫމްގެ މަގުތަކަށް ނުކުމެ މުޒާހަރާކޮށްފަ އެވެ. އޭގެ އިތުރުން މި ހޮނިހިރު ދުވަހު ބަޣާވާތާ ދެކޮޅަށް ބޮޑު މުޒާހަރާއެއް ބޭއްވުމަށް މިނިވަން ޖަމާއަތްތަކުން އަންނަނީ ތައްޔާރު ވަމުންނެވެ.
ސޫދާންގައި ހިނގަމުން އަންނަ ދާޚިލީ ހަމަނުޖެހުންތަކަކީ ކަންބޮޑުވާން ޖެހޭ ކަމަށް ބުނެ އދ ވަނީ އެގައުމުގެ މަޝްރަހު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ބުނެފަ އެވެ. -- އަލް އަރަބިއްޔާ