އިންޑިޔާއިން ޜާއްޖޭގައި ދުއްވާ 2 ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ދުއްވަން އިންޑިޔާގެ 75 ސިފައިން ރާއްޖޭގައި ތިބޭކަން ހާމަވެއްޖެ އެވެ. މިކަން ހާމަވެފައިވަނީ އިންޑިއާ އެކު ރާއްޖެއިން ހަދާފައިވާ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ސަލާމަތަށް ނުރައްކާ އޮތް ކަމަށް ބުނެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން އެ ކޮމިޓީއަށް ޑިފެންސާއި އެމްއެންޑީއެފްގެ އިސްވެރިން ރޭ ހާޒިރުކުރުމުން ދެއްވި ޖަވާބާއި ދެއްކެވި ޕްރެޒެންޓޭޝަންތަކުން ނެވެ.

މި ޕްރެޒެންޓޭޝަންއަސްފަހު މެންބަރުންނަށް ސުވާލު ކުރަން ދެއްވި ފުރުސަތުގައި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވަނީ ޑޯނިއާ މަތިންދާބޯޓު ބަލަހައްޓަން ރާއްޖޭގައި އިންޑިއާގެ އަސްކަރިއްޔާގެ ކިތައް މީހުން ގާއިމްވެ ތިބިތޯ ސުވާލުކުރައްވާފަ އެވެ.

އޭގެ ޖަވާބުގައި ކޮމިޓީއަށް ހާޒިރުވެވަޑައިގެން އިންނެވި ޑިފެންސްގެ އޮފިޝަލަކު ވިދާޅުވީ ޑޯނިއާ މަތިންދާ ބޯޓު ބަލަހައްޓަން ޖުމުލަ 25 މީހުން ތިބޭ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން ޕައިލެޓުންނާއި، އެއް އޮބްޒާވަރެކެވެ. އޭގެ އިތުރުން، އިންޑިއާގެ ދެ ހެލިކޮޕްޓަރު އޮންނަ ދެ ސަރަހައްދުގައި، ކޮންމެ ތަނެއްގައި އިންޑިއާގެ 25 މީހުން ރާއްޖޭގައި ތިބޭނެ ކަމަށް އެމްއެންޑީއެފް އިން ކޮމިޓީގައި ވަނީ ބުނެފަ އެވެ.

ޝަމާލް ވިދާޅުވީ ޑޯނިއާ މަތިންދާބޯޓު ދުއްވުމަށް އެކަށީގެންވާ ޕައިލެޓުން ނުލިބުމުގެ މައްސަލަ ބޮޑު ކަމަށެވެ. އެގޮތުން އަމިއްލަ އެއާލައިންތަކުގައި ޕައިލެޓުންނަށް ލިިބޭ މުސާރައަށް ބަލާއިރު އެމްއެންޑީއެފްއަށް ޕައިލެޓުން ލިބުމުގެ ދަތިިކަން އެބަހުރި ކަމަށާއި އެހެންވެ، ދެން ޖެހެނީ އެމްއެންޑީއެފްގެ ތެރެއިން ޕައިލެޓުން ތަމްރީނު ކުރަން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދާދިފަހުން ވެސް ޕައިލެޓުންނަށް ދަތުރު ކުރެވޭނެ ގަޑި ހަމަވެގެން ޑޯނިއާ ނުދުއްވި ބާއްވަން ޖެހުނު ކަމަށް އޭނާ ވިދާޅުވި އެވެ.

ޑޯނިއާ ބޯޓު އޮޕަރޭޓުކުރުމާ ގުޅޭ ގޮތުން ހަދާފައިވާ ދެ އަހަރުދުވަހުގެ އެއްބަސްވުމުގައިވާ ގޮތުން އެ ބޯޓު ދުއްވަން ޖެހޭނީ އިންޑިއާ އާއި ދިވެހި ސިފައިން ގުޅިގެންނެވެ. އަދި ކުރަން ޖެހޭ ގިނަ ހަރަދުތައް އިންޑިއާ އިން ކުރަން އޮންނަ އިރު އެއްބަސްވުމުގައިވާގޮތުން ފްލައިޓު ދުއްވޭނީ އެމްއެންޑީއެފްގެ ހުއްދައާ އެކުގަ އެވެ.