ދިވެހި ޕައިލެޓުންގެ ބަދަލުގައި އިންޑިޔާގެ އަސްކަރީ ސިފައިން ރާއްޖޭގައި އޮންނަ ޑޯނިއަރ ފްލައިޓް ދުއްވަނީ ދިވެހި ޕައިލެޓުންނަށް މުސާރަ ދޭނެ ބަޖެޓް ނެތުމުން ކަމަށް ޑިފެންްސް މިނިސްޓަރ މާރިޔާ ދީދީ ވިދާޅުވެއްޖެ އެވެ. ޑޯނިއަރ އެއްބަސްވުމާއި ގުޅޭ މައުލޫމާތު މަޖިލީހުގެ 241 ކޮމިޓީއަށް ހިއްސާކުރެއްވުމަށް ދެއްވި ޕްރެޒެންޓޭޝަންއަށްފަހު މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރ މާރިޔާ ވިދާޅުވީ، އެހެން ގައުމުތަކުގައި ދޭ ގޮތަށްް ދިވެހި ޕައިލަޓުން ނަގާ އެމީހުންނަށް މުސާރަ ދެވޭނެ ގާބިލްްކަން ދިވެހި ދައުލަތުގެ ބަޖެޓުގައި ނެތް ކަމަށެވެ. އަދި ޑޯނިއާ މަތިންދާބޯޓާއި އިންޑިއާއިން ދީފައިވާ ހެލިކޮޕްޓަރުތައް މަރާމާތުކޮށް އެތަކެެތި ބެލެހެއްޓުމަކީވެސް ދިވެެހި ސަރުކާރަަށް ވާނެ ކަމެއް ނޫން ކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ އަމިއްލަ އުޅަނދުތައް ގެންގުޅުމުގެ ވިސްނުން އެމްއެންޑީއެފް އިން އަބަދުވެސް ގެންގުޅޭ ކަމަށާއި އެކަމަކު ބަޖެޓްގެ ދަތިތަކާ މެދު އެކަންކަން ހާސިލް ނުވާ ކަމަށެވެ. އެގޮތުން ގިނަ އަދަދެއްގެ ސީއެމްބިއުލާންސް ވެސް ހުރީ ހަލާކުވެފައި ކަމަށާއި އެކަމުގެ ޝަކުވާ ވަރަށް ބޮޑު ކަމަށާއި އަދި އާ ސީ ސީއެމްބިއުލާންސް ގެނައުމުގެ މަސައްކަތް ކުރަން ޖެހެނީ ވެސް ވަރަށް ގިނަ ދަތިތަކާ އެކު ކަމަށް އޭނާ ވިދާޅުވި އެވެ.

ޗީޕް އޮފް ޑިފެންސް ފޮސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމަލާ ވިދާޅުވީ ޑޯނިއާ މަތިންދާބޯޓު ދުއްވުމަށް އެކަށީގެންވާ ޕައިލެޓުން ނުލިބުމުގެ މައްސަލަ ބޮޑު ކަމަށެވެ. އެގޮތުން އަމިއްލަ އެއާލައިންތަކުގައި ޕައިލެޓުންނަށް ލިިބޭ މުސާރައަށް ބަލާއިރު އެމްއެންޑީއެފްއަށް ޕައިލެޓުން ލިބުމުގެ ދަތިިކަން އެބަހުރި ކަމަށެވެ.

ޑޯނިއާ ދުއްވުމަށްޓަކައި ދިވެހި ޕައިލެޓުން ތަމްރީނު ކުރަންޖެހޭ ގޮތަށް އެއްބަސްވުމަށް ބަދަލު ގެނައީ މިދިޔަ އަހަރު އެ އެއްބަސްވުން ރިވިއު ކުރުމަށްފަހުގަ އެވެ. އަދި ޑޯނިއާ ބެލެހެއްޓުމަށްޓަކައި ރާއްޖޭގައި ބައިތިއްބާފައި ތިބޭ އިންޑިއާ ސިފައިންގެ ހުރިހާ ޚަރަދެއް ވެސް ބަލަހައްޓަނީ އިންޑިޔާ ސަރުކާރުންނެވެ. އެހުރިހާ އެންމެންނަށް ޑިޕްލޮމެޓިކް އިމްތިޔާޒުވެސް ލިބެ އެވެ.