އިންޑިއާ އާއި އެމެރިކާއާ ދެމެދު ސެޓްލައިޓް ޑޭޓާ ހިއްސާ ކުރުމުގެ މުހިއްމު ޑިފެންސް އެގްރިމެންޓެއްގައި ސޮއި ކޮށްފި އެވެ.

މި އެގްރިމެންޓެއްގައި ސޮއި ކޮށްފައި މިވަނީ އިންޑިއާއާއި ޗައިނާއާ މެދު ބޯޑަރުގެ ހަމަނުޖެހުން ބޮޑުވެފައި ވަނިކޮށެވެ. ސެޓްލައިޓް ޑޭޓާ އަކީ ސީދާ އަމާޒަށް މިސައިލްއާއި ޑްރޯން ފަދަ ތަކެތި ފޮނުވުމަށް މުހިއްމު އެއްޗެކެވެ.

މި ޑީލް އިއުލާންކޮށްފައި ވަނީ ކޮންމެ އަހަރަކު ވެސް ދިއްލީގައި ބާއްވާ "2+2" ހައިލެވެލް މަޝްވަރާތަކަށް ފަހުގަ އެވެ. ކަމާ ބެހޭ މާހިރުން ލަލާކުރާ ގޮތުގައި އިންޑިއާ އާއި އެމެރިކާއާ ދެމެދު ގުޅުން ވަރުގަދަ ކުރަނީ މި ސަރަހައްދުގައި ޗައިނާގެ ނުފޫޒު ކުޑަކުރުމަށެވެ.

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ މައިކް އެސްޕާ އިންޑިއާއަށް ކުރެވި ރަސްމީ ޒިޔާރަތުގައި އެ ގައުމުގެ ޑިފެންސް މިނިސްޓަރު ރާޖްނާތް ސިންގް އާއި ވަނީ ބައްދަލުކުރައްވާފަ އެވެ. އަދި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ވަނީ އިންޑިއާގެ ފޮރިން މިނިސްޓަރު އެސް ޖައިޝަންކަރާ ބައްދަލުކުރައްވާފަ އެވެ.

"ފާއިތުވެ މިދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި އިންޑިއާ އާއި އެމެރިކާގެ ދެމެދުގައި އޮންނަ ގުޅުން މިވަނީ ވަރުގަދަ ވެގެން ގޮސްފައި." ޖެއިޝަންކަރު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި އިއްޔެ ކުރިއަށް ގެންދެވުނު މަޝްވަރާތަކާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި ގައުމީ ސަލާމަތާގުޅޭ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމުގެ މަގުފަހިވެގެން ދާނެ ކަމަށެވެ.