ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަގުތީގޮތުން ދިރިއުޅުއްވުމަށް ހަމަޖެހިފައިވާ މުރައިދޫގެ މަޖިލީހުގެ އިދާރާ އާއި ހަވާލުކޮށްފި ކަމަށް ބުނާ ވާހަކަތައް މަޖިލީހުން ދޮގުކޮށްފި އެވެ.

ރައީސް ނަޝީދު ހުންނެވުމަށް ދައުލަތުން ހަމަޖައްސަވާ ވަގުތީ ގެކޮޅުގެ މަސައްކަތް ނިމިފައިވާ ވާހަކަތައް ދެކެވެމުންދާއިރު، އެ ގެ މިހާރު ވަނީ ރަސްމީކޮށް މަޖިލީހަށް ހަވާލުކޮށްފައިކަމަށް ބައެއް މީޑިޔާ ތަކުގައި ދަނީ ވާހަކަތައް ދެކެވެމުންނެވެ.

ރައްޔިތުން މަޖިލީހުން މިކަން ދޮގުކޮށްފައިވަނީ މުރައިދޫގޭގެ މަސައްކަތް އެއްކޮށް ނިންމާފައިވާކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗާރ ގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވެފައި ވަނިކޮށްށެވެ. އަދި އޭނާ ވަނީ އެގެ މިހާރު ރައްޔިތުން މަޖިލީހާއި ހަވާލުކޮށްފައިވާކަމަށްވެސް ވިދާޅުވެފަ އެވެ.

އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ޑިރެކްޓަރ އަދި މީޑިއާ އެންޑް ކޮމިއުނިކޭޝަން ޙަސަން ޒިޔާއު ވަނީ އެފަދައިން އެކަން ނުވާކަމަށް ވިދާޅުވެ މީޑިޔާތަކަށް މައުލޫމާތުދީ ކަށަވަރުކޮށްދީފަ އެވެ. އަދި މުރައިދޫގެ ރަސްމީކޮށް ރައްޔިތުންގެ މަޖިލީހާއި ހަވާލުކޮށްފައި ނުވާކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރައީސް ނަޝީދު ދިރުއުޅުއްވުމަށް މުރައިދޫގެ ދައުލަތުން ހަމަޖެއްސީ އެމަނިކުފާނު އަވަހާރަކުރެއްވުމަށް ދިން ހަމަލާ އާއި ގުޅިގެން ކުރިން ރައީސް ނަޝީދު ދިރިއުޅުއްވި ގެކަމަށްވާ ގ.ކެނެރީގޭގައި އެމަނިކުފާނަށް ސެކިއުރިޓީ ދޭން އުނދަގޫތަކެއް ހުރުމާއި ގުޅިގެންނެވެ.

އޭގެ އިތުރުން އެމަނިކުފާނު ރާއްޖެ ވަޑައިގަތުމަށްފަހު ހޮޓެލް ޖެންގައި ހުންނެވުމަށް ދައުލަތުން ގިނަ އަދަދެއްގެ ފައިސާ ހަރަދުކުރަމުން ގެންދާކަން ފާހަގަކޮށް އާންމުންގެ ފާޑުކިޔުންތައްވެސް އަމާޒުވެފައިވެ އެވެ.