ދުނިޔޭގެ ރޫރަލް އަދި ރިމޯޓް ސަރަހައްދުތަކަށް އިންޓަނެޓް ފޯރުކޮށްދިނުމަށް ގޫގުލްއިން ކުރިއަށްގެންދާ "ލޫން ޕްރޮޖެކްޓް" ގެ ބެލޫންއެއް ރާއްޖެ ސަރަޙައްދަށް ވެއްޓުމުން ސިފައިން އެ ބެލޫން ނަގައި، ހަވާލުކޮށްފި އެވެ.

އެމްއެންޑީއެފް އިން ބުނީ ލޫން ޕްރޮޖެކްޓްގެ ގޫގްލް އިންޓަނެޓް ބެލޫނެއް ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ވެއްޓުނު ކަމުގެ މައުލޫމާތު، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު އޮޕަރޭޝަނަށް ދީފައިވަނީ މިއަދު ހެނދުނު 10:08 ހާއިރު ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ އެ ބެލޫން ވެއްޓުނީ ގދ. އަތޮޅު އެތެރެވަރިން ނަޑެއްލާ އާއި މަޑަވެއްޔާ ދޭތެރެއަށް ކަމަށެވެ. އަދި ބެލޫން ވެއްޓުނު ކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން، އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ބެލޫން ވެއްޓުނު ސަރަޙައްދަށް ގޮސް، އެ ބެލޫން ވަނީ ހޯދައި ރާއްޖޭގައި ހުންނަ ގޫގްލް ޕްރޮޖެކްޓް ޓީމާ، މިއަދު 11:50 ހާއިރު އެ ބެލޫން ހަވާލުކުރި ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ބެލޫން ވެއްޓުމާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު އޮޕަރޭޝަނާއި އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއާއި ހުޅުލޭ އެއާ ޓްރެފިކް ކޮންޓްރޯލް (އޭޓީސީ) އަދި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ ގުޅިގެން އޮޕަރޭޝަނެއް ކޯޑިނޭޓްކޮށް ކުރިއަށް ގެންގޮސްފައިވެ އެވެ.

ބެލޫން ވެއްޓުމުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ. އަދި އޭގެ ސަބަބުން އެއްވެސް ނުރައްކަލެއް ދިމާވެފައެއް ނުވެ އެވެ.