ޚަރްތޫމް (22 ނޮވެމްބަރު) - ސޫދާނުގައި މިމަހު ކުރީކޮޅު ހިންގި އަސްކަރީ ބަޣާވާތުގައި ހައްޔަރުކުރި އެ ގައުމުގެ ކުރީގެ ބޮޑު ވަޒީރު އަބްދުﷲ ހަމްދޫކް އަލުން އަނބުރާ މަގާމަށް އައްޔަންކުރަން އަސްކަރިއްޔާއިން ނިންމައިފި އެވެ.

މި ނިންމުން ނިންމާފައި މިވަނީ ހަމްދޫކް އާއި އަސްކަރިއްޔާގެ ވެރިޔާ އަބްލް ފައްތާހު އަލް ބުރުހާންއާ ދެމެދު ކުރެވުނު މަޝްވަރާތަކާއެކު ވެވުނު އެއްބަސްވުމުގެ ދަށުންނެވެ.

މި އެއްބަސްވުމުގެ ދަށުން ހަމްދޫކް އަލުން އަނބުރާ ބޮޑުވަޒީރުގެ މަގާމަށް އިސްކުރެވޭއިރު އޭނާގެ ބެލުމުގެ ދަށުން މިނިވަން ކެބިނެޓެއް އުފެއްދޭނެ އެވެ.

އޭގެ އިތުރުން ބަޣާވާތުގައި ހައްޔަރު ކުރެވުނު އެންމެހާ ސިޔާސީ ފަރާތްތައް މިނިވަން ކުރެވޭނެ ކަމަށް ވެސް މި އެއްބަސްވުމުގައިވެ އެވެ. ނަމަވެސް ދައުލަތުގެ އެންމެ ބޮޑު ބާރުތައް އަދިވެސް އޮންނާނީ އަސްކަރިއްޔާގެ ވެރިޔާ ބުރްހާނަށެވެ.

ސޫދާނުގެ ގިނަ ސިޔާސީ ޕާޓީތައް ބައިވެރިވެގެން ކުރިއަށް ގެންދެވުނު މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ މެދުވެރިއެއް ބޭނުންކޮށްގެންނެވެ.

މި އެއްބަސްވުން އާއްމުކޮށް އިއުލާން ކުރެވޭނީ އެ ގައުމުގެ ސޮވޮރައިން ކައުންސިލުން މިއަދު ބާއްވާ ކުއްލި ބައްދަލުވުމަކަށްފަހު ކަމަށް ހަބަރުތައް ބުނެ އެވެ.

މި އެއްބަސްވުން ނިންމާފައި މިވަނީ އަސްކަރީ ބަޣާވާތަކުން ސޫދާނުގެ ވެރިކަމާ ބުރުހާން ހަވާލުވިތާ ގާތްގަނޑަކަށް ތިން ހަފްތާ ފަހުންނެވެ. – އަލް އަރަބިއްޔާ