(4 ވަނަ ބައި)
ހަވީރު ހަތަރެއްވެސް ޖެހިފަހުން އަނާމްގެ ރަޙްމަތްތެރިން ދިއުމުން ސޯފާގައި އޮތްވައި އަނާމްއަށް ނިދުނެވެ. ހޭލެވުނީ ކޮންމެވެސް މީހަކު މަޑުމަޑުން ދޮރުގެ ތަޅުވަޅަށް ތަޅުދަނޑި ޖަހާ އަޑަށެވެ. ވަގުތުން ރަޖާގަނޑު ދަމައި ބޮލާއެކު އެޅިއެވެ. އެ ދޮރު ހުޅުވާފައި އެގޮތަށް ވަންނާނީ އެންމެ މީހެކެވެ. އެ އެޕާޓްމަންޓްގެ ތަޅުދަނޑި އޮންނާނީ އެންމެ މީހެއްގެ އަތުގައެވެ. އެކަމަކު އެއީ އޭނަ ދެކޭހިތްވާ މީހެއް ނޫނެވެ.
"އައްނޫ،ދަރިފުޅާ!" މަންމަގެ އަޑު ޖެހުމުން އިހުނަށްވުރެވެސް ބޮޑަށް އަނާމްއަށް ރަޖާގަނޑު އަޅާލެވުނެވެ.
"ދަރިފުޅާ، އޮފީހަށް ނުދާކަންވެސް މިއެނގުނީ ސަރާމެން ބުނީމަ. ކިހިނެއްވީތަ. މަންމަ ގުޅަންވެސް ގުޅީމޭ މެންދުރުކާން ގެންނަން ވެގެން. ފޯން ނިއްވާފަ އޮތީ. ކިހިނެއްވީ. ކަމެއްވީތަ؟ އަނާމް ކައިރީ އިށީނދެލައިގެން އިނދެ ރަޖާގަނޑު މަތިން އަނާމްގެ ބޮލުގައި ފިރުމަމުން ސާޢިޤާ ވާހަކަ ދައްކަމުން ދިޔައީ ލޯތްބާ އޯގާތެރިކަމާއެކުގައެވެ. އެހެން ކޮންމެ މަންމައަކުވެސް ފަދައިންނެވެ. އަނާމް އާއި ވާހަކ ދައްކާ ކޮންމެ ފަހަރަކު އެ އަޑުގައި ހުންނަ މަޑުމޮޅިކަން މިވަގުތުވެސް ހުއްޓެވެ. އެކަމަކު އެ އަޑުން އަނާމް އަށް ލިބެނީ ނުތަނަވަސްކަމާއި ފޫހިކަމެވެ. އެއީ އަނާމްއަށް ހިތްހަމަޖެހުމެއް ނޫނެވެ.
"މަންމަ މިއައީ އެހެންވެ ދަރިފުޅުގެ ޚަބަރު ބަލާލަން. އެއްޗެއް ކައިފިންތަ؟ ހިނގާ ތިރިއަށް ކާންދާން. މިއަދު ބޯށިހަދާފަ ހުންނާނެ ދަރިފުޅު ކާން. ހިނގަ ދާން." އަނާމް އޭނަގެ ސުވާލަށް ޖަވާބު ނުދިންނަމަވެސް، ސާޢިޤާގެ ލޮލުގެ ނޫރުފަދަ އަންހެންދަރިފުޅު، އަނާންގެ ބޮލުން ރަޖާގަނޑު ނަގަމުން ސާޢިގާ ވާހަކަ ދެއްކީ ކުރިއަށްވުރެވެސް އޯގާތެރިކަމާއެކުގައެވެ.
"އިރުކޮޅަކުން ދާނަން." އޭނަ އަނގައިން ނުބުނަންޏާ މަންމަ ދުރަކަށް ނުދާނެކަން އެނގޭތީ އަނާމް އަށް އުނދަގޫވެގެން އަވަސް އަވަހަށް ބުނެލިއެވެ.
"އެންމެ ރަނގަޅު. އަވަހަށް އަންނާތި. ހަޔެއް ޖަހަން އެ އުޅެނީވެސް." އަނާމް ކައިރީ އިން ސާޢިގާ ތެދުވެގެން ގޮސް ފްރިޖް ބަލަން ފެށިއެވެ. އަނާމްއަށް ބޭނުންވާ އެއްވެސް އެއްޗެއް އެއިން މަދުވެފައިހުރިތޯ ސާޢިގާ ބަލަމުން ދިޔައެވެ. އާދައިގެ މަތިންނެވެ.
"ދޮންބެއާއެކު އެއާޕޯޓަށް ދާން މިއުޅެނީ ހަގަޑިބައިހާއިރު." އަނާމްގެ އެ ރާގު ހުރިގޮތުން ސާޢިގާގެ ހިތަށް ތަދުވިއެވެ. ކުޑައިރު އަބަދު މަންމާ މަންމާ ކިޔަމުން އޭނަ ފަހަތުން ދުވި އެ ކުޑަކުއްޖާ ބޮޑުވިފަހުން، މަންމާއޭ ކިޔާފަ އޭނައަށް މުޚާޠަބް ކުރަނީ މަދުފަހަރަކުއެވެ. އެވެސް މަޖްބޫރު ހާލަތެއް އައިސްގެންނެވެ. މަންމާއޭ ކިޔާފަ ގޮވާނުލާ ވާހަކަ ފަށާކަން އަބަދުވެސް ސާޢިގާޢަށް ފާހަގަ ކުރެވެއެވެ. އެއިން ކޮންމެ ފަހަރަކުމެ ހިތަށް ތޫނު ތަދެއް ލިބެއެވެ. އެހެންނަމަވެސް އެކަމުގައި އޭނައަށް ބުނެވޭނެ އެއްވެސް އެއްޗެއްވެސް އަދި ކުރެވޭނެ އެއްވެސް ކަމެއްވެސް މިހާރަކު ނެތެވެ.
"އެހެންތަ. މީހަކު އަންނަނީތަ؟ ކާކު ފުރަނީ؟" ހިތުގެ ތަދުމަތިން ހަނދާން ނައްތާލަން މަސައްކަތްކުރަމުން ކުޑަކުއްޖަކާ ވާހަކަ ދައްކާހެން ޝައުގުވެރިކަމާއެކު ސާޢިގާ އަހާލިއެވެ. ނަމަވެސް އަނާމްގެ މޫނުން ސާޢިގާއަށް ފެނުނު ކުލަވަރުން އިސްޖަހާލެވުނެވެ. އެ ނޫން ކުލައެއް އޭނައަށް އަނާމް ދައްކާނީ ކޮން ދުވަހަކުބާއޭ ސާޢިގާ ހިތަށް އެރިއެވެ. އެހެންނަމަވެސް އެކަހަލަ ސުވާލެއް އަނާމް އާއި ކުރުމަކީ އޭނަ ކުރާނެ އެންމެ ފަހު ކަންތައްކަމަށް މާކުރިންވެސް ނިންމިފައި އޮތުމުން ސާޢިގާ މިފަހަރުވެސް ގަސްތުކުރީ އެއްވެސް އިތުރު އެއްޗެއް ނޭހުމަށެވެ.
"އެންމެ ރަނގަޅު، މަންމަ އުޅޭނަން ގޭގަ. އަންނާތި ދޮންބެވެސް ގޮވައިގެން ކާން. ދޮންބެ ކައިރީ ބުނާތި މަންމަ ބުންޏޭ ވާހަކައެއް ދައްކާލަން އަންނާށޭ." ސާޢިގާގެ ދޮށީ ދަރިފުޅު، ޖާވިދު އެންމެ ފަހުން އެގެއަށް އައި ދުވަހުވެސް ސާޢިގާއަށް އެކަން އެނގުނީ ގޭގެ ކާރު ޑްރައިވަރު ބުނުމުންނެވެ. ސާޢިގާއަށް ޖާވިދު ނުފެންނަތާ ދެމަހެއްހާ ދުވަސްވެސް ވެދާނެއެވެ. ކުރާނީ ކީއްހެއްޔެވެ. އެ ދެކުދިން ކުރެން ކުއްޖަކު އޭނަގެ އިހްސާސްތަކަށް ގަދަރު ކުރާނެ ގޮތެއް އޭނާ އުޅެ އުޅެ ނެހެދުނެވެ. އެއުކުޅު އޭނައަކަށް ނޭނގުނެވެ.
އިސްޖަހާލައިގެން ހުރެ ސާޢިޤާ ނުކުންނަން ހިނގައިގަތެވެ.
"އަންނަނީ ބައްޕަ." އެޕާޓްމަންޓް ދޮރާއި ހަމައަށްވެސް ސާޢިގާއަށް ދެވުނު ފަހުން އަނާމް ބުނެލިއަޑު އިވުނެވެ.
ސާޢިގާގެ ޙަރަކާތް ހުއްޓުނެވެ. އަތުގައި އޮތް ތަޅުދަނޑިފަތިވެސް އަތުގައި ތަތްވިކަހަލައެވެ.
"އެހެންތަ؟" އަނާމްއާއި ދިމާލަށް އެނބުރިފައި ސާޢިގާއަށް ބުނެލެވުނީ މިހެން އެކަންޏެވެ. އިތުރަށް ބުނާނެ އެއްޗެސް ސާޢިގާއަކަށް ނުވިސްނުނެވެ. އަނާމް އިނީ މަންމައާއި ސީދާ ހަތަރުކަޅި ހަމަކޮށްގެނެވެ. ނަމަވެސް މަންމަގެ އެ "އެހެންތަ" އަކަށް އެއްވެސް އެއްޗެއް ނުބުނެއެވެ. ސާއިޤާއަށް ފެނުނީ ގަސްތުގައި އަނާމް އެއަށް އެއްޗެއް ނުބުނާން އިންކަހަލަ ގޮތެކެވެ. ސާޢިޤާ އަނެއްކާވެސް ދާން ހިނގައިގަތެވެ. އެތަނުގައި ހުރެގެން ދައްކާނެ ވާހަކައެއް ނެތްކަމަށް ސާޢިގާ ނިންމިއެވެ.
"ފާރިޝްއާއި މެރީކުރާކަށް ބޭނުމެއް ނޫން. އެކަން ހުއްޓުވައިދީ ޕްލީޒް" ކުރިއަށްވުރެވެސް ދުރު ބީރައްޓެހި ގޮތަކަށް އަނާމް މި ބުނެލި އެއްޗަކުން ސާޢިގާ ދިޔައީ އިތުރަށް ސިހިގެންނެވެ.
"ދަރިފުޅަށް އެނގޭތަ ތިބުނެވުނީ ކިހާ ވަރެއްގެ ވާހަކައެއްކަން؟" އެނބުރި ގޮސް އަނާމް ކައިރީ އިށީންނަމުން ސާޢިގާ އަހާލިއެވެ. އަނާމް އޭނަގެ މަންމަގެ އެ ސުވާލަށް ޖަވާބެއް ނުދެއެވެ. އަދި ކަންބޮޑުވުމެއްވެސް ފާޅު ނުކުރެއެވެ.
"ކިހާވަރެއްގެ ވާހަކައެއްތަ؟ އެހެން މަންމަމެން ވިސްނަނީ އެމީހުންގެ އަމިއްލަ ކުދިންނަށް ރަނގަޅުވާނެހާ ގޮތެއް. ތި މަންމައަށް ކީއްވެތަ އެކަހަލަ އެއްވެސް ކަމެއް ބޮޑު ނުވަނީ؟" ވަރަށްވެސް ކެރިގެން އަނާމް އަހާލިއެވެ.
"މަންމަ އެހެން ނުވިސްނާފަ ކޮބައިތަ އައްނޫ؟ މަންމަ ހުރިހާ ކަމެއްވެސް މި ކުރަނީ އައްނޫއަށް ރަނގަޅަކަށް ނޫންތަ؟" އަނާމްގެ އަތުގައި އަތް ޖައްސާލަމުން އޯގާތެރި ކަމާއެކު ސާޢިގާއަށް އަހާލެވުނެވެ.
"މެރީވެސް ކުރަން ޖެހެނީ މަންމަ ބުނާ މީހަކާތަ؟ އެ ޙައްގުވެސް އަހަންނަށް ނެތީތަ؟" އަނާމް މިފަހަރު މަންމަގެ އަތް ދުރަށް ނުލައެވެ.
"ނޫކެނޭ އަންނޫ. އެހެން މަންމަ ބުނީ ކޮން އިރަކުތަ؟ ދަރިފުޅު ދެކެ ލޯބިވާ ދަރިފުޅާހެދި އުޅޭ، ރަނގަޅު، ރީތި ޒުވާނެއް އެއީ. އެހެންވެ މަންމަ އެކަމާ ގަބޫލުވީ. ދަރިފުޅުވެސް ގަޔާވެއެއްނޫންތަ ފާރިޝްއާ. މަންމަ ހީކޮށް މިހުންނަނީ އެހެން." ސާޢިގާ މަސައްކަތް ކުރީ ޔަގީން ކޮށްދޭށެވެ.
"ފަހަތުން އުޅޭވަރުން ބޮލަށް އުނދަގޫވެގެން ވާހަކަ ދައްކަން ފެށީ. އޭނައެއްނު މަންމަ ކައިރިއަށް އައިސް މެރީކުރަން ބޭނުމޭ ބުނީ. އަހަންނެއް ނުބުނަމެއްނު؟ މަންމަ ކީއްވެ އަހަރެން ކައިރިން އަހާވެސްނުލާ އާނއެކޭ ބުނެފަ އެކަމަށް ތައްޔާރުވާން އޭނަކައިރީ ބުނީ؟" އުމުރުން އެންމެ ސައުވީސް އަހަރުވެފައި އިން އޭނާގެ ދަރިފުޅުގެ ކައިވެންޏަކީ ސާޢިގާ ދެކެމުން އަންނަ އުފާވެރި ހުވަފެނެކެވެ. އެކަމަށްޓަކައި އޭނަގެ ހިތުގައި އޮތީ ވީ އެންމެ މޮޅަކަށް އެ ދަރިފުޅުގެ ކައިވެނި ތައްޔާރު ކޮށްދިނުމަށެވެ. އެކަމަކު ފާރިޝް ނޫނިއްޔާ އަނާމް އާއި ކައިވެނި ކުރަން ބޭނުންވެގެން އެއްވެސް މީހަކު އޭނައާއި ހަމައަކަށް ނާދެއެވެ. ނޫނީ އައްނޫ އެ މީހަކަށް އަޔަކަ ނުދެއެވެ. ފާއިތުވެދިޔަ ތަނުގަ އެތަކެއް ރަނގަޅު ޒުވާނުން އަނާމް ފަހަތުން އުޅުނު ކަމުގައި ވިޔަސް އެއްވެސް މީހަކާއެކު ހައެއްކަމަސްވެސް އަނާމް ހޭދަނުކުރާކަން ސާޢިގާވެސް ދަނެއެވެ.
"މެރީކުރާ ވާހަކަ އޭނަ ދެއްކީވެސް މަންމައާ. މަންމަ އެކަން ހުއްޓުވާ. އަހަރެން ބޭނުމެއް ނޫން ދުވަހަކުވެސް މެރީ ކުރާކަށް އެއްވެސް މީހަކާ." މަންމަ އެއްޗެއް ނުބުނި ނަމަވެސް އަނާމް އޭނަގެ އަސްލު މައުޟޫޢު އަނެއްކާވެސް ކުރިއަށް ގެންދިޔައެވެ.
އެކަމަކު ކީއްވެ ދަރިފުޅާ.. މިހާ ކުޑަ ދުވަސްކޮޅަކަށްވެފަ އޮތްވާ ކިހިނެއް ކެންސަލް ކުރަނީ، އަނެއްކާ އެންމެންނަށް އަންގައިވެސްފިން." ސާޢިގާއަށް ބުނެލެވުނެވެ.
"އަހަންނެއް ނޫނެއްނު އެންގީ. އެއީ އަހަރެންގެ މައްސަލައެއް ނޫން." އިންތިހާއަށް ފަރުވާކުޑަ ރާގެއްގައި އަނާމް ބުނެލިއެވެ.
"އެކަމަކު ދަރިފުޅާ..އެންމެ ކުޑަމިނުން މަންމަ ކައިރީ ބުނެބަލަ ދަރިފުޅުގެ ޚިޔާލު ބަދަލުވި ސަބަބެއް." ސާޢިގާ ވާހަކަ ދައްކަން އުޅުނެވެ.
"ނޯނީޑް. އެކަން ހުއްޓުވައިދީ. އަހަރެން ބޭނުމެއް ނޫން." ސޯފާއިންވެސް އަނާމް ތެދުވެއްޖެއެވެ. މަންމަ ދެކެ ރުޅިއައިސްގެންނެވެ.
ކުރިމަތީގައި ހުރި އޭނާގެ ރީތި ރީތި ދަރިފުޅަށް ބަލަންހުރެ ސާޢިގާވެސް ކޮޅަށް ތެދުވެއްޖެއެވެ. އަނާމް އަށް އެހެން ވީ ކީއްވެބާވައެވެ؟
"ދަރިފުޅު މިރޭ އައިއްސަ އަދި މަންމަ ބޭނުން ވާހަކަ ދައްކާލަން. އަންނާތި އިނގޭ ދޮންބެ ގޮވައިގެން" އަނާން އެއްޗެއް ނުބުނި ނަމަވެސް އިތުރަށް ވާހަކަ ދައްކަން މަޑުނުކޮށް ސާޢިޤާ ހިނގައްޖެއެވެ.
މަންމަ ނިކުމެގެން ދިޔަ ދޮރާއި ދިމާލަށް ބަލަހައްޓައިގެން އިރުކޮޅަކު އަނާން ހުއްޓެވެ. ރުޅިއައިސް ރަތްވެގެން އެނބުރި ކޮޓަރިއާއި ދިމާލަށް ހިނގައިގަތް އިރު އަނާންގެ ލޮލަށް ކަރުނަ ގިނަވެ ފައިބަން ފަށައިފިއެވެ.
** ** ** ** **
ހަގަޑި ސާޅީސްފަހެއްވީއިރު އަނާމް އިނީ އޭނަގެ ދޮންބެގެ ކާރުގެ ކުރީ ސީޓްގައެވެ. މިސްރާބު ޖަހާފައި ހުރީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ. މީގެ ހަމަސް ދުވަސްކުރިން މެލޭޝިއާއަށް ޖަރުމަނަށް ދިޔަ އެ ދެބެންގެ ބައްޕަ މާލެ އެ އަންނަނީ ހަމަ އެކަނި އެކުދިންނަށްޓަކައެވެ. ޚާއްޞަކޮށް އަނާންއަށްޓަކައެވެ.
"މަންމަ ބުނި ދޮންބެ ގޮވައިގެން ކާން އަންނާށޭ މިރޭ." ފޯނަށް ބަލަހައްޓައިގެން އިނދެ އަނާމް ބުނެލިއެވެ.
ޖާވިދު އޭނާގެ ލޯބިވާ ކޮއްކޮއަށް ބަލާލިއެވެ. އަދި ހިނިތުންވެލިއެވެ. ރުޅިއައިސްފަ އިންނައިރު އޭނަގެ ކޮއްކޮ އަދިވެސް އޭނައަށް އެހާ ލޯތްބެވެ.
"މޫނުގަ ކޯޗެއް ތިހިރީ ހާކާފަ." ކާރު ދުއްވަން އިން ޖާވިދު ވަރަށް ސީރިއަސްގޮތަކަށް ޖާވިދު މިހެން އަހާލުމާއެކު އަނާން ދިޔައީ ސިއްސައިގެންނެވެ.
"ކޯޗެއް؟" އއަވަސް އަވަހަށް ކާރުގެ ލޯގަނޑު އެދިމާލަށް އަނބުރާފައި އަނާން ބަލަން ފެށިއެވެ. ދެލޯބޮޑުވެފައެވެ.
ދޮންބެ ސަކަރާތްޖެހީކަން އަނާންއަށް ވިސްނުނީވެސް އިރުކޮޅަކުންނެވެ.
"ހޫނ ދެން. " އަނާން ދެލޯ އަޅާލިއެވެ.
"އާނ ދެން އެހެން ބުނާނެނު، ކޮން ކަމަކާ ރުޅިއައިސްފަ ތި ހުންނަނީ. ކިހިނެއްވީތަ؟ ފެންނައިރަށް ދޮންބެއަށް އެނގިއްޖެ ކަމެއް ވެފަކަން. ކިހިނެއްވީތަ؟" ޢާއްމުކޮށް ވާނީ ކިހިނެއްކަން އެނގިހުރެ ޖާވިދު އަހާލިއެވެ.
"ކަމެއް ނުވޭ" އަނާން ގަސްތުކުރީ އެ ވާހަކަ ނުދައްކާށެވެ.
"ޔަގީންތަ؟ އާރ ޔޫ ޝުއަރ ޔޫ ޑޯންޓް ވޯންޓް ޓު ޓެލްމީ؟" ޖާވިދު އަދިވެސް އިތުރަށް ޔަގީންކޮށްލިއެވެ.
"ފަހުން ބުނާނަން. " ކާރުން ބޭރަށް ބަލަހައްޓައިގެން އިނދެ އަނާން ބުނެލިއެވެ.
ޖާވިދުވެސް އިތުރު ސުވާލެއް ނުކުރެއެވެ.
** ** ** ** **
ޖާވިދު އާއި އަނާންގެ ބައްޕަ މުޙައްމަދު ޙަމީދު އަކީ މާލޭގައި ދިރިއުޅުނު ނަމަވެސް ރ.މީދޫއަށް އުފަންވެ އެރަށުގައި ފުރާވަރު އުމުރުވެސް ހޭދަކުރުމަށްފަހު މަތީ ތަޢުލީމު ހާޞިލުކުރަން މާލެ އައި ޒުވާނެކެވެ. މަތީ ތަޢުލީމު ޙާޞިލުކޮށް، އޭގެ ފަހުން ރާއްޖެއިން ބޭރުން ޔުނިވަސިޓީ ތަޢުލީމަށްފަހު ރާއްޖެ އައިސް ފަތުރުވެރިކަމުގެ ދާއިރާގައި ހައެއްކަ އަހަރު މަސައްކަތް ކުރިފަހުން ލިބުނު ފުރުޞަތެއްގައި މާލެއިން ކުޑަ ބިންކޮޅެއް ގަނެ އެތަން ހަދައި، ފެންވަރު ރަނގަޅު ގެސްޓްހައުސްއެއް އެތަނުގައި ހިންގަމުން ވަޒީފާގައި ކުރިއެރުންތައް ހޯދަމުން ދިޔަ ހީވާގި ޒުވާނެކެވެ.
ޖާވިދު އާއި އަނާމްގެ މަންމައާއި ދިމާވެ ކައިވެންޏަކާއި ހަމައަށް ދިޔައީ ޙަމީދާއި ސާޢިޤާގެ ގުޅުމަށް އެންމެ ދެތިންމަސްތެރޭގައެވެ. އަމިއްލަ އެއްވެސް މަސައްކަތަކާއި ނުލައި ލިބުނު ކައިވެނީގެ ހުށަހެޅުމަކުންނެވެ. ދިރިއުޅުން އާރާސްތުކުރުން ނޫން ޝައުޤެއްނެތި އުޅެމުން ދަނިކޮށް ލިބުނު އެ ފުރުޞަތުގެ ބޭނުން ޙަމީދު ހިފީ މުސްތަގްބަލަށް ވިސްނާފައެވެ. ރަނގަޅު ދިރިއުޅުމަކަށް އުއްމީދުކޮށެވެ.
ނަމަވެސް ހީކުރި ގޮތާއި ޚިލާފަށް ޙަމީދަށް ޖެހިފައިވަނީ މުޅި ޢުމުރަށް ކަރުނަ އަޅާށެވެ. ޚާއްޞަކޮށް އަނާން ފެންނަ ކޮންމެ ފަހަރަކު ޙަމީދުގެ ދެލޯ ކަރުނައިން ފުރިގެން އަންނަނީ އެހެންވެއެވެ. (ނުނިމޭ)