ބޮލީވުޑްގެ މަޝްހޫރު ތަރި ޕްރިޔަންކާ ޗޯޕްރާއާއި ނިކް ޖޯނަސް ވަރިވާކަމަށް ބުނާ ހަބަރުތަކަކީ މިހާރު ފިލްމީ ދާއިރާގައި ސޯޝަލްމީޑިއާގައި ދެކެވޭ އެއް ވާހަކަ އެވެ.

މިކަމާ ގުޅިގެން ޕްރިޔަންކާ އާއި ނިކް ދެކޮޅު ހަދައި އެއްވެސް އެއްޗެކޭ ނުބުނުމުން މިކަމާ އިތުރަށް ވާހަކަ ދެކެވެން ފެށުނެވެ. ޕްރިޔަންކާ އާއި ނިކް އިންޑިއާގެ ރާޖަސްތާނުގައި 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހު ކައިވެނިކޮށްފައިވާއިރު، ޕްރިޔަންކާ ވަނީ އޭނާގެ ނަމުގެ ފަހަތަށް އޭނާގެ ފިރިމީހާގެ ނަން ވަގުތުން ގުޅުވާލާފަ އެވެ.

ނަމަވެސް މިފަހުން ޕްރިޔަންކާ ވަނީ އޭނާގެ ސޯޝަލްމީޑިއާ އައިޑީއިން ފިރިމީހާގެ ނަން ފުހެލާފަ އެވެ. ދެ ފަންނާނުންގެ މެދުގައި މައްސަލަތަކެއް ޖެހި، ވަރިވާން އުޅޭ ކަމަށް ފެތުރިފައިވާ ހަބަރު އިތުރަށް ރޯވީ މި ސަބަބާ ހުރެ އެވެ.

ނަމަވެސް މި މައްސަލައާ ގުޅިގެން ދެކެވޭ ވާހަކަތަކަށް ޕްރިޔަންކާގެ މަންމަ މަދޫ ޗޯޕްރާ ވަނީ ރައްދުދީފަ އެވެ. އޭނާ ބުނީ ޕްރިޔަންކާ އާއި ނިކްއާ ގުޅުވައިގެން، ދެކެވޭ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށެވެ.

ޕްރިޔަންކާ އާއި ނިކް ވަރަށް ފަހުން ދެ ފަންނާނުންގެ އަމިއްލަ އައު ގެއަށް ބަދަލުވެފައިވާއިރު، ދެ މީހުން ވެސް އެކީ އުޅެނީ އުފަލުގައި ކަމަށް ޕްރިޔަންކާގެ މަންމަ ވަނީ ބުނެފަ އެވެ. އަދި މިފަދަ ހަގީގަތެއް ނެތް ވާހަކަތައް ދެއްކުން ހުއްޓާލުމަށް އޭނާގެ މަންމަ ވަނީ އެދިފަ އެވެ.

ދެ ފަންނާނުންނާ ގުޅިގެން ދެކެވޭ ވާހަކަތަކަށް މިހާތަނަށް ޕްރިޔަންކާ އާއި ނިކް އެއްވެސް ރައްދެއް ދީފައެއް ނުވެ އެވެ.