ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދިޔަ ގދ. ތިނަދޫ، 13 އަހަރުގެ ކުޑަ ކުއްޖާ ނިޔާވެއްޖެ އެވެ.

ކެންސަރު ބައްޔައް ފަރުވާ ހޯދަމުން ދަނިކޮށް ހާލު ދެރަވެގެން މިއަދު ހެނދުނު ނިޔާވީ އަމިނަތު ޝައިހާ ޝާހިދު 13، އެވެ.

އެ ކުއްޖާއަށް ކެންސަރު ޖެހިފައިވާ ކަން އެނގުނީ މިދިޔަ ހަފުތާގައި ކުއްލި ގޮތަކަށް ހާލު ދެރަވެގެން މާލެ ގެނެސް އައިޖީއެމްއެޗުގައި ހެދި ޓެސްޓުތަކުންނެވެ.

ޝައިހާއަށް ފަރުވާ ދިނުމަށް ބޭނުންވާ އެހީ ހޯދުމަށް ސޯޝަލް މީޑިއާގައި ވަނީ ވަރަށް ފުޅާ ކެމްޕޭނެއް ހިންގައިފަ އެވެ.

ޝައިހާ ނިޔާވެފައި ވަނީ ކޮޗިންގެ އަމްރީތާ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށް ރޭ ފަތިހުގެ ވަގުތެއްގަ އެވެ.

ޝައިހާގެ ހަށިގަނޑު މާލެ ގެނައުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް އާއިލާއިން އަންނަނީ ކުރަމުންނެވެ. އަދި ޝައިހާގެ ފަރުވާ އަށް އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށާއި ޝައިހާއަށް ހެޔޮ ދުއާކޮށްދިން ފަރާތްތަކަށް އާއިލާއިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.