“ދޮންބެ ކީއް ތި ކުރަނީ؟ ކިރިއައެއްނު ނުވެއްޓުނީ” ފަޒުލާ އަދިވެސް ހުރީ ހިނިއައިސްފައެވެ.

“މިހެން ގޭގައި ހުރެހުރެ ފޫހިވެގެން އުދުހެވޭތޯ ބަލައިލީ.” ހިނިތުންވެ ހުރެ، ކޮއްކޮއާ ސަމާސާ ކޮށްލަމުން، ކޮޓަރިއަށް ވަންނާން ފިޒާލު ހިނގައިގަތެވެ.

“އެކަމަކު އުދުހެވޭ ގޮތެއްނުވި ދޯ!” ފަޒުލާ ވެސް ހިނިއައިސްފައި ހުރެ، ސަމާސާގައި ބައިވެރިވަމުން، ކޮޓަރިއަށް ވަދެ، ފިޒާލުގެ އެނދުގައި ޖައްސާލިއެވެ.

“ނަމާދުކޮށްފިން؟” ޑްރެސިންގ ޓޭބަލް މަތީގައި އޮތް އައި ފޯނު ނަގައިގެން، އެނދާ ދިމާއަށް ފިޒާލް ހިނގައިގަތެވެ.

“އާނ، ޤުރުއާން ވެސް ކިޔަވައިފިން.”

“ހާދަ ރަނގަޅޭ! ކަމަކުތަ ތި އައީ؟”

“ނޫން! ހަމަ އައީ. ދޮންބެ ފެންނާނީ މި ކޮޓަރިއަށް އައިމަ ވިއްޔަ.”

“މެންދުރުކުރީ ވެސް ދޮންބެ ނުކުމެ އުޅުނީމެއްނު!”

“އެ ވެސް މަންމަ ގޮވީމަ!”

“އާނ! ދޯ!”

“ފޫއްސެއް ނުވޭތަ؟”

“އާނ! ކިތަންމެ އިރަކު ކޮޓަރީގަ އުޅުނަސް މިހާރު ނުވޭ ފޫއްސެއް.”

“އެކަމަކު ކުރިން އުޅެނީ ފޫހިވާތީ، އަބަދު ބޭރަށް ނުދެވިގެން.” ފަޒުލާ ތެދުވެ އެނދުމަތީގައި ދެ ފައި ވަށްކޮށްލިއެވެ.

“މި ބުނީ މިހާރުގެ ވާހަކައޭ.” ހިނިތުންވެ އިނދެ، ފަޒުލާގެ މޫނަށް ފިޒާލު ބަލައިލިއެވެ.

“އެކަމަކު ދެންމެ ވެސް އުޅުނީ، ފޫހިވެގެން އުދުއްސައިގަންނާކަންނު.” ފިޒާލުގެ ކޮނޑުގައި އަތް އަޅުވައިލަމުން ފަޒުލާ ހޭންފެށިއެވެ.

“އެއީ ވެސް މާ ކުރިއެއްނު.” ފިޒާލު ވެސް ހޭންފެށިއެވެ. “މި ބުނީ މިހާރުގެ ވާހަކަ. މި ވަގުތުގެ ވާހަކަ”

އެއީ މި ދެ ކުދިންގެ އާދައެވެ. ދެ ކުދިންގެ މެދުގައި ސަމާސާކުރުން ވަރަށް ބޮޑުވާނެއެވެ. ދެ ބޭން، އެކަކު އަނެކަކު ދެކެ ނިހާޔަތަށް ލޯބިވާތީ، ދެ ބޭން އެއްތަން ވެއްޖެ ނަމަ އޮންނާނީ އުފާވެރިކަމެވެ. މަޖާކުރުމާއި ސަކަރާތްޖެހުމެވެ. ހުނުމެވެ. ކޮންމެ ކުއްޖަކު ވެސް އެދޭނީ އަނެއް ކުއްޖާއަށް ހެޔޮ ގޮތް މެދުވެރި ވުމަށެވެ.

ފިޒާލުގެ އުމުރަކީ 23 އަހަރެވެ. ކިޔަވައި ނިމިގެން މަސައްކަތް ކުރަނީ ބައްޕަގެ ވިޔަފާރީގެ ތެރޭގައެވެ. ފަޒުލާގެ އުމުރުން 17 އަހަރު ފުރި އަށާރަ އަހަރަށް އަޅައިފިއެވެ. އޯލެވެލް ނިންމުމަށް ފަހު، އޭލެވެލްއަށް ކިޔަވަނީއެވެ. އެހެންނަމަވެސް މާލޭގައި ކޮވިޑު 19 ގެ ބަލިމަޑުކަން ފެތުރޭން ފެށުމުން، ކިޔެވުން ވަނީ މި ވަގުތަށް މެދުކެނޑިފައެވެ.

މި ދެ ކުދިންގެ ބައްޕަ އަހުމަދު ތައުފީޤާއި މަންމަ އައިޝަތު މަދީހާއަށް 3 ކުދިން ލިބުނެވެ. އެހެންނަމަވެސް ދެ ވަނައަށް ލިބުނު ފައުޒާން ވަނީ، އުމުރުން އެންމެ ހަތަރު އަހަރުގައި ޑެންގޫހުން ޖެހިގެން މަރުވެފައެވެ. އެހެންކަމުން ދުނިޔޭގައި ތިބި ދެ ކުދިން ދެކެ، އެ ދެމަފިރިން އިންތިހާއަށް ލޯބިވެއެވެ. ބަސްއަހައި ކިޔަމަންތެރި ދެ ކުދިންނަށް ވާތީ ވެސް މެއެވެ. އެ ދެ ބޭންގެ ދުލުން ކަމަކު ބުނެފި ނަމަ، ކޮންމެ ހާލަކުން ވެސް އެ ކަމެއް ކޮށްދިނުމަކީ، އެ ދެމަފިރިންގެ ވާޖިބެއްކަމަށް ދެކެއެވެ.

ތައުފީޤަކީ އަތްމަތި ތަނަވަސް ވިޔަފާރިވެރިއެކެވެ. ތައުފީޤުގެ މައިގަނޑު ވިޔަފާރިއަކީ، އަންނައުނުގެ ވިޔަފާރިއެވެ. މަޖީދީމަގުގައި އޭނާގެ އެއް ފިހާރަ ހުރެއެވެ. ޗާންދަނީ މަގުގައި އަނެއް ފިހާރައެވެ. މީގެއިތުރުން މާލޭގައި 7 ބުރިއަށް އިމާރާތްކޮށްފައިވާ، ތައުފީޤުގެ އަމިއްލަ ގެ ހުންނަނީ ކުއްޔަށް ދީފައެވެ. އެހެންކަމުން އެ އާއިލާ އުޅެމުން އަންނަނީ ވަރަށް ތަނަވަސް ދިރިއުޅުމެކެވެ.

ތައުފީޤު ވަނީ ހުޅުމާލެއިން ތިން ކޮޓަރީގެ ދެ އެޕާޓުމަންޓު ގަނެފައެވެ. އެއް އިމާރާތުގެ އެއް ފަންގިފިލާއިން ގަނެފައިވާ ދެ އެޕާޓުމަންޓެވެ. ކޮންމެ ދަރިއަކަށް އެޕާޓުމަންޓެކެވެ. އެހެންނަމަވެސް މިހާރު އެ އާއިލާ ދިރިއުޅެމުން ގެންދަނީ، އެ ތަނުން އެއް އެޕާޓުމަންޓުގައެވެ. އަނެއް އެޕާޓްމަންޓު ހުންނަނީ ހުހަށެވެ. ބައެއް ފަހަރު ރަށްރަށުން އަންނަ، ގާތް އެކުވެރިން އެ ތަނުގައި ބައިތިއްބައެވެ. ޒިޔާރަތްކޮށްލައި އާއިލާގެ މީހުން، އެ ތަނުގައި އެއް ރެއަށް، ދެ ރެއަށް މަޑުކޮށްލައެވެ.

ތައުފީޤާއި މަދީހާ މިހާރު އެންމެ ދެކެން ބޭނުންވަނީ، އެ ދެމަފިރިންގެ ދޮށީ ދަރިފުޅު ފިޒާލު، ކައިވެންޏެއްކޮށްގެން ދިރިއުޅުމެއް ފަށާނެ ދުވަހެކެވެ. މާމަ ކާފަ ކިޔާނެ ތުއްތު ކުއްޖެއްގެ ރުއިމާއި ހުނުމުގެ އަޑު އަހައިލައި ހިތްވާލެއް ބޮޑުކަމުންނެވެ. އެހެންނަމަވެސް އަދި އެ ފަދަ ނަސީބެއް ލިބޭން އުޅޭކަމުގެ އެއްވެސް ނިޝާނެއް ފިޒާލުގެ ފުށަކުން ނުފެނެއެވެ. ގެއަށް އަތުވެއްޖިއްޔާ އޮންނާނީ ސަކަރާތްޖެހުމެވެ. ބޭރުތެރޭގައި ވިޔަފާރީގެ ފިކުރު ނޫން ޚިޔާލެއް އޭނާގެ ނުހުރެއެވެ. އެންމެ ކުޑައިރުއްސުރެ ގޭތެރެއިން ފެނަމުން ދިޔަ ކަމަކީ އެއީ ކަމަށްވެފައި، ކިޔެވީ ވެސް އެ ދާއިރާއިންކަމަށް ވުމުން ވީ ގޮތެއް ކަންނޭނގެއެވެ.

މެންދުރު ނަމާދުކޮށް ނިމިގެން ކިޔަވާލަން އިނދެފައި، ތައުފީޤު ކޮޓަރިން ނިކުތްއިރު، މަދީހާ އުޅެނީ ބަދިގޭގައެވެ. ތައުފީޤު ނިކުމެ، ރޭޑިޔޯ ހުޅުވައިލިއެވެ. ސިޔަރަތު ފެށޭގަޑި ކައިރިވާތީއެވެ. ރަމަޟާންމަހު ކީރިތިރަސޫލާގެ ސިޔަރަތު އަޑުއެހުމަކީ ތައުފީޤުގެ އާދައެކެވެ. ސިޔަރަތުގައި ކިޔާ ގިނަ އެއްޗެހި މިހާރު އޭނާ ހިތުދަހޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެކި ދުވަސްދުވަހު އަންނަ ބައިތައް ވަކިވަކިން އޭނާއަށް އެނގެއެވެ.

“ނިޒާރު ނާދޭތަ؟” ސޯފާގައި ޖައްސައިލަމުން، މަދީހާގާތު ތައުފީޤު އަހައިލިއެވެ.

“އަދި ޚަބަރެއް ނުވޭ! އިރުކޮޅުކުން އަތުވެދާނެ.”

ނިޒާރަކީ ފ. ނިލަންދޫ މީހެކެވެ. ރަށުގައި ވިޔަފާރިއެއް ފަށައިގެން އުޅޭ، އެ ރަށުގެ ނިސްބަތުން ތަނަވަސް މީހެކެވެ. އޭނާ މާލެއަށް އައީ، މީގެ ތިން ހަފުތާއެއްހައި ދުވަސް ކުރީންނެވެ. ވިޔަފާރި މުދާ ބަލައެވެ. އެހެންނަމަވެސް ރަށަށް ނުދެވި އުޅެނިކޮށް، މާލެ ފުރަބަންދަށް ދިޔުމާގުޅިގެން އޭނާ މާލޭގައި ތާށިވީއެވެ.

ނިޒާރަކީ ތައުފީޤުގެ ޒަމާންވީ އެކުވެރިއެކެވެ. އޭނާ މާލެ އަތުވެއްޖިއްޔާ އަބަދުވެސް ހުންނާނީ ތައުފީޤުގެ ގާތުގައެވެ. ތައުފީޤު މާލޭގައި އުޅުނުއިރު މާލޭގައި، ތައުފީޤުގެ ގޭގައެވެ. ހުޅުމާލެއަށް ބަދަލުވުމުން ހުޅުމާލޭގައެވެ. އޭނާ އެހެންތަނެއްގައި ހުންނާކަށް ތައުފީޤު ބޭނުމެއް ނުވެއެވެ. އެހެންކަމުން މިހާރު އޭނާ ފެންވަރައި ނިދާ ހަދަނީ ޖެހިގެން ހުރި ތައުފީޤުގެ އަނެއް އެޕާޓަމަންޓުގައެވެ. ކެއުމުގެ ކަންކަން ހަމަޖައްސަނީ މި އެޕާޓްމަންޓުންނެވެ.

“ހާދަ އަވަހަކަށް މިއަދު ބަދިގެއަށް ވަދެ ތި އުޅެނީ.” އިރުކޮޅަކު އިނދެލާފައި، މަދީހާއާ ދިމާއަށް ތައުފީޤު ބުންޏެވެ.

“މި އުޅެނީ މި ތަން ސާފުކޮށްލަންވެގެން. މިހާރު ދެން ސާންތީ ވެސް ގެންނާކަށް ނުވާނެއެއްނު.”

“އޯޑަރު ކުރި އެއްޗެހި ލިބިއްޖެ؟”

“އާނ، އެ އެއްޗެހި ގެނައިމަ ފިޒާލު ނިކުމެ، ހުރިހައި އެއްޗެހި ދޮވެ ސާފުކޮށްފަ އެހެރީ. އެއިން އެއްޗެއްގަ މަ އަތްލިޔަ ވެސް ނުދިން.”

“މަންމައަކީ ހަކުރު މައްޗަށް ދާ މީހެއްކަން އެ ކުދިން ހަނދާނެއް ނުނެތެއޭ.” ތައުފީޤު ސަމާސާކޮށްލިއެވެ. “ކޮބާ ފަޒުލާ؟”

“އެ ދެ ބެން އެބަ ތިބި ފިޒާލުގެ ކޮޓަރީގައި. މެންދުރުކުރީ މަންމައަށް ވަރަށް އެހީތެރިވެދީފަ އެ ދެ ބޭން އެ ތިބީ. މިއަދު ގޭތެރެ ކުނިކަހައި މޮޕުލައި ހެދީ ވެސް ފަޒުލާ. ތެލިތަކާއި ތަށިތަކާ ދޮވެ، ފޮހެ ހެދީ ވެސް އެ މަންޖެ.”

“އެހެންތަ؟ އަލްހަމްދު ﷲ!”

“މިހާރު ޒަކާތް ދައްކައިފިން؟”

“އަދި ނުދައްކަން. ތި ކަމާ އުޅެންވީ ދޯ!”

ތައުފީޤު ހިނގައިގަތީ ފިޒާލްގެ ކޮޓަރިއާ ދިމާއަށެވެ. އޭރު ވެސް ފިޒާލާއި ފަޒުލާ ތިބީ، ކޮޓަރީގައި އެކިއެކި ވާހަކައިގައެވެ. ސަމާސާ ވާހަކަތަކާއި އެކުވެރިކަމާއި ގާތްކަމުގެ ވާހަކަތަކުގައެވެ. ދައްކަމުން ދިޔަ ވާހަކަތަކުގެ ތެރޭގައި، ފިޒާލު އަހައިލިއެވެ.

“މިހާރު ކޮބައިތަ އެއްކަލަ ދޮންމަންޖެ؟ ޚަބަރެއް ވެސް ނުވޭތަ؟”

“މިއަދު ވެސް ގުޅި.”

ފިޒާލު އެ އެހީ، ފަޒުލާގެ އެކުވެރި ބިޝާރާގެ ވާހަކައެވެ. ފިޒާލު އަބަދުވެސް ބިޝާރާއާ ދިމާއަށް ކިޔާނީ “ދޮންމަންޖެ”އެވެ. އެހެން ކިޔަނީ ބިޝާރާ ދޮންކަމުންނެވެ. ފިޒާލު އެހެން ކިޔައި އަޑު އިވުމުން، ބިޝާރާ ވެސް ހުންނަނީ ވަރަށް މަޖާވެފައެވެ.

“ދޮންބޭ!” އިރުކޮޅަކު އެއްޗެއް ނުބުނެ އިނދެފައި ފިޒާލުގެ މޫނަށް ފަޒުލާ ބަލައިލިއެވެ. “ދޮންބެއަށް ނުކޮށްދެވޭ ވަރުގެ ކަމަކު އަހަންނަށް ކިއިދާނެތަ؟”

“ނުކޮށްދެވޭ ވަރުގެ ކަމެއް ކޮށްދޭކަށް ކޮއްކޮއެއް ނުބުނާނެ!” ފިޒާލު ވަގުތުން ޖަވާބުދިނެވެ.

“ކޮށްދެވޭވަރުގެ ކަމަކު ބުނިއްޔާ ކޮށްދޭނަން؟”

“ޔަޤީން!”

“ތީ ވަޢުދެއް!”

“ވަޢުދެއް މިރޭ ވާނަން!” ލަވައެއްގެ ތަންކޮޅެއް ރާގުގައި ފިޒާލު ކިޔައިލިއެވެ. “އެކަމަކު މީ ދުވާލު އިނގޭ! ދެން ބުނެބަލަ! ވަޢުދު ފުއްދޭނީ ވެސް ބުނީމައެއްނު.”

“ފަހުން…” ފަޒުލާ އިނިއައިސްފައެވެ.

ތައުފީޤު އައިސް ދޮރު ހުޅުވައިލުމާއެކު، ދެ ބޭންނަށް އެކުއެކީގައި ކަހަލަ ގޮތަކަށް ދޮރާ ދިމާއަށް ބަލައިލެވުނެވެ. ތައުފީޤުގެ މޫނުމަތިން ފެންނާން ހުރީ އުފާވެރިކަމުގެ ހިނިތުންވުމެވެ. ދަރީން އުފަލުގައި ތިބޭތަން ފެނުމަކީ، މައިން ބަފައިންނަށް ހާދަ ބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމެކެވެ.

“ދަރިފުޅުމެން ކަމެއް ކުރަނީތަ؟”

“ނޫން!” ފިޒާލު ތެދުވިއެވެ. “ކޮއްކޮގެ މޮޅު ވާހަކަ އަޑުއަހަން ހަމަ އިނީ.”

“އެހެންތަ؟” ތައުފީޤު ހިނިތުންވެލިއެވެ. “ކޮއްކޮ ވަރަށް މޮޅު ވާހަކަ ދައްކާ ދޯ މިހާރު؟” ފިޒާލުގެ ސަމާސާގައި ތައުފީޤު ވެސް ބައިވެރިވެލިއެވެ.

“އަޅުގަނޑު މޮޅު ވާހަކަ ދެއްކިޔަސް، މޮޅު ކަންތައްތައް ކުރަނީ ދޮންބެ. ބައްޕައަށް އެނގޭތަ؟ މިއަދު ވެސް އަޅުގަނޑު އައި އިރު، ދޮންބެ އުޅެނީ ބެލްކަންޏަށް ނިކުމެ، އުދުއްސައިގަންނަން.” ފަޒުލާ ހޭންފެށިއެވެ.

“ކޮއްކޮ ދައްކާނެ ބައެއް ފަހަރު މޮޔަ ވާހަކަ.” ފިޒާލު ގާތަށް ވެސް ހިނިއައެވެ.

“ޒަކާތް ނުދައްކައިގެން މަންމަ މާ ކަންބޮޑުވާތީ މި އުޅެނީ. ހިނގާބަލަ އެ ކަން ކޮށްލަން.” ތައުފީޤު ވެސް ހުރީ ހިނިއައިސްފައެވެ.

“ތީ މިހާރު ވަރަށް ފަސޭހަކަމެއް ބައްޕާ!” ކޮޓަރިން ނިކުތުމަށް ފިޒާލު ހިނގައިގަތެވެ. ފަހަތުން ފަޒުލާ ވެސް ނިކުތެވެ. “ދިރާގު ޕޭ އެންޑު ލައިފް ސްޓައިލް އެޕްލިކޭޝަނުން ވަރަށް ފަސޭހައިން ޒަކާތް ދެއްކޭނެ. އަދި އުރީދޫ އެމް ފައިސާ އެޕްލިކޭޝަނުން ވެސް ދެއްކޭނެ. މޯލްޑިވްސް އިސްލާމިކް ބޭންކުގެ ފައިސާ ނެޓުން ވެސް ދެއްކޭނެ.”

“ނިމުނީ؟” ފަޒުލާ ދިމާކޮށްލިއެވެ.

“އަދި ނުނިމޭ! ބޭންކު އޮފް މޯލްޑިވްސްގެ ވެބްސައިޓުން ވެސް ދެއްކޭނެ” ކޮޓަރިއާ ދިމާއަށް ދިޔަ ފަޒުލާއާ ދިމާއަށް ހިނިއައިސްފައި ހުރެ ފިޒާލު ބަލައިލިއެވެ.

“ދަރިފުޅު ނިކަން ތި ކަން ކޮށްލަބަލަ! ބައްޕައަށް ހެޔޮ ކޮންމެ ގޮތަކަށް ދެއްކިޔަސް.”

“ކިހާވަރެއް މީހަކަށް ދައްކަން ޖެހެނީ؟” ޖީބުގައި އޮތް ފޯނު ފިޒާލު ނެގިއެވެ.

“ބައްޕަ ހަނދާން ވަނީ ބާސްމަތީ ހަނޑުލަށް 105 ރުފިޔާއޭ ކީ ހަނދާން. އެކަމަކު ދަރިފުޅު ޔަޤީންކޮށްލާތި!”

ބޭރު ދޮރު ހުޅުވާލައިފައި ނިޒާރު ވަދެއްޖެއެވެ. އާދައިގެ މަތިން އޭނާގެ ބޮލުގައި އޮންނަ ހުދު ތާކިހާ، މިހާރުވެސް ބޮލުގައި އެބަ އޮތެވެ. ތުން ތަޅުވަމުން އައިސް، ތައުފީޤާ ޖެހިގެން ކަހަލަ ގޮތަކަށް ސޯފާގައި ޖައްސައިލިއެވެ. ސިޔަރަތު ފެށުމުގެ ކުރިން ފޮނުވާ މިޔުޒިކްކޮޅުގެ އަޑު ކަންފަތުގައި ޖެހުނީ އެ ވަގުތުއެވެ.

“ނިޒާރު ތި އައީ ހަމަ ގަޑިއަށް.”

ތައުފީޤު ތެދުވެގެން ގޮސް، ރޭޑިޔޯ ބާރުކޮށްލާފައި އައިސް ސޯފާގައި އިށީންއިރު، އަލްމަރުޙޫމް ހާޖަރާ ތައުފީޤުގެ ހިތްފަސޭހަ އަޑުން، ގޭތެރޭގައި ރަމަޟާންމަހުގެ އަސަރު އިތުރުކޮށްދީފިއެވެ. އިސާހިތަކު ސިޔަރަތުގެ ހާދިސާތަކުގެ ތެރޭގައި، ތައުފީޤާއި ނިޒާރު ލާމެހިއްޖެއެވެ.

އަސުރުނަމާދުކޮށްގެން ވިޔަފާރީގެ ކަންކަމާ ބެހޭގޮތުން ބައްޕައާ ވާހަކަދައްކައިލަން އިރުކޮޅަކު އިނދެފައި ފިޒާލު ވަނީ ކޮޓަރިއަށެވެ. ފާޚާނާއަކަށް ވަދެލާށެވެ. ފާޚާނާއިން ނިކުމެ، އާދައިގެ މަތިން ބެލްކަނީ ދޮރުގެ ފޮތިގަނޑު އެއްފަރާތްކޮށް، ކުރިމަތީގައި ހުރި ބެލްކަންޏަށް ބަލައިލިއެވެ. އެ ވަގުތު ފިޒާލްގެ ހިތް ތެޅިގަތެވެ. ބެލްކަނީގައި ނަދާ ހުއްޓާ ފެނިފަވެ. ފިޒާލު އަވަސް އަވަހަށް ލޯގަނޑުކުރިމައްޗަށް ހުއްޓި، މޫނާއި އިސްތަށިގަނޑު ރީތިކޮށްލިއެވެ. އެއަށްފަހު، ތެޅިތެޅި އޮތް ހިތަކާއެކު ބެލްކަންޏަށް ނިކުތެވެ.

ނަދާ ހުރީ ފެންވަރައި ރީތިވެލައިގެންނެވެ. މޫނުމަތީން ފެންނަނީ ތާޒާކަމެވެ. ދުރަށް ނަޒަރު ހުއްޓާލައިގެން ހުރުމުން އޭނާއަކަށް ފިޒާލެއް ނުފެނެއެވެ. ހީވަނީ ވަރަށް ފުން ޚިޔާލެއްގެތެރެއަށް ވަދެ، ހުސްވެފައި ހުރިހެންނެވެ. ފިޒާލަށް ހުރެވުނީ ކަޅިޖަހައި ނުލައި ނަދާއާ ދިމާއަށް ބަލާށެވެ. އެހެން ހުރެފައި ކުއްލިއަކަށް ޖީބުގައި އޮތް ފޯނު ނަގައިފިއެވެ. ވަރަށް އަތްމަތި އަވަސްކޮށް، ކެމެރާއަށް ބަދަލުކޮށްލުމަށްފަހު، ނަދާއާ ދިމާއަށް ލެންސު ދިމާކޮށްލައިފިއެވެ. އެއާއެކު ނަދާގެ ރީތި ސޫރަ ފޯނުގައި ހަރަކާތްކުރަން ފަށައިފިއެވެ.

މިހާރު ނަދާ އެ ހުރީ ފިޒާލުގެ އަތުތެރޭގައެވެ. ހިތްހަމަޖެހޭ ވަރަށް ޒޫމްކޮށްލުމަށްފަހު، ނަދާގެ ސޫރައަށް ބަލާން ފިޒާލަށް ހުރެވުނެވެ. އިރުކޮޅަކު އެހެން ހުރެފައި، ފޮޓޯނަގާން ފޯނުގެ އިސްކިރީނުގައި އިނގިލި ޖައްސައިލި ވަގުތު، ނަދާއަށް އެ ދިމާއަށް ބަލައިލެވުނެވެ. އެ މަންޒަރު ފެނިފައި، ނަދާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ދެ ލޯ ބޮޑުވިއެވެ. ބޮޑު ބިރެއް ފެނުނުހެން ތެޅިގަތެވެ. ހަމައެއާއެކު އަވަސް އަވަހަށް ގޭތެރެއަށް ވަދެ، ބެލްކަނީގެ ދޮރު ވެސް ލައްޕައިފިއެވެ. ނަދާއަށް ވީ ގޮތް ފެނިފައި، ފިޒާލަށް ހުރެވުނީ ބަސް ހުއްޓިފައެވެ. ހައިރާންވެ އަންތަރީސްވެ، ހުއްޓުން އަރާފައެވެ.

“އެހައި ބޮޑަށް އެ ބިރުގަތީ ކީއްވެބާ؟”

އިޝާނަމާދަށްފަހު، އެންމެން އެއް ޖަމާޢަތުގައި ތަރާވީސްކޮށް ނިމުނު އިރު ނުވައެއް ޖަހައިފިއެވެ. މިރޭ އިމާމަކަށް ހުރީ ފިޒާލެވެ. ބައެއް ރޭރޭ ތައުފީޤު ވެސް އިމާމަކަށް ހުރެއެވެ. ބައެއް ރޭރޭ ނިޒާރު ވެސް ހުރެއެވެ. ނިޒާރަކީ ވެސް ވަރަށް ރީތިކޮށް ކީރިތި ޤުރުއާން ކިޔަވާ މީހެކެވެ. ފިޒާލަކީ ވެސް އިސްކޫލުގައި އުޅުނުއިރު، ޤުރުއާން މުބާރާތްތަކުގައި ބައިވެރިވެ، ވަނަ ހޯދާފައި ހުރި ކުއްޖެކެވެ. މިހާރު ވެސް ވަރަށް ރީތިކޮށް ކިޔަވައެވެ.

ތަރާވީސްކޮށް ނިމިގެން ފަޒުލާ ކޮޓަރިއަށް ވަންއިރު، އެކުވެރި ބިޝާރާ ތިން ފަހަރު ގުޅާފައި އޮތެވެ. ބިޝާރާއާއި ފަޒުލާ އަމީނިއްޔާ އިސްކޫލުގެ ތިން އަހަރު، ކިޔެވީ އެއް ކުލާހެއްގައެވެ. އޭލެވެލްގައި އެއް ކުލާހުގައި ތިބެ ކިޔެވުމުގެ ނަސީބު ނުލިބުނު ނަމަވެސް، ދެ ކުދިންގެ ގާތްކަމަކަށް ބަދަލެއް ނާދެއެވެ. ފްރީ ގަޑިތަކާއި އިންޓަވަލް ގަޑީގައި ދެ ކުދިން އުޅޭނީ އެކުގައެވެ.

ބިޝާރާއަކީ ކިޔަވަން މޮޅު އަޚުލާޤު ރަނގަޅު ކުއްޖެކެވެ. ހިތްހެޔޮ ހިތްތިރި ކުއްޖެކެވެ. މޫނުމަތި އަބަދުވެސް ހުންނާނީ ރީތި ހިނިތުންވުމަކުން އުޖާލާވެފައެވެ. އެއީ އޭނާގެ އެންމެ ޚާއްޞަ އެއް ސިފައެވެ. އެ ސިފައިގެ ސަބަބުން އޭނާގެ ރީތި މޫނުގެ ރީތިކަން ވަކިން ބޮޑަށް ރީތިކަމަށް ދައްކައެވެ.

ފަޒުލާމެން މާލޭގައި އުޅުނުއިރު، ބިޝާރާ ވަރަށް ގިނައިން ފަޒުލާމެންގެއަށް އައިސް އުޅެއެވެ. ޗުއްޓީ ދުވަސްދުވަހުގެ ގިނަ ވަގުތު ހޭދަކުރާނީ އެ ގޭގައެވެ. އެހެންކަމުން ފަޒުލާގެ މަންމައާއި ބައްޕައާއި ދޮންބެ ވެސް ބިޝާރާއާ ވަރަށް ރައްޓެއްސެވެ. އެ މީހުން ދެކެނީ ބިޝާރާއަކީ އެ އާއިލާގެ މެންބަރެއް ކަމުގައެވެ.

ފޯނު ހިފައިގެން އައިސް ފަޒުލާ އެނދުގައި ޖައްސައިލިއެވެ. ބިޝާރާއާ ގުޅައިލުމަށެވެ. ގުޅާލުމާއެކު، އޭނާ ފަށާނީ ކޮން ވާހަކައެއްކަން ފަޒުލާއަށް އެނގެއެވެ.

“ހަލޯ!” ދެ ފަހަރު ރިންގުވެލާއިރަށް ބިޝާރާ ފޯނު ނަގައިފިއެވެ. “ހާދަ ވަރަކަށް ގުޅައިފީމޭ!”

“ތަރާވީހެއް ނުކުރަންތަ؟” ފަޒުލާ އެހިއެވެ.

“ޗުއްޓީ” ބިޝާރާ ހިނގަނޑެއް ޖަހައިލިއެވެ. “ފޯނު ނުނެގީމަ ހިތަށްއެރިއޭ ފަޒޫ ތަރާވީސް ކުރަނީއޭ.”

“އެހެންވެ ދޯ އެހައިވަރަށް ގުޅީ؟” ފަޒުލާ ސަމާސާކޮށްލިއެވެ.

“މި ރޭ މި އުޅެނީ މާ ބޮޑަށް ފޫހިވާތީ.”

“މަންމަމެން އެންމެންގެ ހާލު ރަނގަޅުތަ؟”

“އާނ! ރަނގަޅު. އެކަމަކު މަންމަ އުޅެނީ ވަރަށް ބިރުން. އަބަދު ދައްކާނީ ކޮވިޑުގެ ވާހަކަ. ޚަބަރުތައް ބަލަބަލާފަ ބިރުން އުޅެނީ.”

“ބުނޭ އެ ވަރަށް ނުބަލާށޭ!”

“ކިހައި ވަރަކަށް ބުނާނީ. އޭތް! ތި ވާހަކައެއް ނޫނޭ!”

“ދޮންބެގެ ވާހަކަ ދޯ!” ފަޒުލާ ހިނިގަނޑެއް ޖަހައިލިއެވެ. “މިއަދު އުޅުނު ދޮންމަންޖެ މިސްވެގެން.”

“ހުވާތަ؟”

“އަސްލު ވެސް.”

“ކީކޭ ބުނީ؟”

“ދޮންމަންޖެ ކޮބައިހޯ؟ ނުގުޅާހޯ؟”

“ދެން އެއްކަލަ ވާހަކަ ބުނެފިންތަ؟” ބިޝާރާގެ އަޑުގައި ހުރީ ކެތްތެރިކަން ކުޑަ ގޮތެކެވެ.

“އަދި ނުބުނަން. މިއަދު ބުނަން އުޅުނިން. އެކަމަކު ބައްޕަ އައިސްގެން ބުނެވޭ ގޮތެއް ނުވި.”

“ހައު ސޭޑް!” ބިޝާރާގެ ކަރު އެލުނެވެ. “ހާދަ އިންތިޒާރެއް ކުރެވެއޭ! ހާދަ ދުވަހަކު ހިތުގައި ފޮރުވައިގެން އުޅެފީމޭ. ހިތަށް އަރާ ބުނީމަ ކީކޭބާއޭ ބުނާނީ؟ ނޫނެކޭ ބުނެފިއްޔާ މަ ހާދަ ދެރަވާނޭ!”

“ގޯސްކޮށް ނުވިސްނާ! އިރާދަކުރެއްވިއްޔާ ތިހެނެއް ނުވާނެ!” ޔަޤީންކަމާއެކު ފަޒުލާ ބުންޏެވެ.

“ކިހިނެއް އެނގެނީ؟”

މިއަދު ވަޢުދުވެއްޖެ އަހަރެން ބުނާ ކޮންމެ ކަމެއް ވެސް ކުރަން. އެހެންނޫނަސް ދޮންބެގެ ދޮންމަންޖެ ދެކެ ދޮންބެ ވަރަށް ލައިކްވާހެން ހީވަނީ.”

“ސީރިޔަސްލީ؟” ބިޝާރާގެ ހިތް ފުރިގެން ބަންޑުންވި ކަހަލައެވެ

ނުނިމޭ