މިއަދުގެ ޒަމާނީ ދުނިޔޭގައި ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ސްމާޓްފޯނަކާ ނުލައި ދިރިއުޅުމަކީ ކުރެވިދާނެ ކަމެއް ނޫނެވެ. ކޮންމެ ސިކުންތަކު ކަހަލަ ގޮތަކަށް އަންނަ ނޮޓިފިކޭޝަންތަކާއި، މެސެޖުތަކާއި، ސޯޝަލް މީޑީއާގެ ބާނިތަކުގެ ސަބަބުން ގިނަ މީހުން ތިބެނީ ފޯނާ ގުޅިފަ އެވެ.

ނަމަވެސް، ފޯނާ ދުރުވެ، އާދައިގެ ފްލިޕް ފޯނަކަށް ބަދަލުވުމަކީ ނަފްސާނީ ދުޅަހެޔޮކަމާއި މިނިވަންކަން ހޯދުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ސިއްހީ މާހިރުން ބުނެ އެވެ.

ސީ.އެން.އެންއަށް ދިން އިންޓަވިއުއެއްގައި، ސްމާޓްފޯނު ދޫކޮށްލުމަށްފަހު އާދައިގެ ފޯނަކަށް ބަދަލުވި ފަރާތަކުން ވަނީ އެކަމުގެ ސަބަބުން ދިރިއުޅުމަށް އައި ހެޔޮ ބަދަލުތައް ހިއްސާކޮށްފަ އެވެ.

ނަފްސާނީ ހަމަޖެހުމާއި އިހުސާސްތަކާ ކުރިމަތިލުން

ސްމާޓްފޯނެއް ނެތުމުން، މީހުންނަށް ކަންކަން ދިމާވާއިރު ފޯނުން ސަލާމަތް ހޯދުމުގެ ބަދަލުގައި އަމިއްލަ ނަފްސުގެ އިހުސާސްތަކާ ކުރިމަތިލާން ޖެހެ އެވެ.

ކަންބޮޑުވުމެއް ނުވަތަ މާޔޫސްކަމެއް ކުރިމަތިލާންޖެހޭ ހިނދު، ފޯނު ބެލުމުގެ ބަދަލުގައި ރައްޓެއްސަކަށް ގުޅާލުން، ފޮތެއް ކިޔުން، ހިނގާލަން ދިއުން ނުވަތަ މިއުޒިކް އަޑުއެހުން ފަދަ ދުޅަހެޔޮ ގޮތްތަކަށް މީހާ އަހުލުވެރިވެ އެވެ. މިއީ ސިކުނޑިއަށް ލިބޭ ބޮޑު ލުޔެކެވެ.

އެކުވެރިކަމާއި އިޖުތިމާޢީ ގުޅުންތައް ބަދަހިވުން

ފޯނާ ދުރުވުމުން ވަށައިގެންވާ މާހައުލަށާއި މީހުންނަށް ދެވޭ ސަމާލުކަން އިތުރުވެ އެވެ. މީހުންނާ ވާހަކަ ދައްކާއިރު، ފޯނަށް ބެލުމުގެ ބަދަލުގައި އެމީހުންނާ މެދު ފުންކޮށް ވިސްނައި، ހަގީގީ މާނައިގައި ގުޅުންތައް ބަދަހި ކުރުމުގެ ފުރުސަތު ލިބެ އެވެ.

ހަނދާން ގަދަވެ ސިކުނޑޭގެ ބާރު ގަދަވުން

ގޫގުލް މެޕްސް އާއި އެހެނިހެން އެޕްތަކަށް ބަރޯސާވުން ކުޑަވުމުން، އިންސާނާގެ ސިކުނޑީގެ ގުދުރަތީ ހަނދާން ބެހެއްޓުމުގެ ގާބިލުކަން އޭގެ ޒާތުގައި އަނބުރާ އާވެގެންދެ އެވެ. މަގުތައް ހަނދާން ކުރުމާއި، ކަންކަން އަމިއްލައަށް ވިސްނައިގެން ކުރުމަކީ ސިކުނޑިއަށް ލިބޭ ވަރަށް ފައިދާހުރި ކަސްރަތެކެވެ.

ފަށަންވީ ކިހިނެއް؟

މާހިރުން ލަފާދެނީ ސްމާޓްފޯނު މުޅިން އެއްކޮށް އެއްލާލުމުގެ ބަދަލުގައި، މަދުވެގެން އެއް މަސް ދުވަހަށް އާދައިގެ ފޯނަކަށް ބަދަލުވެ އަމިއްލަ ނަފްސަށް ލިބޭ ބަދަލުތައް ތަޖުރިބާ ކޮށްލުމަށެވެ.

އެއާއެކު ބޭނުންވާ ޒަރޫރީ ސިއްހީ އެޕްތައް ފަދަ ކަންކަން ހުންނަނަމަ، ސމާޓްފޯނު ހަމައެކަނި އެކަމަށް ބޭނުންކޮށް، މުއާސަލާތީ ކަންކަމަށް އާދައިގެ ފްލިޕް ފޯނެއް ގެންގުޅުމަކީ ވެސް ކޮށްދެވިދާނެ ކަމެކެވެ.