ސޯޝަލް މީޑިއާގައި މިހާރު އެންމެ ގިނައިން ދެކެވޭ އެއް ވާހަކައަކީ ކޮންމެ ދުވަހަކު ހެނދުނު ފިނިކުރި ފެނުން ފެންވެރުމުން ހަށިގަނޑުގެ މެޓަބޮލިޒްމް (ސަރުބީ އެންދުމުގެ ބާރު) އަވަސްވެ، ބަރުދަން ލުއިކުރުމަށް އެހީވެދޭ ވާހަކަ އެވެ.

އިންޑިއާގެ ބެންގަލޫރުގެ ސައިޓްކެއާ ހޮސްޕިޓަލްގެ ސާޖަން ޑރ. އަދިތްޔާ ވީ. ނަރަގުންޑް ވިދާޅުވާ ގޮތުގައި، ފިނިކުރި ފެނުން ފެންވެރުމުން ހަށިގަނޑުގެ ހޫނުމިން އެއްވަރެއްގައި ހިފެހެއްޓުމަށްޓަކައި ވަގުތީ ގޮތުން އިތުރަށް ހަކަތަ އަންދަ އެވެ. އެއާއެކު ހަށިގަނޑުގައި ހުންނަ ހަކަތަ އަންދައިދޭ "ބްރައުން ފެޓް" ވަގުތީ ގޮތުން ހަރަކާތްތެރި ކޮށްދެއެވެ.

ނަމަވެސް، މިއީ ބަރުދަން ލުއި ކުރުމަށް ނުވަތަ މެޓަބޮލިޒްމް ދާއިމީ ގޮތެއްގައި އަވަސް ކުރުމަށް އޮތް ހައްލެއް ނޫން ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

ފިނިކުރި ފެނުން ފެންވެރުމުން ބަރުދަން ލުއިވޭތަ؟

ޑރ. އަދިތްޔާ ވިދާޅުވި ގޮތުގައި ވަގުތީ ގޮތުން ހަކަތަ އެންދުމާއި، ދާއިމީ ގޮތެއްގައި މެޓަބޮލިޒްމް ރަނގަޅުވުމާ ދެމެދު ބޮޑު ތަފާތެއްވެ އެވެ. ކްލިނިކަލް ދިރާސާތަކުން ދައްކާ ގޮތުގައި ފިނިފެނަށް ހަށިގަނޑު ހުށަހެޅުމުން ކެލޮރީ އެންދުން ކުޑަކޮށް އިތުރުވި ނަމަވެސް، އެކަމުގެ ސަބަބުން ބަރުދަނަށް ފާހަގަ ކުރެވޭފަދަ ބޮޑު ބަދަލެއް އަންނަކަން ސާބިތުވެފައެއް ނުވެ އެވެ.

މީގެ އިތުރުން ފިނިކުރި ފެނުން ފެންވެރުމުން ކާނާ ހަޖަމު ކުރުމަށް ނުވަތަ ގުދުރަތީ ގޮތުން ބަނޑުގެ ސިއްހަތަށް ބޮޑު ފައިދާއެއް ކުރާ ކަމަށްވެސް ސައިންސްގެ ހެއްކެއް ނެތެވެ.

ފައިދާތަކާއި ސަމާލުވާންވީ ކަންކަން

ފިނިކުރި ފެނުން ފެންވެރުމުން މީހާ ވަގުތުން ތާޒާވެ، ސިކުނޑި ހޭލާ ގޮތް ވި ނަމަވެސް، މިއީ ގަވާއިދުން ކުރާ ކަސްރަތާއި، ފައިދާހުރި ކެއިންބުއިމާއި، ހަމަ ނިދީގެ ބަދަލުގައި ކުރެވޭނެ ކަމެއް ނޫނެވެ.

މީގެ އިތުރުން ހިތުގެ ބަލިތައް ހުންނަ މީހުންނާއި ފިނީގެ ސަބަބުން ނޭދެވޭ އަސަރުކުރާ މީހުން ކުއްލިއަކަށް ފިނިކުރި ފެނުން ފެންވެރުމުގައި ސަމާލުވާން ޖެހެ އެވެ. ސަބަބަކީ ކުއްލިއަކަށް ފިނިކުރި ފެން އޮއްސުމުން ހަށިގަނޑަށް "ސްޓްރެސް ރެސްޕޮންސް" އެއް އައިސް، ނުރައްކާތެރި ހާލަތަށް ދިއުމުގެ ފުރުސަތު އޮތުމެވެ.

އިންޓަނެޓުގައި ދެކެވޭ ވާހަކަތަކާ ހިލާފަށް ކޮންމެ ދުވަހަކު ފިނިފެނުން ފެންވެރުމަކީ މެޓަބޮލިޒްމް ބޮޑުތަނުން އަވަސްކޮށް ބަރުދަން ލުއިކޮށްދޭނެ ކަމެއް ނޫނެވެ.

ދުޅަހެޔޮ މެޓަބޮލިޒްމް އެއް ހޯދުމަށް އޮތް ހަމައެކަނި މަގަކީ ރަނގަޅު ކެއިންބުއިމާއި، ގަވާއިދުން ކުރާ ކަސްރަތު އަދި ހަމަނިދި ހޯދުމެވެ.