އަންނަ އަންގާރަ ދުވަހު އޮންނަ އެމެރިކާގެ ރިޔާސީ އިންތިހާބުން ޖޯ ބައިޑެން ހޮވިއްޖެ ނަމަ އޭނާ މުޅި އެމެރިކާ ލޮކްޑައުންކޮށް، އިގްތިސާދީ ގޮތުން ގައުމު އަނދަވަޅަކަށް ވައްޓާނެ ކަމަަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވެފައިވަނީ އެރިޒޯނާގައި ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ވާހަކަ ދައްކަވަމުންނެވެ.

"ބައިޑެން އަށް ވޯޓުލައިފި ނަމަ ސްކޫލްތަކަށް ދަރިން ނުފޮނުވޭނެ، ގްރެޖުއޭޝަންތަކެއް ނުބޭއްވޭނެ. ކައިވެނި ހަފްލާތަކާއި ތޭންކްސްގިވިން އަދި ކްރިސްމަސްއެއް ވެސް ފާހަގައެއް ނުކުރެވޭނެ،" ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް ސިފަކުރައްވާ ގޮތުން މި އިންތިހާބުގައި ރައްޔިތުންނަށް އޮތީ ދެ ޗޮއިސްއެކެވެ. އެއީ ޓްރަމްޕް ސުޕަ- ރިކަވަރީ ނުވަތަ ބައިޑެން ޑިޕްރެޝަން އެވެ.

މީގެ ކުރިން އެރިޒޯނާގެ އެހެން ސަރަހައްދެއްގައި ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ޓްރަމްޕް ވަނީ ބައިޑެންގެ ކެމްޕެއިން ހަރަކާތްތަކުގައި މީހުން މާސްކު އަޅާތީ އެމީހުންނަށް މަލާމާތްކޮށް ވާހަކަ ދައްކަވާފަ އެވެ.