ދ. ކުޑަހުވަދޫގައި ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގެ ބިންގާ އަޅައިފި އެވެ.

ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ބަޔާންކުރާ މި ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަ އޮފް ހޯމްއެފެއާޒް އިމްރާން އަބްދުﷲ އެވެ.

ކުޑަހުވަދޫގައި އަޅާ މި ސެންޓަރަކީ ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ ކުޑަކުދިން މުޖުތަމައު އިން އެކަހެރިކޮށް، އެކުދިންނަށް ރައްކާތެރިކަން ދިނުމަށާއި، މުޖުތަމައުއަށް ރައްކާތެރި ބައެއްގެ ގޮތުގައި އިސްލާހުކުރުމަށް ފަހުގައި ނެރުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމްތަކެއް ހިންގުމަށް އިމާރާތްކުރެވުނު މަރުކަޒެކެވެ.

މި މަރުކަޒަށް ގެނެސް އިސްލާހުކުރުމަށް ނެގެވޭނީ، ކުށުގެ ރިކޯޑަށް ބަލައި، މުޖުތަމައުގައި ބައިތިއްބައިގެން އިސްލާހު ނުކުރެވޭ ގިންތީގެ ކުދިންނެވެ. އަދި އެކުދިންނަށް ހާއްސަ ކުރެވިފައިވާ ޕްރޮގްރާމްތައް ފުރިހަމަކޮށް ނިމެންދެން އެކުދިން އެ މަރުކަޒުގައި ބެހެއްޓުމަށް ވަނީ އިންތިޒާމުކުރެވިފަ އެވެ.

ކުޑަހުވަދޫގައި މި މަރުކަޒު ގާއިމުކުރުމަށް ވީ. އަވާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވާއިރު، މި މަސައްކަތަކީ 450 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރެވިފައިވާ 21.7 އަށްވުރެ ގިނަ ރުފިޔާގެ މަޝްރޫއެކެވެ.