މަޝްހޫރު ލަވަ މުބާރާތެއް ކަމަށްވާ "ދަ ވޮއިސް ކިޑްސް ރަޝިއާ" ލަވަ މުބާރާތުގެ ދެ ވަނަ ބުރަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފުގެ ދަރިފުޅު ލައިބާ އަހުމަދު މަހްލޫފު ހޮވިއްޖެ އެވެ.

މިކަމާއި ގުޅޭ ގޮތުން ލައިބާ ކުރި ޓްވީޓްގައި ބުނެފައިވަނީ މިމުބާރާތުގައި ބައިވެރިވުމަށް ރިކޯޑިން ހުށަހެޅީ މިދިޔަ އޮގަސްޓް މަހުގައި ކަމަށެވެ. އަދި ކުރިޔަށް އޮތް ރައުންޑަށް ކޮލިފައިވެފައިވާކަން އެނގުނީ އިއްޔެ ކަމަށްވެސް ލައިބާ ވަނީ ބުނެފަ އެވެ.

"ދަ ވޮއިސް ކިޑްސް ރަޝިއާގެ އޮންލައިން އޯޑިއެންސްގައި ބައިވެރިވުމަށް ޖޫން މަހުން ފެށިގެން ވަރަށް ބުރަކޮށް އަންނަނީ މަސައްކަތް ކުރަމުން. އަދި ކުރިޔަށް އޮތް ރައުންޑު ކާމިޔާބު ވެއްޖެނަމަ ލައިވް ޝޯއިން ފެނިގެންދާނެ. މިހިރީ ވަރަށް އުފަލުން" ލައިބާ ބުންޏެވެ.

ލައިބާގެ މިކާމިޔާބު ފާހަގަ ކުރަމުން ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއީ އިއްޔެ ދިމާވި އެންމެ ބަރާބަރު ކަންތައް ކަމަށެވެ.

"ވަރަށް އުފާވޭ އެލީ އޭނާގެ ބުރަ މަސައްކަތުން ޕްރޮޑިއުސަރުގެ އޯޑިއަންސަށް ކޮލިފައިވީތީ. ޕްރައުޑް އޮފް ހާ" މަހްލޫފް ވިދާޅުވެފައިވެ އެވެ.

ލައިބާ އޮޑިޝަން ހެދި ނުވަ ސީޒަން ގެނެސްދޭން ފަށާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.

"ދަ ވޮއިސް ކިޑްސް ރަޝިއާ" އަކީ ޗެނެލް ވަން ނެޓްވޯކުން ގެނެސްދޭނެ އެއްޗެކެވެ. އެ ޝޯ އިން ލައިބާ އަށް ފުރުސަތު ލިބިއްޖެ ނަމަ ވާނީ "ދަ ވޮއިސް ކިޑްސް ރަޝިއާ" ގައި ބައިވެރިވާ ދިވެހި ފުރަތަމަ ކުޑަކުއްޖާށެވެ.

ކުޑައިރުން ފެށިގެން ލަވަކިޔައި، ލަވަކިޔުމުގެ ދާއިރާއިން ކުރިއަރަމުން އަންނަ ލައިބާ ވަނީ ބައެއް ލަވަތައް ކިޔާފަ އެވެ.