އެވެޓާގެ ސީކުއަލްގެ ކާސްޓުންގެ ތެރޭގައި ޓައިޓޭނިކްގެ މަޝްހޫރު ބަތަލާ؛ ކޭޓް ވިންސްލެޓް ހިމެނޭކަން ކަށަވަރު ވެއްޖެ އެވެ.

މިކަން ހާމަކޮށްފައިވަނީ އެވެޓާގައި ކުޅޭ ރޯލާއި ބެހޭގޮތުން ކޭޓް ދިން އިންޓަވިއުއެއް އެވެޓާގެ ޓުވިޓާ އެކައުންޓުގައި ޝެއާކުރުމުން ނެވެ. "ރޯނަލް" ނަމަކަށް ކިޔާ މިކެރެކްޓާ ކުޅުމަށް ފްރީ ޑައިވް ކުރަން ދަސްކުރަން ޖެހުނު ކަމަށް ކޭޓް ވަނީ ބުނެފަ އެވެ. އެގޮތުން އޭނާއަށް އެންމެ ދިގުކޮށް ނޭވާ ހިފަހައްޓާލެވުނީ ހަތް މިނިޓު 14 ސިކުންތު ވަންދެން ކަމަށް ކޭޓް ހާމަކޮށްފައި ވެ އެވެ.

އެވެޓާގެ ޑައިރެކްޓަރު ޖޭމްސް ކެމަރޮން ބުނި ގޮތުގައި މިހާރު ކުރިޔަށްދަނީ ސީކުއަލްގެ ދެވަނަ އަދި ތިންވަނަ ބައި ނިއުޒިލޭންޑުގައި ޝޫޓް ކުރުމުގެ މަސައްކަތެވެ. ޕެންޑެމިކް އާ ގުޅިގެން ޝޫޓިން މެދު ކަޑާލި ނަމަވެސް ނިއުޒިލޭންޑުގައި ކޮވިޑްގެ ހާލަތު ރަގަޅުވުމުން ޝޫޓިންގް ވަނީ އަލުން ފަށާފަ އެވެ.

ކެމަރޮން ފާހަގަކުރި ގޮތުގައި އެވެޓާ ސީކުއަލް ދެ ގެ ޕްރިންސިޕަލް ފޮޓޮގްރަފީ އެކީ ނިމިފައި ވާއިރު ސީކުއަލް 3ގެ 95 ޕަސެންޓް މަސައްކަތް މިހާރު ވަނީ ފުރިހަމަ ކުރެވިފަ އެވެ.

2009 ވަނަ އަހަރު ނެރެފައިވާ ސައި-ފައި، އެކްޝަން ފިލްމް، "އެވެޓާ" އަކީ 2019 އާއި ހަމައަށް، އެއް ފިލްމަކުން އެންމެ ބޮޑު އާމްދަނީއެއް ހޯދި ކަމުގެ ޝަރަފު ހޯދައިފައިވާ ފިލްމެވެ.

މި ފިލްމުގައި ހަރަކާތްތެރިވެފައިވާ ލީޑް ތަރިންގެ ލިސްޓުގައި ހިމެނެނީ ސޭމް ވާތިންގްޓަން، ޒޯއީ ސަލްޑާނާ، ސްޓެފަން ލޭންގް، މިޝެލް ރޮޑްރިގޭޒް އަދި ސިގާނީ ވީވާ އެވެ. މި ހުރިހާ ތަރިން ވެސް އެވެޓާގެ ސީކުއަލްއަށް އެބުރި އަންނާނެ ކަމަށް ފިލްމު އުފައްދާ ކުންފުނިން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން، ސީކުއަލްގައި ބައިވެރިވާ ތަރިންނަކީ ކޭޓް ވިންސްލެޓް، ކްލިފް ކާޓިސް، އެޑީ ފެލްކޯ، ބްރެންޑަން ކޮވެލް، މިޗެލް ޔިއޯ، ޖެމެއިން ކްލިމެންޓް، އޫނާ ޗެޕްލިން، ޑޭވިޑް ތޫލިސް، ސީޖޭ ޖޯންސް އަދި ވިން ޑީސަލް އެވެ.

"އެވެޓާ 2" 16 ޑިސެންބަރު 2022 ގައި ރިލީސްކުރުމަށް ހަމަޖެހިފައި ވާއިރު، "އެވެޓާ 3" ރިލީސްކުރުމަށް ހަމަޖެހިފައި ވަނީ 20 ޑިސެންބަރު 2024 ގައެވެ.