މޮރިޝަސް ކޮމާޝަލް ބެންކުން ނެގި 60 މިލިއަން ރުފިޔާގެ ލޯނެއް ނުދައްކައި ފިލައިގެން އުޅޭ ދެ މީހަކު ހޯދުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން އާންމުންގެ އެހީތެރިކަަމަށް އެދިއްޖެ އެވެ.

ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ދެމީހަކު ހޯދުމަށް އިއުލާނުކޮށްފައިވާއިރު، އެ ދެމީހުންނަކީ ބަންދުގައި ބަހައްޓައިގެން ހޯދުމަށް ބޭނުންވެފައިވާ ދެ މީހުން ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ހޯދަމުންދަނީ ވ. ރާހި، މުހައްމަދު ބާގިރު 50، އާއި ކ. ކާށިދޫ، ހަނދުވަރީގެ، ޒީނިޔާ މުހައްމަދު ޒާހިރު 38އ އެވެ.

ފުލުހުން ބުނީ އެ ދެ މީހުން ހޯދަނީ ސިވިލް ކޯޓުގައި ދައުވާކުރާ ހުކުމް ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ، ހާޒިރުކުރެވިފައި ނުވާތީ ކަމަށެވެ. އަދި އެކަމާ ގުޅިގެން އެދެ މީހުން ބަންދުގައި ބަހައްޓައިގެން ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާ ގުޅިގެން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މި ދެ މީހުން ކޯޓަށް ހާޒިރުކުރުމަށް މަސައްކަތް ކުރަނީ މޮރިޝަސް ބެންކުން ދެމީހުންގެ ގެރެންޓީ ދީގެން ނެގި 60 މިލިއަން ރުފިޔާ އަނބުރައި ދެއްކުމަށް 2016 ވަނަ އަހަރު އެދެ މީހުންނަށް ހުކުމް ކުރުމާ ގުޅިގެންނެވެ.

މި ދެމީހުން ހޯދުމަށް އިންޓަޕޯލްގެ ރެޑް ނޯޓިސް ނެރެފައި ވާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، މި ދެ މީހުންގެ މައުލޫމާތު އެނގޭ ނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރަށް ގުޅައިގެން މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ ބުނެފަ އެވެ.