މަޝްހޫރު ފިލްމީ ތަރި ސްކާލެޓް ޖޮހޭންސަން އާއި ލޭޓްނައިޓް ކޮމެޑީ ޝޯ، ސަޓަޑޭ ނައިޓް ލައިވްގެ ލިޔުންތެރިޔާ ކޮލިން ޖޮސްޓް ކައިވެނި ކޮށްފި އެވެ. މިކަން އިއުލާންކޮށްފައިވަނީ އެމެރިކާގެ ހިލޭ ސާބަހަށް މަސައްކަތް ކުރާ އޮގަނައިިޒޭޝަނެއް ކަމަށްވާ "މީލްސް އޮން ވީލްސް" އިން އިންސްޓަގްރާމުގައި ކުރި ހާއްސަ ޕޯސްޓެއްގަ އެވެ.

ސްކާލެޓް އާއި ކޮލިންގެ ކައިވެނީގެ ހަބަރު އިއުލާންކުރުމަށް ލިބުނު ފުރުސަތާ މެދު ވަރަށް އުފާކުރާކަމަށް ބުނަމުން، ކައިވެނި ހަފްލާއާއި ބެހޭގޮތުން "މީލްސް އޮން ވީލްސް" އިން ބުނެފައިވަނީ އެއީ އާއިލާ އާއި ރަހުމަތްތެރިން ބައިވެރިވި ޕްރައިވެޓް ހަފްލާއެއް ކަމަށެވެ. އަދި މިހަފްލާ ބާއްވާފައިވަނީ ކޮވިޑާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބެލުމަށްފަހު އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިންކަން ފާހަގަކޮށްފައިވެ އެވެ.

https://www.instagram.com/p/CG8Cx8qs4JX/?utm_source=ig_embed&utm_campaign=loading

ޕޯސްޓު ނިންމާލަމުން ބުނެފައިވަނީ ދެ ބައިވެރިންގެ ވެސް ކައިވެނީގެ އެދުމަކީ އެމީހުންގެ އުފަލުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، މި ދަތި އުނދަގޫ ހާލަތުގައި ދިރިއުޅޭ އުމުރުން ދުވަސްވީ ނިކަމެތި މީހުންނަށް ލުޔެއް ހޯދައި ދިނުމަށްޓަކައި އެ އޮގަނައިޒޭޝަންގެ ފުޑް ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށް ދިނުމަށެވެ.

ސްކާލެޓް ޖޮހޭންސަން އާއި ކޮލިން ޖޮސްޓް ލޯބީގެ ގޮތުން ގުޅިފައިވަނީ 2017 ވަނަ އަހަރު ސަޓަޑޭ ނައިޓް ލައިވް އިން ބައްދަލުވެގެން ކަމަށް ވެ އެވެ. މިދިޔަ އަހަރު ތެރޭގައި ދެ ބައިވެރިން އެންގޭޖުވެފައިވާއިރު ޖޮސްޓްގެ ބައޮގްރަފީ ޕްރޯމޯޓު ކުރުމަށް، މިއަހަރު ޖުލައި މަހު ދިން އިންޓަވިއުއެއްގައި އޭނާ ކައިވެނި ކުރަން ތައްޔާރުވަމުންދާ ކަމަށް ވަނީ ބުނެފަ އެވެ.