އުއްތަމަ ފަނޑިޔާރު މުހައްމަދު މުއުތަސިމް އަދުނާނަށް ދައުލަތުން ހަމަޖައްސައިދޭ ވަގުތީ ގެކޮޅު، ރެހެންދި ފްލެޓްގެ މަސައްކަތް 4.8 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.
އުއްތަމަ ފަނޑިޔާރުގެ ވަގުތީ ގެކޮޅުގެ ގޮތުގައި ދައުލަތުން ކަނޑައަޅާފައިވާ ރެހެންދި ފްލެޓްގެ އެޕާޓްމަންޓުތަކުގެ މަރާމާތުގެ މަސައްކަތް ނިންމައި މި ހަފުތާގެ ތެރޭގައި އެ މަނިކުފާނު ބަދަލުވެވަޑައިގަންނަވާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.
އެ މަސައްކަތަށް ދައުލަތުގެ ބަޖެޓުން 4,896,182.00ރ. ހޭދަވާނެ ކަމަށް ބުނެފައިވެ އެވެ.
ދައުލަތުން ރަސްމީ ގެކޮޅު ހަމަޖައްސައިދޭން ނިންމި ފަހުން، އުއްތަމަ ފަނޑިޔާރު މުއުތަސިމް މިހާރު ދިރިއުޅުއްވާ ގެކޮޅަށް މީހަކު ވަދެ އެތަނުގެ ސީސީޓީވީ ކެމެރާތަކަށް ގެއްލުންދިން މައްސަލައެއް މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ފެންމަތިވި އެވެ. އެ ގޭގެ ސެކިއުރިޓީ ސިސްޓަމް ވަރުގަދަ ކުރީ އޭގެ ފަހުންނެވެ.
ދައުލަތުގެ ދެ ބާރުގެ ވެރިންގެ ސެކިއުރިޓީ ވަރުގަދަކުރަން، ގާނޫނު އިސްލާހުކޮށް އުއްތަމަ ފަނޑިޔާރަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދައުލަތުން ގެކޮޅު ހަމަޖައްސައިދޭން ނިންމީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މޭ މަހު ދިން ޓެރަރިސްޓު ހަމަލަ އަށް ފަހު އެވެ.
ނަޝީދަށް ހަމަޖެއްސި ވަގުތީ ގެކޮޅު، މުރައިދޫގޭގެ މަސައްކަތް މިދިޔަ މަހު ނިންމާލައިފައި ވާއިރު އެ މަނިކުފާނު މިހާރު ދިރިއުޅުއްވަނީ އެތަނުގަ އެވެ.
ދެ ބާރުގެ ވެރިންނަށް ވަގުތީ ގެކޮޅު ހަމަޖައްސައިދޭ އިރު، ދާއިމީ ގެކޮޅު އިމާރާތް ކުރުމުގެ އިދާރީ މަސައްކަތްތައް ވެސް ކުރިއަށް އެބަދެ އެވެ. އެކަމުގެ ހަރަދުގެ ގޮތުގައި 12 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ. މަޖިލީހުގެ ރައީސްގެ ގެކޮޅު އިމާރާތް ކުރަނީ ސުޕްރީމް ކޯޓު ކުރިމަތީގައި އޮންނަ ދަންޑަހެލު ގޭގެެ ބިމުގަ އެވެ. އުއްތަމަ ފަނޑިޔާރުގެ ގެކޮޅު އިމާރާތް ކުރަނީ ކުރީގެ ސްކައުޓް އެސޯސިއޭޝަން ހިންގި އިމާރާތުގަ އެވެ.