ދިވެހި ފިލުމީ ދާއިރާގައި އުޅަދާނަ އެކްޓަރު އަލީ އާޒިމް (ދޮން އައްޔަ) އަށް އަލަތު ދަރިފުޅު ލިބިއްޖެ އެވެ.

ދޮން އައްޔަ އާއި އޭނާގެ އަންހެނުން ހައްވާ ޖީނާ އަށް އަލަތު ދަރިފުޅު ލިބުނީ މިމަހުގެ ފަސް ވަނަ ދުވަހު އެވެ. އެ ދެ މީހުންނަށް ލިބިފައި ވަނީ ފިރިހެން ކުއްޖެކެވެ.

ދިވެހި ފިލްމީ އުދަރެހުގައި ފިޔަޖަހަމުން އަންނަ މަޝްހޫރު އެކްޓަރު ދޮން އައްޔަ އާއި ޖީނާ ކައިވެނި ކުރީ އޮކްޓޫބަރު 6، 2019 ގަ އެވެ.

ދޮން އައްޔަ އާއި އޭނާގެ އަންހެނުން ޖީނާ

ނެށުމުގެ ތެރެއިން މުނިފޫހިފިލުވުމުގެ ދާއިރާއަށް ނުކުތް ދޮން އައްޔަ މިހައިތަނަށް ވަނީ ގިނަ އުފެއްދުންތަކެއްގައި ހަރަކާތްތެރިވެފަ އެވެ. އަދި ކޮމެޑީ ރޯލުތަކުން މަގުބޫލުކަން ހޯދިނަމަވެސް ދޮންއައްޔައަކީ ކޮންމެ ރޯލެއް ކުޅެން ވެސް ދެ ވަނައެއް ނެތް ފަންނާނެކެވެ.

ދޮން އައްޔަ މިހާތަނަށް ކުޅެފައިވާ ފިލުމުތަކުގެ ތެރޭގައި ނޯޓީ ފޯޓީ، ދެވަންސޫރަ، މަލިކާ، ފޯޓީ ޕްލަސް، ހައްދު، ބޮސް އަދި ދައުވަތު ފާހަގަކޮށްލެވެ އެވެ.

ފިލްމުތަކުގެ އިތުރުން ވެބް ސީރީޒްތަކުގައި ވެސް ހަރަކާތްތެރިވެފައިވާ ދޮން އައްޔަ ވަނީ ހުވާ، ކަރުހަކުރު، ހުވާކޮށްފާ ބުނަން ފަދަ ސީރީޒްތަކުގައި ބޮޑު ރޯލެއް އަދާކޮށްފަ އެވެ.

ދޮން އައްޔައަށް ވަނީ ނުވަވަނަ ދިވެހި ފިލްމް އެވޯޑްސްގައި ޖޫރީ ސުޕެޝަލް އައުޓްސްޓޭންޑިން ޕާފޯމެންސް އެވޯޑް ލިބިފަ އެވެ.