އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހިޔާ ފްލެޓް ސަރަހައްދުގައި އަންނަ ހުކުރު ދުވަހުގެ ރޭ ބޭއްވުމަށް ތައްޔާރުވަމުން އަންނަ ޖަލްސާއަށް އެޗްޑީސީގެ ހުއްދަ ނަގާފައި ނުވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އިދިކޮޅު ކޯލިޝަނުން "ކޮތަރު ކޮށި" ނަމުގައި ހިޔާ ފްލެޓް ސަރަހައްދުގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ ޖަލްސާއާއި ގުޅިގެން ހުޅުމާލެ ބަލަހައްޓާ އެޗްޑީސީއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އެ ޖަލްސާ ބޭއްވުމުގެ ހުއްދަ އަށް މިހާތަނަށް އެދިފައި ނެތް ކަމަށެވެ.

ހުޅުމާލޭގެ އެއްވެސް ސަރަހައްދެއްގައި ހަރަކާތެއް ހިންގޭނީ އެޗްޑީސީގެ ހުއްދަ ހޯދައިގެން ކަމަށްވެސް އެކުންފުނިން ވަނީ ބުނެފަ އެވެ.

އެޗްޑީސީން މިހެން ބުނެފައިވާއިރު ހުކުރު ދުވަހުގެ ރޭގެ ޖަލްސާ ބޭއްވުމަށް ޕީޕީއެމުން ވަނީ މާލެ ސިޓީ ކައުންސިލުން ހުއްދަ ނަގާފަ އެވެ.

މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ސޮއިކުރައްވައި މިދިޔަ އާދިއްތަ ދުވަހު ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނަށް ފޮނުއްވި ސިޓީއަކުން ވަނީ އެ ހުއްދަ ދެއްވައިފަ އެވެ.

"ތިޔަ ޕާޓީން އެދިލައްވާފައިވާ ގޮތަށް ބޭއްވުމާ މެދު ކައުންސިލްގެ އެއްވެސް އިއުތިރާޒެއް ނެތް،" ސިޓީ ކައުންސިލުން ޕީޕީއެމްއަށް ފޮނުއްވި ސިޓީގައި ވަނީ ބުނެފަ އެވެ.

ސިޓީ ކައުންސިލުން މީގެ ކުރިން ބުނެފައިވަނީ ހުޅުމާލެއަކީ ވެސް އެކައުންސިލުގެ އިހުތިސާސުގެ ތެރޭގައި ހިމެނޭ ސަރަހައްދެއް ކަމަށެވެ. ސިޓީ ކައުންސިލުން ބުނާގޮތުގައި ގާނޫނީ ގޮތުން ހުޅުމާލެ އަކީ ވެސް އެ ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ތަނެކެވެ.

ޕީޕީއެމްއިން ބުނީ "ކޮތަރު ކޮށި" ނަމުގައި ބާއްވާ ޖަލްސާއަކީ ރައީސް ޔާމިން ހުޅުމާލޭ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ހާއްސަކޮށްގެން ބާއްވާ ޖަލްސާއެއް ކަމަށެވެ. ޖަލްސާ ފެށުމަށް ހަމަޖައްސާފައިވަނީ ހުކުރު ދުވަހުގެ ރޭ 8:30 ގައެވެ.