މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް 19ގެ ބަލިމަޑުކަމާ ގުޅިގެން ހާލުގައި ޖެހިފައިވާ މީހުންނަށް މެދުކެޑުމެއް ނެތި އެހީވަމުން އަންނަ ބޮލީވުޑް ބަތަލު؛ ސޯނޫ ސޫދުއަށް ދުވާލަކަށް އެތަކެއް ރިކުއެސްޓެއް ސޯޝަލް މީޑިޔާ މެދުވެރިކޮށް ލިބެ އެވެ. މީގެ ތެރޭގައި ބައެއް ފަހަރު އެންމެ ނޭދެވޭ ކަންކަމަށް ވެސް ރިކުއެސްޓު އާދެ އެވެ. މިދަފަ ކަންކަމަށް ސޯނޫ އާންމުގޮތެއްގައި އިޖާބަ ދެނީ މަޖާ ރައްދަކުން ނެވެ.
އެންމެ ފަހުން ޓުވިޓާގައި ފޭނަކު އެދިފައި މިވަނީ އޭނާ ދިވެހިރާއްޖެއަށް ޗުއްޓީއަށް ފޮނުވައި ދިނުމަށެވެ. މިޓުވީޓަށް ޖަވާބު ދެމުން ސޯނޫ ސުވާލުކޮށްފައި ވަނީ ރާއްޖެ ފޮނުވަ ދޭންވީ ބައިސްކަލެއްގައި ތޯ ނުވަތަ ރިކްޝާއެއްގައި ތޯ އެވެ. އޭނާގެ މިމަޖާ ރައްދަށް ގިނަ ބަޔަކު ވަނީ ރިއެކްޓުކޮށް ކޮމެންޓު ކޮށްފަ އެވެ.
މިި ރިކުއެސްޓު މިގޮތަށް އައިސްފައި ވަނީ މާޗް މަހުން ފެށިގެން އިންޑިއާ ލޮކްޑައުންއަށް ދިޔުމާއެކު އިންޑިއާގެ އެކި ސަރަހައްދުތަކުގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތު މީހުން އަބުރާ ރަށަށް ދެވޭނެ ގޮތެއް ނެތިފައި ތިއްބާ އެ އިންތިޒާމްތައް ހަމަޖައްސައިދޭ ދަނޑިވަޅެއްގަ އެވެ. އެގޮތުން މިހާތަނަށް އެތަކެއް ފަރާތްތަކަށް ސޯނޫގެ އެހީތެރިކަން ވަނީ ލިބިފަ އެވެ.
ސޯނޫ ހިލޭ ސާބަހަށް ކޮށްދޭ ހިދުމަތްތަކުގެ އަގުވަޒަން ކުރުމަށް، މިދިޔަ މަހު ޔޫއެންޑީޕީން ވަނީ ސޯނޫއަށް ޝަރަފުވެރި އެސްޑީޖީ ހިއުމަނިޓޭރިއަން އެކްޝަން އެވޯޑް ދީފަ އެވެ. މިކަމާ ގުޅޭ ގޮތުން ސޯނޫ ބުނެފައި ވަނީ އޭނާ ކޮށްދޭ މަސައްކަތަކީ އެއްވެސް ބަދަލަކަށް އެދި ކުރާ ކަންކަމެއް ނޫން ކަމަށާ އެއީ ހަމައެކަނި އޭނާގެ ފަރާތުން ކޮށްދެވޭނެ މިންވަރު އޭނާގެ ގައުމުގެ އަހުންނާއި އުހުތުންނަށް ކޮށްދިނުމުގެ ނިޔަތުުގައި ކޮށްދޭ ކަންކަން ކަމަށެވެ. ނަމަވެސް މިމަސައްކަތް ފާހަގޮކޮށް އަގުވަޒަން ކުރުމުން އުފާވި ކަމުގައި ސޯނޫ ވަނީ ބުނެފަ އެވެ.