1962 ގައި ނުކުތް މަޝްހޫރު ފިލްމް ސީރީޒް، ޖޭމްސް ބޮންޑްގައި އެންމެ ފުރަތަމަ ބޮންޑުގެ ރޯލު ކުޅުނު އެކްޓަރު "ސާ ޝޯން ކޮނެރީ" މަރުވެއްޖެ އެވެ.

އޭނާގެ ދަރިފުޅު؛ ޖޭސަން ކޮނެރީ ބުނި ގޮތުގައި، 90 އަހަރުގެ ތަރި މަރުވެފައި ވަނީ މުސްކުޅި ބަލީގައި ދުވަސްކޮޅަކު އުޅުމަށް ފަހު، ނިދީގަ އެވެ.

ގިނަ ބައެއްގެ ލޯތްބާއި އިހްތިރާމް ހޯދައިވާ ޝޯންގެ ފަހު ދުވަސްތަކުގައި އާއިލާގެ ގިނަ މެމްބަރުންނާއެކު ވަގުތު ހޭދަކޮށްފައިވާކަން ޖޭސަން ވަނީ ފާހަގަކޮށްފަ އެވެ. އަދި ޕެންޑެމިކް ނިމުނުހާ އަވަހަކަށް އޭނާގެ ބައްޕަގެ ހަދާނުގައި މެމޯރިއަލް ސެރަމަނީއެއް ބާއްވާނެ ކަމަށް ޖޭސަން ވަނީ ބުނެފަ އެވެ.

ޖޭމްސް ބޮންޑްގެ އިތުރުން، ޝޯން ކޮނެރީގެ ކާމިޔާބު އެހެން މަސަައްކަތްތަކުގެ ތެރޭގައި "ދަ ހަންޓް ފޯ ރެޑް އޮކްޓޯބާ"، "އިންޑިއާނާ ޖޯންސް އެންޑް ދަ ލާސްޓް ކްރުސޭޑް"، "ދަ ރޮކް" އާއި "ދަ އަންޓަޗަބަލްސް" ހިމެނެ އެވެ. އެގޮތުން 1987 ވަނަ އަހަރު ދަ އަންޓަޗަބަލްސްގައި ޝޯން ކުޅުނު ރޯލުން އޮސްކާ އެވޯޑަކާއި ދެ ބަފްޓާ އެވޯޑު އަދި ތިން ގޯލްޑަން ގްލޯބްސް ވަނީ ހާސިލު ކޮށްފަ އެވެ. މީގެ އިތުރުން ފިލްމީ ދާއިރާއަށް ކޮށްދީފައިވާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް އަގުވަޒަން ކުރުމުގެ ގޮތުން، އިގިރޭސިވިލާތުގެ ކުއީން އެލިޒަބަތު II ދެއްވާ ޝަރަފުވެރި ނައިޓްހުޑް ކަމުގެ ލަގަބު 2000 ވަނަ އަހަރު ޝޯންއަށް ވަނީ އަރުވާފަ އެވެ.

1962 ވަނަ އަހަރު ފިލްމީ މަސައްކަތްތަކަށް ނުކުތް ޝޯން ކޮނެރީ އަކީ މެދު ފަންތީގެ އާއިލާއަކަށް ނިސްބަތްވާ ފަންނާނެ ކެވެ. ނަމަވެސް އޭނާ ފާހަގަ ކުރެވެނީ ބުރަ މަސައްކަތުން ބައިނަލްއަގުވާމީ ފިލްމީ ލެޖެންޑް އަކަށް ބަދަލުވެ ދުނިޔޭގެ އެންމެ ހުނަރުވެރި، ސަޕޯޓަރުން ގިނަ ތަރިންގެ ލިސްޓުގައި ހިމެނުނު ފަރާތެއް ގޮތަށެވެ. އެގޮތުން ޝޯން ކޮނެރީ މަރުވުމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ފޮނުވަމުންނެވެ.