ދިވެހި ރާއްޖޭގައި ދިވެހި ގާނޫނު ނުހިނގާ، ދިވެހި ދައުލަތުގެ ސަރުކާރަށް ޖަވާބުދާރީވާން ނުޖެހޭ ބަޔަކު ތިބެ ދާނެ ހެއްޔެވެ؟ އެފަދަ ބަޔަކު ތިބެގެން ވާނެ ހެއްޔެވެ؟ މި ސުވާލުގެ ޖަވާބު ކޮންމެ މީހަކު ކޮންމެ ގޮތަކަށް ދިން ކަމުގައި ވިޔަސް އެނގޭ ކަމަކީ ދިވެހި ސަރުކާރަށް ބާރު ނުހިންގޭ ބަޔަކު ރާއްޖޭގެ ފަސްގަނޑުގައި އެބަތިބި ކަމެވެ. އެކަމަކީ ސިއްރެއް ވެސް ނޫނެވެ. ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ކުރެވިފައިވާ އެއްބަސްވުންތައް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގައި މަޝްވަރާކުރެވުނު އެއްބަސްވުންތަކުން މިކަން ރަނގަޅަށް އެނގެ އެވެ.

މިހާތަނަށް އާންމު ވެފައިވާ މައުލޫމާތުތަކަށް ބަލާއިރު ރާއްޖޭގައި އިންޑިއާއިން ގަދަކަމުން ބާއްވައިފައިވާ ދެ ހެލިކޮޕަޓަރާއި ޑޯނިއާ ބޯޓު ދުއްވުމަށް އެކަނި ވެސް އެ ގައުމުގެ ސިފައިންގެ 50 އަށްވުރެ ގިނަ މީހުން ރާއްޖޭގައި ތިބެ އެވެ. މި މީހުން ބެހިފައި ވަނީ ރާއްޖޭގެ އުތުރާއި ދެކުނާއި މެދު ރާއްޖެ ތެރޭގެ މުހިންމު ސަރަހައްދުތަކަށެވެ.

މީގެ އިތުރުން އައްޑޫގައި އިންޑިއާ ސަރުކާރުން ހިންގަމުންދާ މަޝްރޫއުތައް ހިންގުމަށް ވެސް އިންޑިއާ ސިފައިން ހަރަކާތްތެރިވާ ކަމަށްވެ އެވެ.

އިންޑިއާއިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، މުނު މަހާވަރް އައްޑުއަށް ވަޑައިގެން އެތަނުގައި ހިންގާ މަޝްރޫއުތައް ބައްލަވާލައްވަނީ. ފޮޓޯ: އިންޑިއާ ހައިކޮމިޝަން

އިންޑިއާގެ އެތައް ސަތޭކަ ސިފައިން މިވަގުތު ވެސް ރާއްޖޭގައި މިލިޓަރީ ވަސީލަތްތަކާއެކު (ހެލިކޮޕްޓާރާއި މަތިންދާބޯޓު) ގާއިމުވެ ތިބޭއިރު އެ މީހުންނަކީ ރާއްޖޭގެ ގާނޫނު އެ މީހުންގެ މައްޗަށް ހިނގުމެއް ނެތް ބައެކެވެ. އެ މީހުންގެ މައްޗަށް ދިވެހި ސަރުކާރުގެ ބާރެއް ވެސް ނުފޯރާނެ އެވެ. އިންޑިއާ ސަރުކާރާއެކު ދިވެހި ސަރުކާރުން ހަދާފައިވާ އެއްބަސްވުމުގައި އޮތް ކަމުގައި އެމްއެންޑީއެފުން ރައްޔިތުންގެ މަޖިލީހަށް މައުލޫމާތު ދިން ގޮތުގައި ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ޖަވާބުދާރީ ވާން ޖެހޭނީ ރާއްޖޭގައި ހުންނަ އިންޑިޔާ ހައިކޮމިޝަނަށެވެ.

އިންޑިއާއިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، މުނު މަހާވަރް، އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ސޯލިހުއަށް މިދިޔަ މަހުގެ 17 ވަނަ ދުވަހު އެރުވުމަށްފަހު ސަލާމްކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ ބެލެނިވެރިކަމުގެ އިތުރުން ރާއްޖޭގައި އިންޑިއާގެ ލޯނު އެހީގައި ނަމަވެސް އިންޑިއާ ސަރުކާރާ ގުޅިގެން ހިންގާ ހުރިހާ މަޝްރޫއެއް ހިންގާ ބެލެހެއްޓުން ފަދަ ކަންތައް ވެސް ކުރަމުން ގެންދާ ކަމަށް ފެންނަނީ އިންޑިއާ ހައި ކޮމިޝަނުންނެވެ. އެހެންކަމުން ރާއްޖޭގައި ހުންނަ އިންޑިޔާ ހައިކޮމިޝަން ވެފައި މިވަނީ ނުސީދާކޮށް ރާއްޖޭގައި އިންޑިއާ ތަމްސީލުކުރާ ވަކި ސަރުކާރަކަށެވެ. އެ ސަރުކާރަކަށް ދިވެހި ސަރުކާރުގެ ބާރެއް ނުހިނގަ އެވެ.