ފުވައްމުލަކުގެ މަގުތައް ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 70 ޕަސެންޓް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން މިއަދު ބުނެފި އެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން 122،659 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތާއި، 27،450 އަކަ މީޓަރުގެ ސަރަހައްދެއްގައި ދުވާރު ހެދުމާއި، 95،239 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުން ހިމެނެ އެވެ. އޭގެ އިތުރުން މަގުމަތީ ނިޝާން އަދި މަގުބައްތި ހަރު ކުރުމާއި، 19،940 މީޓަރުގެ ސަރަހައްދެއްގައި ފެންހިންދާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ޕްރޮޖެކްޓުގެ ދަށުން މި ރަށުގެ 31 މަގެއްގެ 15،932 މީޓަރުގެ ސަރަހައްދެއް ތާރު އަޅައިގެން ހަދާނެ އެވެ.

މި މަޝްރޫއުގެ ދަށުން ބައެއް މަގުތަކުގައި ޕޭވްމަންޓް ހެދުން ފިޔަވައި އިތުރު އެއްވެސް މަސައްކަތެއް ނުކުރެ އެވެ.

މަގުތަކުގައި ތާރު އަޅަން އަންނަ ޖެނުއަރީ މަހު ފެށޭވަރުވާނެ ކަމަށް އެމްޓީސީސީ ސީއީއޯ އާދަމް އާޒިމް މިދިޔަ މަހުގެ ހަވަނަ ދުވަހު ވިދާޅުވި އެވެ.

730 ދުވަހުގެ ތެރޭގައި ނިންމަން އެމްޓީސީސީއާ 2019 ޖުލައި މަހު ހަވާލުކުރި 271.3 މިލިއަން ރުފިޔާގެ މަޝްރޫއުގެ ދަށުން މަގުތަކުގައި ތާރު އެޅުމުގެ އިތުރުން މަގުތަކުގައި ބައްތި ހަރުކުރުމާއި ސްޓޯމް ވޯޓާ ޑްރެއިނޭޖް ސިސްޓަމެއް ވެސް ގާއިމުކުރަން ހަމަޖެހިފައިވެ އެވެ.

އާބާދީގައި 13،000 އެއްހާ މީހުން ހިމެނޭ ރަށުގެ މަގުތައް ހެދުމުގެ މަސައްކަތް ނުނިމި ދިގުލައިގެން ދާތީ ގިނަ ބަޔަކު ދަނީ ޝަކުވާކުރަމުންނެވެ.