އަލަށް އާބާދުވާން ފަށާފައިވާ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެޅި ވަގުތީ މިސްކިތް މިއަދު ހުޅުވުމަށް ނިންމައިފި އެވެ.

މި މިސްކިތް ހުޅުވުމަށް ހަމަޖެހިގައިވަނީ މިއަދު އަސުރު ނަމާދަށް ފަހުގަ އެވެ. އަދި މިސްކިތް ހުޅުވައިދެއްވާނީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އެވެ.

މިނިސްޓަރު ވިދާޅުވީ މިއަދު ހުޅުވުމަށް ހަމަޖެހިފައިވާ މި މިސްކިތުގެ އިތުރުން ވެސް ވަގުތީ ގޮތުން ބޭނުންކުރުމަށް އިތުރު މިސްކިތެއް އެޅުމަށް ޔޭސް ކުންފުންޏާއި ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ދެވަނަ ފިޔަވަހީގައި ދާއިމީ މިސްކިތެއް އެޅުމަށް ވެސް މަސައްކަތް ކުރަމުން ގެންދާ ކަމަށާއި، އެ އެހެން ނަމަވެސް މިސްކިތް އަޅައި ނިންމުމަށް ނަގާނީ ކިހާ ދުވަހެއް ކަމެއް ބުނަން ނޭނގޭ ކަމަށް ޑރ. ޒާހިރު ވަނީ ވިދާޅުވެފަ އެވެ.

ޔޭސް ކުންފުންޏާއި ހަވާލުކޮށްގެން މިއަދު ހުޅުވަން ތައްޔާރުކޮށްފައިވާ އެ މިސްކިތުގައި ގާތްގަނޑަކަށް 540 މީހުންނަށް ނަމާދުކުރެވޭ ޖާގަ ހުރެ އެވެ. އަދި މިސްކިތުގެ ގޯތިތެރޭގައި 1،000 މީހުންނަށް ނަމާދުކުރެވޭނެ ޖާގަ އޮވެ އެވެ. މި މިސްކިތުގެ މަސައްކަތް ނިންމީ 80 ދުވަސް ތެރޭގަ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިހާރު ހުރީ އަމިއްލަ ފަރާތަކުން އެސަރަހައްދުގައި އަލަށް ބިނާކުރި "މަސްޖިދު އަމީލް ޖަލީލް" ނަމަކަށް ކިޔާ މިސްކިތެކެވެ. އެމިސްކިތް ހުޅުވާފައި ވަނީ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހުގަ އެވެ.