ޖަކާޓާ (14 ޑިސެމްބަރު) - މިއަދު ހެނދުނު އިރުމަތީ އިންޑޮނޭޝިއާއަށް އައި ބާރުގަދަ ބިންހެލުމަކާއެކު އެ ގައުމުގެ ބައެއް ހިސާބުތަކަށް ސުނާމީގެ އިންޒާރު ނެރެފި އެވެ.
އިންޑޮނޭޝިއާގެ މީޓިއޮރޮޖިކަލް ޑިޕާޓްމަންޓުން ވަނީ މި ބިންހެލުމުގައި އެއްވެސް ގެއްލުމެއްގެ ރިޕޯޓު ލިބިފައި ނުވި ނަމަވެސް ކުރިމަތިވެދާނެ ހާދިސާއަކަށް ތައްޔާރުވެ ތިބެން ޖެހޭ ކަމަށެވެ.
ބިންހެލުމުގެ ފަހުން އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ދެއްކި ގޮތުގައި އެ ބިންހެލުމަކީ 7.3 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމެކެވެ.
ކަނޑުގެ އަޑިން 12 ކިލޯމީޓަރަށް ބިންހެލުމުގެ އަސަރުކުރުމާއެކު އެ ގައުމުގެ އިރުމަތީ އަވަށްތަކެއް ކަމަށްވާ މަލުކޫ، ނުސާ ޓެންގަރާއާއި ސުލަވޭސީގެ އިތުރުން ބިންހެލުން އައި ސަރަހައްދުގެ 1000 ކިލޯމީޓަރު ރޭޑިއަސްގައިވާ ހުރިހާ ހިސާބަކަށް ވަނީ ސުނާމީގެ އިންޒާރު ނެރެފަ އެވެ.
މި ބިންހެލުމަށްފަހު ވެސް އެގައުމުގެ ލަރަންޓުކާއަށް ވަނީ 5.6 މެގުނިޓިއުޑްގެ އިތުރު ބިންހެލުމެއް ވެސް އައިސްފަ އެވެ.
އީސްޓް ފްލޮރެސް ޑިޒާސްޓާ މިޓިގޭޝަންގެ ވެރިޔާ އަލްފޮންސް ހަދާ ބޭތަން ވިދާޅުވި ގޮތުގައި ބިންހެލުންތަކުގައި އެއްވެސް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯށު ލިބިފައެއް ނުވެ އެވެ. ނަމަވެސް ބިންހެލުމުގެ އަސަރު މިނެޓު ކޮޅަކަށް ދެމިގެން ދިޔަ ކަމަށް އޭނާ ފާހަގަކުރި އެވެ.
އިންޑޮނޭޝިއާއަކީ ޖިއޮގްރަފީ ގޮތުން އެގައުމު އޮންނަ ހިސާބުގެ ސަބަބުން ގިނަ ބިންހެލުންތަކެއް އަންނަ ގައުމެކެވެ. 2004 ވަނަ އަހަރު އިންޑިއާ ކަނޑުގެ އެކި ގައުމުތަކަށް ކުރިމަތިވި ސުނާމީ ކާރިސާއަކީ ވެސް އެގައުމުގެ ސުމަޓްރާއަށް އައި ބިންހެލުމަކާ ގުޅިގެން އުފެދުނު ސުނާމީ އެކެވެ. – އަލް އަރަބިއްޔާ