އދ. ދަނގެތީގައި ރަހުމުކުޑަ ގޮތަކަށް މަރާލައި އެއްލައިލި ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު މަރާލި މައްސަލައާއި ގުޅިގެން ޝާ އަލޮމް (ސާލިމް)ގެ މައްޗަށް ދެ ދައުވާއެއް ކޮށްފި އެވެ.

މަހުމޫދު މަރާލި މައްސަލަ ފުލުހުންނަށް އޭނާގެ އާއިލާއިން ރިޕޯޓުކުރީ މިދިޔަ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުގަ އެވެ. އޭނާ ނުފެނި ހޯދަމުން ގެންދަނިކޮށް ފެނިފައިވަނީ އެ ރަށުގައި ހުރި ފަޅު ގޯއްޗެއްގައި ހުރި ވަޅަކަށް ގޯންނަކަށް ލާފައި އައްސާފައި އޮއްވަ އެވެ.

މަހުމޫދުގެ ގާތިލްކަމަށްވާ ސާލިމް ހައްޔަރުކުރީ އޭގެ ދެ ދުވަސް ފަހުންނެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވާ ހެކިތައް ފުލުހުންގެ ތަހުގީގަށް ފެނިފައިވާއިރު، އޭނާ ވަނީ މަހުމޫދު މަރާލި ކަމަށް އިއުތިރާފުވެފަ އެވެ.

މި މައްސަލައާއި ގުޅިގެން އޭނާގެ މައްޗަށް، ގަސްތުގައި މީހަކު މެރުމުގެ ދައުވާ އާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާ ކޮށްފައިވާކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

މަހުމޫދުގެ ގަތުލާއި ގުޅޭގޮތުން ސާލިމް ވަނީ މަހުމޫދު މަރާލީ ފައިސާގެ ދަހިވެތިކަމުގައި ކަމަށް، އެއްބަސްވެފަ އެވެ. އަދި މި މައްސަލައާއި ގުޅިގެން ފުލުހުން ހޯދި އެހެނިހެން ހޯދުންތަކުން އެނގޭގޮތުގައި، ކުރިންވެސް ސާލިމް، ކުށްތަކުގައި ބައިވެރިވުމުގެ ފުރުސަތު އޮތް ކަމަށް ފުލުހުންގެ ތަހުގީގަށް އެނގިފައިވެ އެވެ.