މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރާ މަސައްކަތުގެ ދަށުން ހުޅުމާލޭން ހުއްޓުވި ކާރުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދި މައްސަލައިގައި ހައްޔަރުކުރި މީހާގެ އިތުރު ހެކިތަކެއް ހޯދައިފި އެވެ.
މިދިޔަ ހޯމަދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، ހުޅުމާލޭގައި ދުއްވާފައި ދިޔަ ކާރަކުން 91 ޕެކެޓް މަސްތުވާތަކެތި އަތުލާފައިވާއިރު، މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އެ ކާރުގައި ދަތުރުކުރި އަހުމަދު މުޖާހިދެވެ.
މި މައްސަލައިގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް އެއްދުވަސް ދީފަ އެވެ.
އެހެންނަމަވެސް، އޭގެ ފަހުން އެ މުއްދަތު ހަމަވާތީ ފުލުހުން އޭނާއާއި ދެކޮޅަށް ބައެއް ހެކިތައް ވަނީ ހުށަހަޅާފަ އެވެ. އެއާއެކު ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދު އިތުރުކޮށް 14 ދުވަސް ދީފަ އެވެ.
ފުލުހުން ހުށަހަޅާފައިވާ ހެކިތަކުގެ ތެރޭގައި ކާރުގެ ތެރެއިން ފެނިފައިވާ މުޖާހިދުގެ ދަރިފުޅުގެ ވަރަށް ފަހުގެ މެޑިކަލް ރިޕޯޓުތަކެއް ވަނީ ހުށަހަޅާފަ އެވެ. އަދި އެ ލިޔުންތަކަކީ ކުއްޖާގެ ބެލެނިވެރިން ފިޔަވައި އިތުރު ބައެއްގެ އަތުގައި ހުރިން ނާދިރުކަމެއް ކަމަށް ކްރިމިނަލް ކޯޓުން ވަނީ ފާހަގަކޮށްފަ އެވެ.
އޭގެ އިތުރުން ވެސް ފުލުހުން ވަނީ މަސްތުވާތަކެތި ފެނުނު ކާރުގައި މުޖާހިދު ދަތުރުކުރި ގޮތް ހެކީގެ ގޮތުގައި ހުށަހަޅާފަ އެވެ.
ފުލުހުން ބުނާގޮތުގައި އޭނާގެ އިތުރުން ވެސް ގިނަ ބަޔަކު މިކަމުގައި ޝާމިލުވެ އެވެ. އަދި މުޖާހިދުގެ ބެލުމުގެ ދަށުން މަސްތުވާތަކެތި އެކި ތަންތަނަށް ގެންދިއުމުގައި އެމީހުން ހަރަކާތްތެރިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.