ކުރިއަށް އޮތް އަހަރުތަކަށް ޗާޕުކުރާ އިސްލާމާއި ގުރުއާން ފޮތް ޗާޕުކުރާއިރު، މިހާރުގެ ފޮތްތަކުގައި ހުރި ގުރުއާން އާޔަތްތައް އުނިކުރަން މަޝްވަރާކުރިކަމަށް އެޑިއުކޭޝަން މިނިސްޓްރީން އެއްބަސްވެއްޖެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިކަމަށް އެއްބަސްވީ، އާޔަތްތައް އުނިކުރަން އެ މިނިސްޓްރީން ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނަން (އެންއައިއީ)އަށް ފޮނުވި ސިޓީއެއް ލީކުވެފައިވަނިކޮށް އެކަމާއި ގުޅިގެން މިނިސްޓްރީން ނެރުނު ބަޔާނެއްގަ އެވެ.

އެހެންނަމަވެސް އެފަދައިން މަޝްވަރާކޮށް ސިޓީ ފޮނުވީ، ކުރީގައި ޗާޕްކޮށްފައިވާ ބައެއް ފޮތްތަކުގައި ގުރުއާނުގެ ކަލިމަތަކުގައި ކުށް ހުރިކަން ފާހަގަވެގެން ކަމަށާއި، އެ މައްސަލަ ހައްލުކުރުމަށް ކަމަށް އެޑިއުކޭޝަނުން ވަނީ ބުނެފަ އެވެ. އަދި އެއީ ދަރިވަރުން ގުރުއާނަށް ދޭ އަހައްމިއްޔަތުކަން ކުޑަކުުރުމުގެ މަގުސަދުގައި ފޮނުވި ސިޓީއެއް ނޫން ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

"އެގޮތަށް މަޝްވަރާކުރެވުނީ ގުރުއާން ލިޔާއިރު ޖެހޭ ކުށްތައް ތަކުރާރުނުވާނެ ގޮތަށް މި ފޮތްތައް ނައްތާލައިރު ގުރުއާނުގެ އާޔަތްތައް އިހާނާތިކޮށް ބައެއް ފަހަރު އަމަލު ކުރެވޭ ކަމަށް ބައެއް އިލްމުވެރިން ވިދާޅުވާތީ އެވެ." މިނިސްޓްރީން ނެރުނު ބަޔާނުގައިވެ އެވެ.

އޭގެ އިތުރުން މިނިސްޓްރީން ވަނީ ކަރިކިއުލަމް ރިވިޝަންގެ މަސައްކަތާއި ފޮތްތަކުން ފާހަގަކުރެވުނު މައްސަލަތައް އިސްލާހު ކުުރުމުގެ މަސައްކަތް ކުރަމުން ގެންދާއިރު، ގުރޭޑް އެކަކުން ފެށިގެން ގުރޭޑް 12 ގެ އިސްލާމާއި ގުރުއާން ފޮތްތަކުގައިވާ ގުރުއާނުގެ އާޔަތްތައް އުނިކޮށް، އާޔަތްތައް ލިޔުމުގެ ބަދަލުގައި އާޔަތުގެ ނަންބަރު ލިޔެ، ޚަތިމަށް ރެފަރެންސް ދޭގޮތަށް ހަމަޖައްސައިދިނުމަށް އެދިފަ އެވެ.

މިނިސްޓްރީން ވަނީ 2022-2023 ވަނަ އަހަރަށް ފޮތްތަށް ޗާޕުކުރުމަށް އެމިނިސްޓްރީއަށް ފޮނުވާއިރު، މިފަދައިން ބަދަލުތައް ގެނެސްދިނުމަށްފަހުގައި ފޮނުވުމަށް އެދިފަ އެވެ.