އަނެއްކާ ވެސް މިސްކިތުގެ ހުރުމަތް ކަނޑާލި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ފުލުހުން ބުނީ ސ. ފޭދޫގެ މިސްކިތަކަށް ބޮޑުކަމުގޮސްފައިވާކަމުގެ މައްސަލައެއް ފުލުހުންނަށް މިއަދު ހުށަހަޅާފައިވާ ކަމަށެވެ. އަދި އެހެން ދެ މިސްކިތެއްގެ ތަކެއްޗަށް ގެއްލުންދީފައިވާ ކަމުގެ މައްސަލައެއް ވެސް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ މި ދެ މައްސަލަ ވެސް ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވަނީ މިއަދު ހެނދުނު 5:45 ހާއިރު ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އުމުރުން 47 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި، މި މައްސަލަ ފުލުހުންގެ އިދާރާއިން އިތުރަށް ތަހުގީގު ކުރަމުން ގެންދާކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފަހަކަށް އައިސް ރާއްޖޭގައި މިސްކިތުގެ ހުރުމަތް ކަނޑާ މައްސަލަތަކާއި އިސްލާމްދީނާއި ހިލާފު ކަންކަން ކުރާ މައްސަލަތައް ވަނީ އާންމުވެފަ އެވެ.

އެގޮތުން ދީނަށް ފުރައްސާރަކޮށް، މާތްރަސްކަލާނގެއަށް ބަދު ބަސްބުނެ ހުތުރު ބަހުން ވާހަކަ ދެއްކި އަންހެނެއްގެ ވީޑިއޯއެއް ވެސް މިފަހުން ސޯޝަލް މީޑިއާގައި އާންމުވެފައިވެ އެވެ. އޭގެ އިތުރުން ރާއްޖޭގައި އިސްލާމްދީން ފިޔަވައި އެހެނިހެން ދީންތައް ފެތުރުމަށް ވެސް ބަޔަކު މަސައްކަތް ކުރަމުންދާ މައްސަލަތައް ފުލުހުން ދަނީ ބަލަމުންނެވެ.