ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމަށް ދިވެހިން ނަފްރަތު ކުރާ ކަމަށާއި އެމީހުން ތިބުމާ ދެކޮޅަށް ގައުމު ދެކެ ލޯބިވާ ހުރިހާ ރައްޔިތުން ބައިވެރިވުމަކީ މުހިންމު ކަމެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

"އިންޑިއާ މިލިޓަރީ އައުޓް" ކެމްޕޭން ހަރަކާތްތަކަށް ކ. ގުރައިދުއަށް ވަޑައިގެން، އެ ރަށުގައި ތިބި އެމަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ބޭތިއްބުމާ ދެކޮޅަށް ހިންގާ ހަރަކާތުގައި ބައިވެރިވާންވީ ވަކި އުމުރެއް ނުވަތަ ވަކި ގިންތިއެއްގެ ބަޔަކު ނޫން ކަމަށެވެ. އަދި މިކަމުގައި ހުރިހާ އެންމެން ވެސް ބައިވެރިވާން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިއަދު ވެސް މި ހިނގާލުމާ ގުޅިގެން އަޅުގަނޑަށް އެނގޭ ސްކޫލަށް، ބެލެނިވެރިންނަށް ގޮވާފައި އެބައޮތް ކަން. އެކަމަކު ކިހާ ދުވަހަކުތޯ މިކަހަލަ ކަންކަން ކޮށްގެން މިކަން ހިފެހެއްޓޭނީ؟ މިކަމެއް ނުހިފެހެއްޓޭނެ. މިއީ ދިވެހިންގެ ވިންދު. މިއީ ދިވެހިންގެ ހާލުގެ ދުލުން ގޮވާ ވާހަކަ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ޕީޕީއެމްގެ ބޮޑު ސަޕޯޓެއް އޮންނަ ގުރައިދޫގެ ގިނަ ބަޔަކު ބައިވެރިވި އެއްވުމުގައި އެމަނިކުފާނު މިއަދު ވެސް ވިދާޅުވީ ރާއްޖެ އިން އިންޑިއާގެ އަސްކަރިއްޔާ ޖެހޭނީ ފައިބަން ކަމަށެވެ.

"އަޅުގަނޑުމެން ހިތްހަމައެއް ނުޖެހޭ އިންޑިއާ ސިފައިން ތިބޭކަށް. އަޅުގަނޑުމެން ނަފްރަތު ކުރަން. އަޅުގަނޑުމެން ގަބޫލެއް ނުކުރަން މިކަމެއް،" ރައީސް ޔާމީން ވިދާޅުވި އެވެ.

އިންޑިއާ ސިފައިން ބޭރުކުރަން އިދިކޮޅު ކޯލިޝަނުން ހިންގާ ކެމްޕޭންގައި ރައީސް ޔާމީން ކ. ގުރައިދުއަށް ވަޑައިގަތުމުން އެމަނިކުފާނު ސަޕޯޓަރުން ރަށު ތެރޭގައި ހިނގާލަނީ. ފޮޓޯ: ޕީޕީއެމް

އެމަނިކުފާނު ވިދާޅުވީ ރާއްޖެ އިން ދައުވަތު ދިނުމެއް ނެތި މިތަނުގައި އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ ރާއްޖެ ހިފަން އުޅޭ އުޅުމެއްތޯ ސުވާލު އުފެދޭ ކަމަށެވެ. އަދި އިންޑިއާ ސިފައިން ތިބޭ މައްސަލައިގައި ވެސް ދިވެހި ސަރުކާރުން އެކަން ސިއްރުކޮށްގެން އުޅުނު ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އިންޑިއާ ސިފައިންގެ ބަދަލުގައި ރާއްޖޭގައި ތިބީ ފަންނީ ބައެއް ކަމަށް ބުނަމުން ދިޔަ ކަމަށާއި އެކަމަކު، މިހާރު އިންޑިއާގެ އެކިކަންކޮޅުތަކުގައި ސިފައިން ތިބިކަން ޔަގީންވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ އެހެންވެ، މިކަމުން ވެސް މި ސަރުކާރަކީ "ދޮގު މަތީގައި" ތިބި ސަރުކާރެއް ކަން އެނގޭ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އިންޑިއާ ރައްޔިތުންނާއި ދިވެހިރާއްޖެއާ ދެމެދުގައި އަބަދުވެސް އޮތީ ގާތް ގުޅުމެއް ކަމަށާއި، އެ ގުޅުން އެގޮތަށް މުސްތަގުބަލުގައި ވެސް އޮންނާނެ ކަމަށެވެ. ނަމަވެސް ދިވެހިން ދައުވަތު ނުދެނީސް އަދި ރާއްޖެއަށް އުދުވާނެއް ކުރިމަތިވެގެން ބޭރުގެ އަސްކަރީ އެހީއަކަށް އެދިފައިނުވަނީސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންޑިއާ ސިފައިން ތިބޭ ތިބުމަކީ ދިވެހިން ކަންބޮޑުވާ ކަމެއް ކަމުގައި ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

އިތުރަށް ރައީސް ޔާމީން ވަނީ އެ ސިފައިންނަކީ އިސްތިއުމާރީ ބާރެއްތޯ ސުވާލުކުރައްވާފަ އެވެ. އަދި އެ މީހުން ރާއްޖޭގައި ތިބޭނީ ކިހާ މުއްދަތަކަށްތޯ ވެސް އެމަނިކުފާނު ސުވާލު އުފެއްދެވި އެވެ. އިތުރަށް އެމަނިކުފާނު ވިދާޅުވީ މިއިން އެއްވެސް ސުވާލެއްގެ ޖަވާބު އޭގެ ފުންމިނުގައި ލިބޭނެ ގޮތަކަށް ސަރުކާރުން ހަދާފައިވާ އެއްބަސްވުންތައް ހާމަނުކުރި ކަމަށެވެ.

"އިންޑިއާ އައުޓް" ޖަހާފައިވާ ރަތް ކުލައިގެ ޓީޝާޓެއް ތުރު ކުރައްވައިގެން ހުންނެވި ރައީސް ޔާމީން ގުރައިދުއަށް ވަޑައިގަތުމުން އެ ރަށު ގިނަ ބަޔަކު އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ބަނދަރު ސަރަހައްދަށް ޖަމާވި އެވެ. އަދި ރައީސް ޔާމީންގެ ސަޕޯޓަރުން ވެސް ތިބީ އިންޑިއާ މިލިޓަރީ އައުޓް ޖަހާފައިވާ ރަތް ކުލައިގެ ޓީޝާޓް ލައިގެންނެވެ.

އިންޑިއާ ސިފައިން ބޭރުކުރަން އިދިކޮޅު ކޯލިޝަނުން ހިންގާ ކެމްޕޭންގައި ރައީސް ޔާމީން ކ. ގުރައިދުއަށް މިއަދު ވަޑައިގެން ކުޑަކުއްޖަކާ ސަލާމްކުރައްވަނީ. ފޮޓޯ: ޕީޕީއެމް

އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ މައްސަލަ ހޫނުވެ މަޖިލީހުގެ ކޮމިޓީއަށް ޑިފެންސް މިނިސްޓްރީގެ އިސްވެރިން ހާޒިރުކުރުމުން ވިދާޅުވެފައި ވަނީ ޑޯނިއާ އާއި ހެލިކޮޕްޓަރު ދުއްވަން ރާއްޖޭގައި ތިބީ އިންޑިއާގެ 75 ސިފައިން ކަމަށެވެ. އެކަމަކު، އިދިކޮޅު ފަރާތްތަކުން އެކަމެއް ގަބޫލެއް ނުކުރެއެވެ.

އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި އިންޑިއާ ސިފައިންގެ އަދަދު އެއަށް ވުރެ ވެސް ގިނަ ވާނެ އެވެ.