އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުސް، މޭރީ ގްރޭސްގެ މަރުގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި އަންހެން މީހާގެ ބަންދު އިތުރުކޮށްފި އެވެ.

މިދިޔަ އަންގާރަ ދުވަހު މަރުވިއިރު އޭނާ ހުރީ އައިޖީއެމްއެޗްގެ ހީމޯޑަޔަލެސިސް ނަރުހެއްގެ ގޮތުގަ އެވެ.

ފުލުހުން ތުހުމަތުކުރަނީ މޭރީ ގްރޭސް ޕިނޭޑާ ގަސްދުގައި މަރާލާފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން މޭރީގެ ފިރިމީހާ ހައްޔަރުކޮށްފައިވާއިރު، އިއްޔެ ފުލުހުން ވަނީ މޭރީގެ ފިރިމީހާގެ ދިވެހި ލޯބިވެރިޔާވެސް ހައްޔަރުކޮށްފަ އެވެ.

ފުލުހުން ބުނީ މޭރީ ގްރޭސް މަރާލި މައްސަލައިގައި އުމުރުން 24 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މައްސަލައިގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށް 15 ދުވަސް ދީފަ އެވެ.

ގްރޭސްއާއި އޭނާގެ ފިރިމީހާގެ ކައިވެންޏަށް ފަސް އަހަރުވެފައިވާއިރު، އެ ދެމަފިރިންނަށް ކުއްޖަކު ވެސް ލިބިފައިވެ އެވެ. އެހެންނަމަވެސް އެ ދެމަފިރިންގެ މެދުގައި މައްސަލަތަކެއް ޖެހެމުންދިޔަ ކަމަށް އައިޖީއެމްއެޗްގައި މަސައްކަތްކުރާ ނަރުހުންގެ ފަރާތުން ފުލުހުންގެ ތަހުގީގަށް ހާމަވެފައިވެ އެވެ.

މިގޮތުން މި މައްސަލަތައް އިތުރަށް ގޯސްވާން ފެށީ ގްރޭސްގެ ފިރިމީހާ، ފުލުހުން އިއްޔެ ހައްޔަރުކުރި ދިވެހި ނަރުހާއި ލޯބީގެ ގޮތުން ގުޅުނު ހިސާބުން ކަމަށްވެ އެވެ. އޭގެ އިތުރުން މޭރީ މަރާލި ވަގުތު އޭނާގެ ދަރިފުޅު ގޮވައިގެން އެ އަންހެން މީހާ ދާ މަންޒަރު ސީސީޓީވީ ފުޓޭޖްތަކުން ފެންނަ ކަމަށް ވެސް ބައެއް މީޑިއާތަކުން ބުންޏެވެ.