ސުޝާންތު ސިންްގް ރާޖްޕުޓްގެ މަރަށް ހަތަރު މަހަށްވުރެ ގިނަ ދުވަސް ވެފައި ވާއިރު އޭނާއަށް އިންސާފު ހޯދާ ދިނުމަށް އެދި ދުނިޔޭގެ އެކި ހިސާބުތަކުން ސަޕޯޓަރުން ދަނީ ގޮވާލަމުން ނެވެ. މެދުކެޑުމެއް ނެތި ކުރިޔަށްދާ މި އިވެންޓުތަކުގެ ތެރެއަށް މިފަހަރު އިތުރުވެފައި މިވަނީ ނިއުޒިލޭންޑުގެ "ހަކާ" ހަރަކާތެކެވެ.

ނިއުޒިލޭންޑުގެ ގައުމީ ކުޅިވަރު "ރަގްބީ" ކުޅުންތެރިންގެ މެދުގައި މަގުބޫލު ހަރަކާތެއް ކަމުގައިވާ "ހަކާ" ޑާންސް ޕާފޯމަންސެއް ނިއުޒިލޭންޑުގައި ދިރިއުޅޭ ސުޝާންތުގެ ސަޕޯޓަރުން އޭނާއަށް ދީފި އެވެ.

ސުޝާންތުގެ މަރަށް އިންސާފު ހޯދާ ދިނުމަށް ގޮވާލާ ބޭއްވި މިހަރަކާތް ކުރިޔަށްގެންގޮސްފައި ވަނީ ގައުމުގެ އެކި ސަރަހައްދުތަކުގަ އެވެ. އެގޮތުން ހަރަކާތް ކުރިޔަށް ދިޔަ ވަގުތުގައި ސުޝާންތުގެ ފޮޓޮއެއް ވަނީ އެންމެނަށް ފެންނަ ގޮތަށް ބަހައްޓާފަ އެވެ.

މިހަރަކާތުކުގެ ފޮޓޮއާއި ވީޑިއޯ ސޯޝަލް މީޑިއާއަށް ދޫކޮށްލުމުން އެންމެ ފުރަތަމަ މިމަންޒަރުތަކުގެ ސަމާލުކަން އަތުލައިގަތީ ސުޝާންތުގެ އާއިލީ ތަހުމަތްތެރިޔާ ސްމިތާ ޕަރިހްގެ އެވެ. އޭނާ މިމަންޒަރުތައް ހިއްސާކުރުމުން އާންމުންގެ ތެރޭގައި މިހާރު ވަނީ ވައިގަ ހިފާފަ އެވެ.

މީގެ ކުރިންވެސް ނިއުޒިލޭންޑުގެ ސަޕޯޓަރުން ވަނީ ސުޝާންތުއަށް ޓްރިބިއުޓެއް ދީފަ އެވެ. އޮގަސްޓު މަސް ތެރޭ ނިއުޒިލޭންޑުގެ ސިނަމާތައް ހުޅުވުމުން، ސުޝާންތުގެ އެންމެ ފަހު ފިލްމު "ދިލް ބެޗާރާ" އެޅުވުމުގެ ކުރިން ވަނީ ސުޝާންތުގެ ފޭނުން ވަނީ އޭނާގެ ހަދާނުގައި އެއް މިނިޓުގެ ސުކޫތެއް ގެނެސްފަ އެވެ.