އަރަބިއްޔާ ސްކޫލުގައި ކިޔަވާ ދަރިވަރުން ވަގުތީ ގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރުމަށް ނިންމި ނިންމުމާ ދެކޮޅަށް ދަރިވަރުންގެ ބެލެނިވެރިން ސުލްހަވެރި މުޒާހަރާއެއް ކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން އަރަބިއްޔާ ސްކޫލުގައި ކިޔަވާ ދަރިވަރުންގެ ކިޔެވުން އިއްޒުއްދީން ސްކޫލަށް ވަގުތީގޮތުން ބަދަލުކުރުމަށް ނިންމީ، އަރަބިއްޔާ ސްކޫލު އިންގާ އިމާރާތުގައި ރެނދުލައި ބޮޑެތި ގެއްލުންތަކެއް ވެފައިވަނިކޮށް ގިނަ ބައެއްގެ ކަންބޮޑުވުންތައް އަމާޒުވެފައިވަނިކޮށެވެ.

މިކަމާ ގުޅިގެން އެ މިނިސްޓްރީން ވަނީ އަރަބިއްޔާ ސްކޫލް، ކިޔަވާ ދަރިވަރުންގެ ބެލެނިވެރިންނާ ބައްދަލުކޮށް، ކިޔެވުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރަންޖެހިދާނެ ކަމަށް ވެސް ބުނެފަ އެވެ. އަދި މި ނިންމުމަށް އަމަލުކުރަން ނިންމުމުން ދަރިވަރުންގެ ބެލެނިވެރިން ވަނީ މިކަމާ ދެކޮޅަށް މުޒާހަރާކުރަން ފަށާފަ އެވެ.

އަރަބިއްޔާ ސްކޫލް ކުރިމަތީގައި އިއްޔެ ހަވީރު މުޒާހަރާކޮށްފައިވާއިރު، ބެލެނިވެރިން ވަނީ އަރަބިއްޔާ ސްކޫލުގެ ދަރިވަރުން އިއްޒުއްދީން ސްކޫލުގައި ކިޔަވައިދިނުމަކީ އެންމެހާ ކަންކަމަށް ބުރޫ އަރާނެ ކަމެއް ކަމަށް ބުނެފަ އެވެ. އަދި އެ ކުދިންގެ އަރަބި އިސްލާމް މަންހަޖުގެ ތައުލީމަށް ހުރަސްއެޅިދާނެ ކަމަށާއި، އެޑިއުކޭޝަނުން ނިންމި އެ ނިންމުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ސްކޫލް ޕީޓީއޭއިންނާއި ބެލެނިވެރިން ބުނެ އެވެ.

އަރަބިއްޔާ ސުކޫލް އިމާރާތުގައި ރެނދުލައި ބޮޑަށް ހަލާކުވަމުންދާތީ، އެ އިމާރާތުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވެފައިވެ އެވެ. އަދި މި މައްސަލައާއި ގުޅިގެން އާންމުންގެ ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.