ކާމިޔާބު މޮޑެލް އަދި އެމެރިކާ ގޮޓް ޓެލެންޓުގެ ތަރި ހައިޑީ ކްލޫމްއަކީ މުޅި ހޮލީވުޑުގައި ވެސް އެންމެ ގްރޭންޑް ހެލޮވީން ޕާޓީ ބާއްވާ އެއް ފަންނާނެވެ. ނަމަވެސް ކޮވިޑާއި ގުޅިގެން މީހުން އެއްވެ އުޅުން މަނާކޮށްފައި ވުމާއި އެކު ހައިޑީގެ ޕާޓީ ހިޔާލު މިފަހަރު ބަދަލުކޮށްލާފައިވަނީ އާއިލީ ކުރު ބިރުވެރި ފިލްމަކަށެވެ.
"ހައިޑީ ޑަޒް ހެލޮވީން"ގެ ނަމުގައި ހައިޑީގެ އިންސްޓަގްރާމް ޕޭޖަށް ނެރެފައިވާ މިކުރު ފިލްމުގައި އޭނާގެ ފިރިމީހާ އާއި ހަތަރު ކުދިން ފެނިގެންދެ އެވެ. މިކުރު ފިލްމާއި އެކު ހައިޑީ ވަނީ މިއަހަރުގެ ހެލޮވީން ނާޒުކު ވަގުތަކާއި ދިމާވި ކަމުގައި ވިޔަސް ގޭގައި ހުނަރުވެރިކަން ދައްކާލުމަކީ ކުރެވިދާނެ ކަމެއް ކަމަށް ބުނެފަ އެވެ.
ކުރު ފިލްމު ފެށިގެން އަންނަނީ ކާ މޭޒު ދޮށުގައި މުޅި އާއިލާ ތިބެގެން ހެލޮވީންއާއި ބެހޭގޮތުން ސައްލާ ކުރަމުންދާ މަންޒަރަކުންނެވެ. ދެން ފެންނަނީ ހައިޑީ އޭނާގެ ދަރިން މަމީޒްއަށް ހެދުމަށްޓަކައި ޓޮއިލެޓް ޕޭޕާ ބޭނުންކޮށްގެން އެކުދިންގެ ސިފަ ބަދަލު ކުރުމަށް މަސައްކަތް ކުރާ ތަނެވެ. މިމަސައްކަތުގެ ތެރެއިން، ދެން ފެންނަނީ ހައިޑީގެ ގެއަށް ހޮނުއަޅާ އެކުދިން ޒޮމްބީތަކަކަށް ބަދަލުވެ ހައިޑީ ކާލަން އުޅޭ ތަނެވެ. ފަސް މިނިޓުގެ މިކުރު ފިލްމުގައި ބާކީ ފެންނަނީ ޒޯމްބީތައް ކައިރިން ހައިޑީ ސަލާމަތް ވާން ކުރާ ކަންކަމެވެ.
ތަފާތު ގޮތްގޮތަށް ހެދުން އެޅުމަށް ލޯބިކުރާ؛ ހައިޑީގެ ހެލޮވީން ކޮށްޓިއުމް ތަކަކީ އަބަދުވެސް ގިނަ ބައެއްގެ ސަމާލުކަން ދަމައިގަންނަ ލުކް ތަކެކެވެ. މަސައްކަތް ބުރަ މިލުކްތައް ތައްޔާރު ކުރުމަށް ގިނަ ވަގުތު ހޭދަކުރާ ކަމަށް ހައިޑީ ބުނެ އެވެ. އެގޮތުން މިއަހަރުގެ ކުރު ފިލްމުގައި ފެނިގެންދިޔަ ލުކްއަށް ހަތް ގަޑިއިރު ހޭދަވި އިރު، މިދިޔަ އަހަރު ހައިޑީ އޭލިއަނެއްގެ ގޮތަށް ސިފަ ބަދަލުކޮށްފައި ވަނީ 12 ގަޑިއިރުގެ މޭކަޕަކަށް ފަހު ކަމަށް ވެއެވެ.