ސ. ފޭދޫ މިސްކިތަކަށް ގޮސް ބޮޑުކަމުދިޔަ މައްސަލައިގައި ހައްޔަރުކުރި މީހާ ދޫކޮށްލައިފި އެވެ.

އެ މައްސަލައާ ގުޅިގެން އުމުރުން 47 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، އޭނާ ވަނީ ހަމަ އެދުވަހު ދޫކޮށްލާފަ އެވެ.

ފުުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، އެ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާ ދޫކޮށްލީ އޭނާގެ ނަފްސާނީ ހާލަތު ގޯސްވުމުން ކަމަށާއި، ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިފިނަމަ، އޭނާގެ ހާލަތު އިތުރަށް ގޯސްވެދާނެކަމަށް ޑޮކްޓަރު ލަފާދިނުމުން ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ ބޮޑުކަމު ދިޔަ މީހާ ރަނގަޅަށް ބަލަހައްޓަން އޭނާގެ އާއިލާއަށް ފުލުހުން އެދިފައިވާ ކަމަށެވެ.

ފަހަކަށް އައިސް ރާއްޖޭގައި މިސްކިތުގެ ހުރުމަތް ކަނޑާ މައްސަލަތަކާއި އިސްލާމްދީނާއި ހިލާފު ކަންކަން ކުރާ މައްސަލަތައް ވަނީ އާންމުވެފަ އެވެ.

އެގޮތުން ދީނަށް ފުރައްސާރަކޮށް، މާތްރަސްކަލާނގެއަށް ބަދު ބަސްބުނެ ހުތުރު ބަހުން ވާހަކަ ދެއްކި އަންހެނެއްގެ ވީޑިއޯއެއް ވެސް މިފަހުން ސޯޝަލް މީޑިއާގައި އާންމުވެފައިވެ އެވެ. އޭގެ އިތުރުން ރާއްޖޭގައި އިސްލާމްދީން ފިޔަވައި އެހެނިހެން ދީންތައް ފެތުރުމަށް ވެސް ބަޔަކު މަސައްކަތް ކުރަމުންދާ މައްސަލަތައް ފުލުހުން ދަނީ ބަލަމުންނެވެ.