ރާއްޖޭގެ ނުވަ އަތޮޅަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް)އިން ލަފާކޮށްފި އެވެ.

މެޓް އޮފީހުން ހުދު ސަމާލު ނެރެފައި ވަނީ ބ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށެވެ.

މެޓުން ސަމާލު ނެރުނީ މިއަދުގެ ހެނދުނު 8:01 ގަ އެވެ. އަދި މިއަދުގެ ހެނދުނު 8:15 އިން ފެށިގެން 1:00 އާ ހަމައަށް އެ ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުނެ އެވެ.

މި ވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ކަނޑުތައް ގަދަވުން ވެސް އެކަށީގެންވާ ކަމަށް މެޓުން ވަނީ ބުނެފަ އެވެ.

މެޓުން މީގެ ކުރިން މޫސުމަށް ސަމާލުވުމަށް އަންގާފައި ވަނީ ށ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށެވެ. އެ އަތޮޅުތަކަށް ވެސް 19 އާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ލަފާކޮށްފައިވެ އެވެ.

މިފަދަ ދުވަސްތަކުގައި ދަތުރުފަތުރުކުރުމުގައި މޫސުމަށް ރައްކާތެރިވުމަށް މެޓް އިން އަންގާފައިވާއިރު، އެމްއެންޑީއެފުން ވެސް ވަނީ ރައްކާތެރިކަން އިސްކުރުމަށް އިލްތިމާސްކޮށްފަ އެވެ.