ބަންގްލަދޭޝްއިން ރާއްޖެއަށް ހަތަރު ދާއިރާއަކުން އެހީތެރިކަން ދިނުމުގެ އެމްއޯޔޫތަކެއްގައި ސޮއިކޮށްފި އެވެ.

އެމްއޯޔޫތަކުގައި ސޮއިކޮށް އެކަމުގެ ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު އާއި ކެބިނެޓް މެންބަރުންނާއި ބަންގްލަދޭޝް ސަރުކާރުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ދެ ގައުމުގެ ދެމެދުގައި ގާއިމުކުރި ހަތަރު ފަހުމުނާމާގެ ތެރެއިން އެންމެ މުހިންމު އެމްއޯޔޫއަކީ ރާއްޖޭގެ ސިއްޙީ ދާއިރާއަށް ބޭނުންވާ ޕްރޮފެޝަނުން ހޯދުމާއި ތަމްރީން ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ގާއިމުކުރި އެއްބަސްވުމެވެ. ރާއްޖޭގެ ސިއްޙީ ދާއިރާއަށް ބަލާއިރު ގިނަ އަދަދެއްގެ ދިވެހި ޑޮކްޓަރުންނާ ޕްރޮފެޝަނަލުންނަކީ، ބަންގްލަދޭޝްއިން ތަމްރީންވެ ރާއްޖެއަށް ޚިދުމަތްކުރަމުންދާ ފަރާތްތަކެވެ. ޚާއްސަކޮށް މި ކުރިމަތިވި ކޯވިޑްގެ ޙާލާތާ ގުޅިގެން ސިއްޙީގޮތުން ރާއްޖެއަށް ބޭނުންވި އިމަޖެންސީ އެހީތެރިކަން ފޯރުކޮށްދިން ގައުމުތަކުގެ ތެރޭގައި ވެސް ބަންގްލަދޭޝް ހިމެނެ އެވެ. އެ ގައުމުން ރާއްޖެއަށް ވަނީ ޑޮކްޓަރުންގެ ޓީމެއް ފޮނުވާފަ އެވެ.

ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި ވަނީ ބަންގްލަދޭޝްއާ ރާއްޖޭގެ ގާތް ގުޅުން ރަމްޒުކޮށްދިނުމަށް، ރާއްޖޭގެ އަސްކަރިއްޔާއަށް ބަންގްލަދޭޝްއިން ހަދިޔާކުރާ އަސްކަރީ އުޅަނދުތައް ރަމްޒީކޮށް ހަވާލުކުރުން ކުރިއަށްގެން ގޮސްފައި އެވެ. މިއީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާކުރުމަށް ގައުމީ ދިފާއީ ބާރުން ކުރައްވާ މަސައްކަތަށް އެހީތެރިވުމަށް ހަދިޔާކުރި އުޅަނދުތަކެވެ.

ބަންގްލަދޭޝްއާ ރާއްޖެއާ ދެމެދުވަނީ ވިޔަފާރީގެ ދާއިރާއިން ޓެކްސްއާ ގުޅޭ އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފަ އެވެ. މި ފަހުމުނާމާގެ ތެރެއިން ޑަބަލް ޓެކްސޭޝަން ހުއްޓުވުމާ، ޓެކްސްއަށް މަކަރުހެދުމާ ވަގު ވިޔަފާރިތައް ހުއްޓުވުމަށް ދެ ގައުމު ގުޅިގެން މަސައްކަތްކުރުމަށް ވަނީ އެއްބަސްވެފަ އެވެ. އަދި މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓާއެކު ވަނީ، ކުޅިވަރާ ޒުވާނުންގެ ތަރައްޤީއަށް އެކި ދާއިރާތަކުން މަސައްކަތްކުރެއްވުމުގެ އެއްބަސްވުމެއް ވެސް ގާއިމުކޮށްފަ އެވެ. މި އެއްބަސްވުމުގެ ދަށުން ކުޅިވަރުގެ ދާއިރާއިން ބޭނުންވާ ތަމްރީނާ އަދި ޒުވާނުން ބާރުވެރިކުރުމާ، ޒުވާނުންގެ ތަރައްގީއަށް އެކިއެކި ކަންކަންރާވާ ހިންގުން ހިމެނެ އެވެ.

ރާއްޖެ އާއި ބަންގްލަދޭޝްއާ ދެމެދު މިއަދު ބޭއްވި މަތީ ފެންވަރުގެ ބައްދަލުވުމުގައި ރައީސް ސޯލިހު ބައިވެރިވަނީ. ފޮޓޯ: ރައީސް އޮފީސް

1978 ވަނަ އަހަރު ރާއްޖެއާ ބަންގްލަދޭޝްއާއެކު ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރުމަށްފަހު، އެ ގާއުމުން ރާއްޖެއަށް އަންނަނީ އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ރާއްޖެއާ ބަންގްލަދޭޝްއާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރިތާ 43 އަހަރު ވަނީ ފުރިފަ އެވެ.