މޮސްކޯ (24 ޑިސެމްބަރު) - ރަޝިއާގައި ދެއްކުން މަނާ ކޮންޓެންޓް އަދިވެސް ދައްކާ ކަމަށް ބުނެ އެ ގައުމުގެ ކޯޓަކުން ދުނިޔޭގެ އެންމެ ބޮޑު އިންޓަނެޓު ޕްލެޓްފޯމްތައް ކަމަށްވާ ގޫގުލް އާއި ފޭސްބުކް ޖޫރިމަނާ ކޮށްފި އެވެ.
މޮސްކޯގެ ތަންގަސްކީ ޑިސްޓްރިކްޓް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ ގޫގުލްއަށް މަނާ ކުރެވިފައިވާ ކޮންޓެންޓް ނެގުމަށް ދެވުނު ފުރުސަތުތައް އެކި ފަހަރުމަތިން ނަގާލާފައިވާ ކަމަށާއި އެކަމުގެ އިދާރީ ޖޫރިމަނާއެއްގެ ގޮތުން 7.2 ބިލިއަން ރުބެލްސް (ގާތްގަނޑަކަށް 98.4 މިލިއަން އެމެރިކާ ޑޮލަރު) ދައްކަން ޖެހޭނެ ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން ގޫގުލްއިން ބުނީ އިތުރު ފިޔަވަޅެއް އެޅުމުގެ ކުރިން ކޯޓުގެ ލިޔެކިޔުންތައް ބަލާނެ ކަމަށާއި ކުރިއަށް ދާނެ ގޮތެއް ނިންމާނީ އެއަށްފަހު ކަމަށެވެ.
ހުކުރު ދުވަހުގެ ފަހުގެ ވަގުތެއްގައި އެކޯޓުން ވަނީ ހަމަ އެ ދައުވާގައި ފޭސްބުކްގެ ބެެލެނިވެރި ކުންފުނި ކަމަށްވާ މެޓާ 1.9 ބިލިއަން ރުބެލްސް (ގާތްގަނޑަކަށް 27.2 މިލިއަން އެމެރިކާ ޑޮލަރު) އިން ޖޫރިމަނާ ކޮށްފަ އެވެ.
ރަޝިއާއިން ދަނީ މި ފަހަކަށް އައިސް ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކަށް އެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތި ކުރުވަމުންނެވެ. އެގޮތުން މީގެ ކުރިން ވެސް އެގައުމުން ވަނީ ކުދި އަދަދު ތަކުުން ފޭސްބުކްއާއި ގޫގުލް ވެސް ޖޫރިމަނާ ކޮށްފަ އެވެ.
ހަމައެއާއެކު ރަޝިއާ ރައްޔިތުންގެ ޒާތީ މައުލޫމާތު އެގައުމުގެ ސާވަރު ތަކުގައި ރައްކާ ކުރުމަށް އެގައުމުގެ ސަރުކާރުން ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކަށް އަންގާފަ އެވެ.
ރަޝިއާގެ އިދާރާތަކުން ވަނީ މި ހުކުމަކީ ޓެކްނޮލޮޖީ ކުންފުނިތަކަށް ރަނގަޅު ފިލާވަޅެއް ކަމަށް ބުނެފަ އެވެ. -- އަލް އަރަބިއްޔާ