ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ބޫސްޓާ ޑޯޒު 24،000 އަށްވުރެ ގިނަ މީހުން ޖަހައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ބުނާގޮތުން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް 396،570 މީހަކު ޖަހާއިފައިވެ އެވެ. އަދި ދެވަނަ ޑޯޒް ޖެހި މީހުންގެ ތެރޭގައި 366،892 މީހަކު ހިމެނެ އެވެ. އޭގެ އިތުރުން މިހާތަނަށް ޖުމްލަ 24،201 މީހަކު ބޫސްޓާ ޑޯޒް ޖަހާފައިވާކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.

ކޮވިޑުން ސަލާމަތްވުމަށް ބޫސްޓާ ޑޯޒްގެ ގޮތުގައި ރާއްޖޭގައި ބޭނުންކުރަނީ ފައިޒާ ވެކްސިން އެވެ. މި ވެކްސިން ޖަހަނީ ދެވަނަ ޑޯޒް ފުރިހަމަކުރާތާ ހަ މަސް ދުވަސް ފަހުންނެވެ.

އުމުރުން 50 އަހަރުން މަތީގެ މީހުންނާއި ދިފާއީ ނިޒާމް ބަލިކަށި މީހުންނަށް ބޫސްޓާ ޑޯޒް ޖަހަމުން ގެންދާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިމަހުގެ ފުރަތަމަ ހަފްތާގައި ސިއްހީ ދާއިރާގެ ކުރީ ސަފުގައި މަސައްކަތްކުރާ ހިދުމަތްތެރިންނަށާއި، ރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޫސްޓާ ޑޯޒް ޖެހުމަށް ހުޅުވާލާނެ ކަމަށް ބުނެފައިވެ އެވެ.