މިއަހަރު އޮންނަ 48 ވަނަ އެމެރިކަން މިއުޒިކް އެވޯޑު ބޭއްވުމަށް ތައްޔާރީތައް ވަމުން ދާއިރު، މިހަފުލާ މިއަހަރު ޕްރެޒެންޓު ކޮށްދޭނީ ފިލްމީ ތަރި ޓަރާޖީ ހެންސަންކަން އިއުލާންކޮށްފި އެވެ.

ގޯލްޑަން ގްލޯބް ހާސިލުކޮށްފައިވާ ޓަރާޖީ ހެންސަންއަކީ އެކްޓަރެއްގެ އިތުރުން ލިޔުންތެރިއެއް، ޕްރޮޑިއުސަރެއް އަދި ލަވަކިޔުންތެރިއެކެވެ.

ނޮވެންބަރު 23 އަށް ތާވަލު ކޮށްފައިވާ މިހަފުލާ ހޯސްޓު ކުރުމުގެ ޝަރަފު ޓަރާޖީ ލިބިގަންނަނީ މުޅިން އަލަށެވެ. ނަމަވެސް އޭނާއަކީ މިފަދަ ސްޓޭޖުތަކަށް އާ ތަރިއެއް ނޫނެވެ. އެގޮތުން 2009 އަދި 2010ގެ "ބެޓް ސޯލް ޓްރެއިން އެވޯޑް" އާއި 2017ގެ "ބްލެކް ގާލްސް ރޮކް އެވޯޑު" ޝޯއަކީ ގުނާލެވޭ ހަފްލާތަކެވެ.

އެމެރިކަން މިއުޒިކް އެވޯޑު ހަފްލާއަކީ ސަޕޯޓަރުންގެ ތަރުހީބަށް ބަލައިގެން އެވޯޑު ހައްގުވާ ފަރާތްތައް ކަޑައަޅާ ހަފުލާއެކެވެ. އެގޮތުން މިއަހަރުގެ އެވޯޑު ހަފުލާއަށް ނޮމިނޭޓުވެފައި ވަނީ 27 ސެޕްޓެންބަރު 2019 އިން 24 ސެޕްޓެންބަރު 2020 ނިޔަލަށް ނުކުމެފައިވާ މިޔުޒިކީ މަސައްކަތްތަކުގެ ތެރެއިން ބިލްބޯޑު ޗާޓާއި ސްޓްރީމިންގް ހިދުމަތްތައް އަދި ސޯޝަލް މީޑިޔާ ތާއީދާއި އަލްބަމްތަކުގެ ވިޔަފާރިއަށް ބެލުމަށްފަހު އާންމުން އެންމެ ގަޔާވިކަމަށް ހޮވާލެވިފައިވާ މަސައްކަތްތަކެވެ.

އޮކްޓޫބަރު 26ގައި އިއުލާނުކޮށް، މިހާރު ވޯޓިންގް އަށް ހުޅުވާލާފައިވާ މިހަފުލާގެ ނޮމިނޭޝަންސްގެ އެންމެ ކުރީގައި އުޅެނީ 8 ނޮމިނޭޝަނާއެކު ދަ ވީކެންޑާއި ރެޕާ ރޮޑީ ރިޗް އެވެ.