މާލޭގެ ގޯތި ގެދޮރުގެ މައްސަލައާ ބެހޭ ގޮތުން ރައީސް މުހައްމަދު ނަޝީދާއި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ފާޅުކުރައްވާ ޝުއޫރުތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނުސީދާ ބަހުގެ ހަމަލައެއް މިއަދު ދެއްވައިފި އެވެ.

23 ރަށެއްގެ ފެނާއި ނަރުދަމާ މަޝްރޫޢުތަކުގައި ސޮއިކުރުމަށް ސްޓެލްކޯގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ގޯތި ގެދޮރު މައްސަލައާ ބެހޭ ގޮތުން ވެސް ވާހަކަދައްކަވައިފަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އަދިވެސް ރައްޔިތުންގެ ބޭނުންތަކަށްޓަކައި، ތަރައްގީއަށްޓަކައި، އަސާސީ ޚިދުމަތްތައް ހޯދައިދިނުމަށްޓަކައި ކުރަންޖެހޭ ވަރަށްގިނަ މަސައްކަތް އެބަހުރި ކަމަށެވެ. އޭގެ ތެރެއިން އެންމެ މުހިންމު އެއް މަސައްކަތަކީ، މާލޭގެ ރައްޔިތުންގެ ގޯތިގެދޮރުގެ މައްސަލަ. ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"ހަގީގަތުގައި ވެސް މިއީ ބޮޑު ކަމެއްގެ ގޮތުގައި ދެކި، މި ވާހަކަ ދައްކާ ވަރަށްގިނަ ރައްޔިތުން އެބައުޅޭ. އެއީ ހަގީގަތުގައިވެސް އެކަން އޮތް ގޮތް. އަދި އެއާޚިލާފަށް، އެހެން ބޭނުންތަކުގައިމި ވާހަކަ ދައްކާ މީހުން ވެސް އެބައުޅޭ. ސިޔާސީ އެކިއެކި ފައދާ ހޯދުމަށްޓަކައި، ކަނޑައެޅިގެން ކަންއޮތްގޮތް އެނގިހުރެ، މި ވާހަކަ ދައްކާ މީހުން އެބައުޅޭ،" ރައީސް ނަޝީދާއި މުއިއްޒުގެ ނަން ނުގެންނަވައި ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ އެ ހުރިހާ ވާހަކައެއް ވެސް އެ މަނިކުފާނު އަޑުއައްސަވާނެ ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ، މި ސަރުކާރުގައި މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމާއި، ގޯތިގެދޮރުގެ މައްސަލައަށް ވެސް ހައްލެއް ހޯދައިދޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"މިހާރު ވެސް ހުޅުމާލޭގައި 5،000 ފްލެޓް އެޅުމުގެ މަސައްކަތް ކުރިއަށް އެބަދޭ. މީގެ އިތުރުން، މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމުގެ މަޝްރޫއެއް ކުރިއަށް ގެންދިޔުމަށް އަޅުގަނޑުމެން ރާވާފައި އެބައޮތް. އަޅުގަނޑުމެން ގޯތިދޭނީ ގުޅިފަޅުން އެކަންޏެއް ނޫން. ހުޅުމާލެއިންވެސް ގޯތި ލިބޭނެ. އަދި އެހެން ފަޅުތަކުން ވެސް ލިބޭނެ. އަޅުގަނޑުމެން މި ދައްކަނީ 1،000 ގޯތީގެ ވާހަކައެއް ނޫން ދޭން. އޭގެ ދެގުނަ، ތިން ގުނަ، އިރާދަކުރެއްވިއްޔާ ހަތަރު ގުނަ ގޯތި، މާލޭގެ ރަށްވެހިންނަށް، މާލޭގެ ރައްޔިތުންނަށް އަމާޒުކޮށްގެން އަޅުގަނޑުމެން މިކަން ކޮށްދޭނަން،" ގޯތި ގެދޮރުގެ މައްސަލަ ހައްލުކުރެއްވުމަށް ގެންގުޅުއްވާ ޕްލޭނާ ބެހޭ ގޮތުން ރައީސް ސޯލިހު ވިދާޅުވި އެވެ.

މާލޭގެ ރައްޔިތުންނަށް ހުޅުމާލެއިން ހިލޭ ގޯތި ނުދީގެން ރައީސް ނަޝީދާއި މާލޭގެ މޭޔަރު މުއިއްޒު ވެސް ގެންދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.